އައްޑޫ ސިޓީގެ މަގު ހެދުމުގެ މަޝްރޫގެ ތެރެއިން ހިތަދޫ މޫލެކެޑެ ސަރަހައްދު ހިއްކަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ކުއްޔަށް ނެގި ވެހިކަލްތަކަށް ފައިސާ ނުދީ ގިނަ ދުވަސް ވާތީ އެ ކުންފުނީގެ އައްޑޫ އޮފީސް ކުރިމަތީގައި މުޒާހަރާކޮށްފި އެވެ.
އަދަދު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނޮވެމްބަރު، 2025، ގައި ބިން ހިއްކުމަށް އާރްޑީސީން ގިނަ އަދަދެއްގެ ވެހިކަލްތައް ކުއްޔަށް ނެގީ ލިފްޓެޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކުންފުނިންނެވެ. ނަމަވެސް އެ ތަކެތީގެ ކުއްޔަށްވާ 8.4 މިލިއަން ރުފިޔާ ދީފައެއް ނުވެ އެވެ.
"އެންމެ ބޮޑު މައްސަލައަކީ އެއްވެސް ވެރިއެއްގެ ޖަވާބެއް ނެތް. އަޅުގަނޑުމެންނަށް ވާއެއް ނުވާއެއް ނޭނގޭ،" ލިފްޓެޑް މޯލްޑިވްސް ކުންފުނީގެ އޮފިޝަލަކު އަދަދަށް މައުލޫމާތު ދެމުން ވިދާޅުވި އެވެ.
ފައިސާ ނުދީ ގިނަ ދުވަސްވުމުގެ އިތުރުން، ކުންފުންޏާ އެއްވެސް މުއާމަލާތެއް ކުރަމުން ނުދާތީ، ލިފްޓެޑް މޯލްޑިވްސްއިން މިއަދު ވަނީ އައްޑޫ އާރްޑީސީ އޮފީސް ކުރިމަތީގައި ވެހިކަލެއް ބާއްވައިގެން ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
އަދާކުރަމުންދާ ވަޒީފާގެ ގޮތުން ނޫހުގައި ނަން ޖެހުމަށް އުޒުރުވެރިވި، ލިފްޓެޑް މޯލްޑިވްސްގެ އޮފިޝަލް ވިދާޅުވީ ޕޭމަންޓް ލަސްވަނީ ފިނޭންސް މިނިސްޓްރީން ބަޖެޓު ހަމަޖައްސައި ނުދީ އޮތުމުން ކަމަށް އެކި ގޮތްގޮތުން ހޯދި މައުލޫމާތުން އާރްޑީސީގެ ތެރެއިން އެނގުނު ކަމަށެވެ.
އެހެން ނަމަވެސް، ކުންފުންޏާ ގުޅުން ހުރި ބައެއް ފަރާތްތަކުން ފިނޭންސް މިނިސްޓްރީގެ އޮފިޝަލުންނާ ބައްދަލުކުރުމުން އާރްޑީސީއަށް ބަޖެޓު ދީ ނިންމާފައިވާ ކަމުގެ ރިޕޯޓުތައް އުޅޭ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
އީއައިއޭއަށް ހެދި ޕަބްލިކް ސާވޭއަށް 1،000 އަށްވުރެ ގިނަ މީހުންގެ ތެރެއިން ގާތްގަނޑަކަށް 62 ޕަސަންޓު މީހުން މަޝްރޫއުއަށް ތާއީދު ނުކުރެ. އެ މަޝްރުއަށް ތާއީދުކުރަނީ އެންމެ 32 ޕަސަންޓު މީހުން.
"މޫލެކެޑޭ ފިށިމަތި" ސަރަހައްދު ހިއްކައިގެން މަގު ހަދަން ސަރުކާރުން ރޭވި މަޝްރޫއު ކުރިއަށް ގެންދިޔައީ އެކަން ނުކުރަން ތިމާވެށި ހިމާޔަތްކުރަން މަސައްކަތްކުރާ ޖަމިއްޔާއަކުން އެދިފައި ވަނިކޮށެވެ.
އެޕްރީލް 3، ގައި ބޭއްވި އިންތިހާބުގެ ކުރިން ރައީސް މުހައްމަދު މުއިއްޒު އެންމެ ފަހުން އައްޑޫއަށް ކުރެއްވި ދަތުރުގެ ތެރެއިން ތިމާވެށި ޕްރޮޖެކްޓު ޖަމިއްޔާގެ ފަރާތުން އެމަނިކުފާނަށް ހަވާލުކުރި ސިޓީއެއްގައި ބުނީ އެތަން ހިއްކަން އެދި ޕެޓިޝަން ކުރީ އެންމެ 122 މީހުން ކަމަށެވެ.
އޭގެ އިތުރުން، އެ ސަރަހައްދު ހިއްކިޔަސް، ހިތަދުއަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމާއި ނުބައި ވަސް ދުވުމުގެ މައްސަލައަށް އެ މަޝްރޫއުގެ ސަބަބުން ހައްލެއް ނުލިބޭނެ ކަމަށް އެ ސިޓީގައިވެ އެވެ. އެ ސަރަހައްދު ހިއްކަން ސަރުކާރުން ނިންމީ ލިންކް ރޯޑް ސީދާ ކުރުމާއި އެ ސަރަހައްދުން ނުބައި ވަސްދުވުން ފަދަ މައްސަލަތައް ހައްލުކުރަން އެދި ޕެޓިޝަނެއް ހުށަހަޅާފައިވާ ކަމަށް ބުނެ އެވެ.
ހިތަދޫ މޫލެކެޑެ ހިއްކަން ކުއްޔަށް ނެގި އުޅަނދުތަކަށް އާރްޑީސީން ފައިސާ ނުދީގެން މުޒާހަރާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ