ޖޫން މަހު ވާރޭވެހޭ މިންވަރު މަދުވެ، ހޫނުމިން މަތިވާނެ ކަމަށް ލަފާކޮށްފި

ޖޫން މަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވާރޭ ވެހޭ މިންވަރު ދަށްވެ، ހޫނުމިން މަތިވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ދުނިޔޭގެ މޫސުމީ ބަދަލުތަކާއި ސަރަހައްދީ މޫސުމީ މަރުކަޒުތަކުގެ ދިރާސާތަކަށް ބިނާކޮށް ނެރެފައިވާ މި ލަފާކުރުންތަކުގައިވާ ގޮތުން، ޖޫން މަހު ވާރޭ ވެހޭނެ ކަމަށް ބެލެވެނީ އާދައިގެ މިންވަރަށް ވުރެ މަދުކޮށެވެ. އަދި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ހޫނުމިން ހުންނާނީ އާދައިގެ މިންވަރަށް ވުރެ މަތީގައި ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.
އެގޮތުން ދުވާލުގެ އެންމެ މަތީ ހޫނުމިނާއި ރޭގަނޑުގެ އެންމެ ދަށް ހޫނުމިން ވެސް އާންމު މިންގަނޑަށް ވުރެ ކުޑަކޮށް މަތިވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މިދިޔަ އަހަރުގެ ޖޫން މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ފަސް ސަރަހައްދެއްގައި ގާއިމުކޮށްފައިވާ މޫސުމީ ސްޓޭޝަންތަކުން ރެކޯޑުކުރެވުނު ވާރޭގެ މިންވަރު ވެސް ވަނީ އާންމު މިންގަނޑަށް ވުރެ ބޮޑުތަނުން ދަށްވެފައި ކަމަށް މެޓް އޮފީހުން ބުނެ އެވެ. 
އެ އޮފީހުން ބުނި ގޮތުގައި 1991 އިން 2020 ވަނަ އަހަރާ ހަމައަށް އެއްކުރެވިފައިވާ މައުލޫމާތަށް ބަލާއިރު، ޖޫން މަހު ހަނިމާދުއަށް އެވްރެޖްކޮށް 229 މިލިމީޓަރުގެ ވާރޭ ވެހެ އެވެ. ނަމަވެސް 2025 ގައި އެ ރަށަށް ވެހުނީ 176 މިލިމީޓަރުގެ ވާރޭއެވެ. ހުޅުމާލެއަށް އާންމުކޮށް 146 މިލިމީޓަރުގެ ވާރޭ ވެހޭއިރު، މިދިޔަ އަހަރު ވެހުނީ 96 މިލިމީޓަރުގެ ވާރޭއެވެ.
މި ތަފާސްހިސާބުތަކުން އެންމެ ބޮޑު ތަފާތެއް ފާހަގަކުރެވުނީ ކައްދޫ ސްޓޭޝަނުންނެވެ. ކައްދޫއަށް އާންމުކޮށް 112 މިލިމީޓަރުގެ ވާރޭ ވެހޭއިރު، މިދިޔަ އަހަރު ވެހިފައިވަނީ އެންމެ 56 މިލިމީޓަރުގެ ވާރޭއެވެ. މިއީ އާންމުކޮށް ވެހޭ މިންވަރުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަށް ވުރެ ވެސް މަދު މިންވަރެކެވެ.
މީގެ އިތުރުން ކާޑެއްދުއަށް 102 މިލިމީޓަރުގެ ވާރޭ ވެހުނުއިރު، އައްޑޫ ސިޓީ ގަމަށް ވެހިފައިވަނީ 139 މިލިމީޓަރުގެ ވާރޭއެވެ. 
ފާއިތުވި 35 އަހަރުގެ ހޫނުމިނުގެ ރެކޯޑުތަކަށް ބަލާއިރު، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެންމެ މަތީ ހޫނުމިން ހުރީ 31.2 އާއި 31.9 ޑިގްރީ ސެލްސިއަސްއާ ދެމެދުގައެވެ. އަދި އެންމެ ދަށް ހޫނުމިން ހުރީ 25.2 އާއި 26.9 ޑިގްރީ ސެލްސިއަސްއާ ދެމެދުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ