'ގްރޭސް އެނަޓަމީ'ގެ އެހެން އެކްޓަރަކަށް އޭއެލްއެސް ޖެހިފައިވާކަން ހާމަކޮށްފި

މަޝްހޫރު އެމެރިކަން ޑްރާމާ ސީރީސް "ގްރޭސް އެނަޓަމީ"ގެ އެކްޓަރު އެރިކް ޑޭންގެ މަރަށްފަހު އެ ޝޯގެ އެހެން އެކްޓަރަކަށް އޭއެލްއެސް ނުވަތަ 'އެމިއޯޓްރޯފިކް ލެޓަރަލް ސްކްލެރޯސިސް' ޖެހިފައިވާކަން ހާމަކޮށްފިއެވެ. މި ބަލި ޖެހިފައިވާކަން ހާމަކޮށްފައި ވަނީ "ގްރޭސް އެނަޓަމީ" އަދި "ބެޓާ ކޯލް ސޯލް" ފަދަ މަޝްހޫރު ސިލްސިލާތަކުން ފެނިފައިވާ އެކްޓަރު ރަސަލް އެންޑްރޫސްއެވެ. މޭޔޯ ކްލިނިކުން ބުނާ ގޮތުގައި، އޭއެލްއެސް ނުވަތަ 'އެމިއޯޓްރޯފިކް ލެޓަރަލް ސްކްލެރޯސިސް' އަކީ ނާރުތަކަށް ޖެހޭ، ފުރާނައަށް ނުރައްކާތެރި ބައްޔެކެވެ. މި ބަލީގެ އަލާމާތްތައް އާންމުކޮށް ފެންނަން ފަށަނީ މަސްތައް ތެޅުމާއި، އަތް ނުވަތަ ފައިގެ ބާރު ދެރަވުމުންނެވެ. އެންޑްރޫސްއަށް މި ބަލި ޖެހިފައިވާކަން ހާމަކޮށްފައި ވަނީ، 'ގްރޭސް އެނަޓަމީ'ގައި އޭނާއާ އެކު މަސައްކަތްކުރި އެކްޓަރު އެރިކް ޑޭން މި ބަލީގައި މަރުވިތާ ތިން މަސް ފަހުންނެވެ. އެ ސިލްސިލާގައި ޑރ. މާކް ސްލޯންގެ ރޯލުން މަގުބޫލުކަން ހޯދި ޑޭން މަރުވީ މިދިޔަ ފެބުރުއަރީ މަހުގައެވެ. އެއީ އޭނާއަށް މި ބަލި ޖެހިފައިވާކަން އާންމުކޮށް ހާމަކުރިތާ 10 މަސް ފަހުންނެވެ. މިދިޔަ ފެބުރުއަރީ މަހު މަރުވި 'ގްރޭސް އެނަޓަމީ'ގެ ކުރީގެ އެކްޓަރު އެރިކް ޑޭން--ފޮޓޯ/ދަހޮލީވުޑްރިޕޯޓަރ އުމުރުން 64 އަހަރުގެ އެންޑްރޫސް ސީއެންއެންގެ 'ދަ ސްޓޯރީ އިޒް ވިތް އެލެކްސް މިކޭލްސަން' ޕްރޮގްރާމުގައި ވާހަކަދައްކަމުން ބުނީ، ބަލި ހުރިކަން އެނގުނީ މިދިޔަ އަހަރުގެ ފަހުކޮޅު ކަމަށެވެ. "މިއީ ވަރަށް އުނދަގޫ އަދި ހިތަށް ފަސޭހަ ނޫން ތަޖުރިބާއެއް. ނަމަވެސް، މިދިޔަ އަހަރާ ހަމައަށް އަހަންނަށް ނޭނގޭ، ވަރަށް އޯގާތެރި ބައެއްގެ އެހީތެރިކަން މިހާރު ލިބެމުންދާތީ އެކަމާ އުފާކުރަން،" އޭނާ ބުނެފައިވެއެވެ. އެންޑްރޫސް މި ޕްރޮގްރާމުގައި ބައިވެރިވީ އޭނާގެ ލޯބިވެރިޔާ، އެކްޓްރެސް އެރިކާ ޓަޒެލްއާއެކުގައެވެ. އެންޑްރޫސް ކިޔައިދިން ގޮތުގައި ކޮވިޑް-19ގެ ދުވަސްވަރު ބައެއް އުނދަގޫތައް ކުރިމަތިވުމުން، ފުރަތަމަ އޭނާ ހީކުރީ ސްޓްރޯކެއް ޖެހުނީ ކަމަށެވެ. "އެއީ ވަރަށް ބޮޑަށް ފިއްތުންތައް ހުރި ދުވަސްވަރެއް. މަސްތައް ތެޅުމާއި، ކަރުގެ ނާރެއް ފިތުނީ ކަމަށް ހީވި ބައެއް ކަންކަން ދިމާވި. އަދި އެކަންކަން ވަރަށް ގިނައިން ތަކުރާރުވި. އޭގެ ފަހުން، އާންމުކޮށް އަހަންނަށް ކުރެވޭ ކަންތައްތައް ކުރަން އުނދަގޫވާން ފެށި،" އެންޑްރޫސް ބުނެފައިވެއެވެ. ޑޮކްޓަރުން ލަފާކުރާ ގޮތުގައި، އެންޑްރޫސްއަށް މި ބަލި ޖެހުމުގައި އޭނާ ކޮލެޖުގައި ކުޅުނު ފުޓްބޯޅައިގެ ސަބަބުން ސިކުނޑިއަށް ލިބުނު ގެއްލުންތަކެއް ނުވަތަ 'ކްރޮނިކް ޓްރޯމެޓިކް އެންސެފަލޯޕަތީ'އާ ގުޅުމެއް އޮވެދާނެއެވެ. ނަމަވެސް، މިއީ މީހަކު މަރުވުމަށްފަހު ސިކުނޑި ޓެސްޓުކޮށްގެން ނޫނީ ކަށަވަރުކުރެވޭނެ ކަމެއް ނޫނެވެ. އެންޑްރޫސް އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި ކުރު ފިލްމު "ތްރެޓްސް"އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ