(ބުދަ ދުވަހާ ގުޅޭ)
"ހަފީޒާ ބަލާ އަތުވެއްޖެ!" ނާޒިރު ބުނުއްވިއެވެ.
ލިބުނު ހައިރާންކަމެއްގެ ސަބަބުން ގޮނޑިން ތެދުވަން ވެސް ހަފީޒާއަކަށް ނޭނގުނެވެ. ނާޒިރަށް ބަލަހައްޓައިގެން އިނދެވުނީއެވެ. ދޭތެރެއަކުން ނާޒިރު ކުލާހަށް ދުރުވެ ކުދިން ގެންދަވާ ތަން ހަފީޒާއަށް ފެނެއެވެ. އެ ކުދިން ގެންދަނީ ކޮން ތަނަކަށްކަން ވެސް ފަހުން އެނގެއެވެ. ނޭނގުނީ އެ ފަދަ ދުވަހެއް ހަފީޒާއަށް އަތުވެދާނެކަމެވެ.
"އަވަހަށް ދޭ ހަފީޒާ!" މުދައްރިސް ބުނުއްވިއެވެ.
ފޮތްތައް ހިފައިގެން ހަފީޒާ ތެދުވިއެވެ. ނާޒިރުއާ އެކުގައި ހިނގައިގަތެވެ.
"އަޅުގަނޑު ފުރަތަމަ ދާނީ ގެއަށް،" ކުލާހުން ނުކުމެފައި ހަފީޒާ ބުންޏެވެ. "ބައްޕަ ގާތުގަ ބުނެލަން ޖެހޭނެ."
"ހިޔެއް ނުވޭ ތި ފުރުސަތު ލިބޭނެ ހެނެއް،" ނާޒިރު ބުނުއްވިއެވެ. "ވިދާޅުވިޔޯ ހަމަ މިހާރު ހަފީޒާ ގެންނާށޭ!"
ހަފީޒާ ވިސްނައިލިއެވެ. ހިތް ނެގިނެގިފައި ޖެހެއެވެ.
"ރައްޓެހި ކުއްޖަކާ އެކީގަ ދާން ބޭނުމީ!" ހަފީޒާ ބުންޏެވެ.
"ތި ކަމެއް ވެސް ނުވާނެ،" ނާޒިރު ބުނުއްވިއެވެ. "ހަފީޒާ ގެންނާށޭ ވިދާޅުވީ. އޭގެ މާނަ ހަފީޒާއަށް ވެސް އެނގޭނެ."
ހަފީޒާ މަދަރުސާގެ އޮފީހަށް ދިޔަ އިރު މުހައްމަދުފުޅު އިންތިޒާރުގައި ހުއްޓެވެ. ރަސްމީ ހެދުމުގައެވެ. އޭނައަކީ ސަނިއްޔާގެ ޕިޔޯނެވެ. އެހެނަސް، ހަމީދަށް ބޭނުންފުޅުވާ "ހާއްސަ ކަންކަން" ހަމަޖެއްސުމުގައި އެންމެ އަރިސްކޮށް އުޅޭ މީހަކީ ވެސް މުހައްމަދުފުޅެވެ. އެންމެނަށް އެ ކަން އެނގެއެވެ. ހަފީޒާ ފެނުމުން އުފަލުން މުހައްމަދުފުޅުގެ ހުރިހައި ދަތްތަކެއް ފެނުނެވެ. ހީވަނީ އަހިތެޅިވަނެއް ހެންނެވެ.
"އަވަހަށް ހިނގާ ކަނބުލޯ!" އުފަލާ އެކުގައި މުހައްމަދުފުޅު ބުންޏެވެ.
ދެ މީހުން އެކުގައި ހިނގައިގަތެވެ. އެތައް ސުވާލެއް އަހަން ހަފީޒާ ބޭނުންވިއެވެ. އެކަމަކު މުހައްމަދުފުޅާ ވާހަކަ ދައްކާ ހިތްނުވީއެވެ. ހިނގާފައި ދިޔަ މަގުމަތީގައި، ފެންނަ ކޮންމެ މީހަކު ނުފެންނަ ކަމަށް ހެދެން މަސައްކަތް ކުރެއެވެ. ގަނޑުވަރަށް ދާ ބޮޑު މަގަށް އެޅި އިރު، މަގު ހަލާކުވެގެން ހަދަނީއެވެ. މަސައްކަތު މީހުންގެ ތެރޭގައި ކުޅުދުއްފުށީ ދޮށީކޮއި ހުއްޓެވެ. އޭނައަކީ ހަފީޒާ ބައްޕަގެ ގާތް އެކުވެރިއެކެވެ. ހަފީޒާ ހިތަށް އެރިއެވެ. އޭނަގެ ކަންފަތް ބުޑުގައި ސިއްރެއް ބުނެވިދާނެއެވެ. އޭރުން ބައްޕަޔާ ހަމައަށް އެ ޚަބަރު ރައްދުވާނެއެވެ. ގާތުގައި ހުރި މުހައްމަދުފުޅުގެ ހިތުގައި ވެސް އެ ޝައްކު އުފެދުނު ކަހަލައެވެ.
"މިހެން ހިނގާ! މާ ފަސޭހަވާނެ." މުހައްމަދުފުޅު ބުންޏެވެ.
އެއީ ފަސޭހަޔަކަށް އޭނަ ކުރި ކަމެއް ނޫނެވެ. އެ ގޯޅި އެޅުމުން މަގު ދުރުވާނެއެވެ. ހަފީޒާއަށް އެ ވަރު އެނގެއެވެ. އެ ގޯޅިން ޅަމަޑު ދޮހުއްތު، ބޯ މަތީގައި ދޮލަނގު ބަހައްޓައިގެން ތޯތްގޮވަމުން އަންނަ ތަން ހަފީޒާއަށް ފެނުނެވެ.
"ދޯޅަނބާ، ގޮމަށްޓާ، ހުތްއަނބާ، ލުނބޮޔާ، ނާރިނގާ، މުރާތްކާ، ބިލިމަގާ، ކާމަރަގައާ، ޏަމުޏަމާ، ހެލެނބެއްޔާ، ކުއްޅަވަކާ، ގިތެޔޮމިރުހާ، ތޮރާ ގަންނާނެއްބާ؟" ރާގުލާފައި ޅަމަޑު ދޮހުއްތު ގޮވައިލިއެވެ.
ދޮހުއްތުއަކީ ހަފީޒާ ބައްޕަގެ ވަރަށް ގާތް ރައްޓެއްސެކެވެ. ހަފީޒާ ހިތަށް އެރިއެވެ. މި ފުރުސަތުގެ ބޭނުން ހިފާނަމެވެ. ދޮހުއްތުއާ ދިމާއަށް މުހައްމަދުފުޅު ލޯބޮޑުކޮށްލި ތަނެއް ހަފީޒާއަކަށް ނުފެނެއެވެ. އެންމެ ކައިރިއަށް އޮތް ގޯޅި އަޅައިގެން، ހަފީޒާގެ ލޯމަތިން ދޮހުއްތު ގެއްލުނެވެ. ވީ ކީއްކަން ވެސް ހަފީޒާއަށް ނޭނގިއެވެ. ލިބުނު ދެ ފުރުސަތު ވެސް ގެއްލުވައިލާފައި ހަފީޒާ ގޮވައިގެން އައިސް ގަނޑުވަރުގެ ވަލުދޮރާށި ކައިރީގައި މުހައްމަދުފުޅު މަޑުކޮށްލިއެވެ. ދޮރުމަތީގައި ހުރި ފާރަވެރިޔާ ދޮރު ހުޅުވައިލިއެވެ.
"ކަނބުލޮ ވަދޭ!" މުހައްމަދުފުޅު ބުންޏެވެ.
ވަންނަންނުވަންނަން އިރުކޮޅަކު ހުރެލާފައި ހަފީޒާ އެތެރެއަށް ވަނެވެ. އެއީ ތަނަވަސް ތަނެކެވެ. މަގުގެ ދެ ފަރާތުގައި މާގަސްތައް ހައްދާފައި ހުއްޓެވެ. ކުލަކުލައިގެ އޯކިޑުމާ އާދަޔާ ހިލާފަށް ގިނައެވެ. ގަސްތަކު ތެރެއިން ބޮނޑަނައަކާއި ބުޅިތުންބަކާއި ސާމަރާދޫންޏެއް ފެނުނެވެ. ޗޮންޗޮންއިލޮޅިއެއްގެ އަޑުއިވުނު ހެން ވެސް ހީވިއެވެ. އެ އަޑަކީ، އަސަރުކުރުމުގެ ހިއްސުތައް ހޭލައްވާލަދޭ މިޔުޒިކެއް ހުންނަ ގޮވުމެކެވެ. މެދުގައި ފެންގަނޑެއް އޮތެވެ. ފެންގަނޑުގައި ބޭނގާއި ޖަޕާނުމަހާއި ފެންމީރުމަސް އުޅެއެވެ. ދޫނި އައިސް ކައި، ފެންބޮއި ހަދަން ކުދި ގެތަކެއް ވެސް ހަދައިފައި ހުއްޓެވެ. ބައެއް ގެ ހުންނަނީ ދިގު ދަނޑިއެއްގައެވެ. އަނެއްބައި ގެ ހުންނަނީ ގަސްގަހުގައެވެ. އެއްވެސް ގެއެއްގައި ދޫންޏެއް އުޅޭ ތަނެއް ހަފީޒާ ނުދެކެއެވެ. އެ މާހައުލަކީ ހަފީޒާ އުޅޭ ހިތްވާ ކަހަލަ މާހައުލެކެވެ. އެ ފަދަ ތަނެއްގައި ވާހަކަ ކިޔަން އިނދެވޭނެ ނަމައޭ ހަފީޒާ ހިތަށް އެރިއެވެ. ސާމަރާދޫންޏަށް ހަފީޒާ ފެނުމާ އެކު ގަސްތަކު ތެރެއިން ނުކުމެ ފިޔަގަނޑު ހުޅުވައިލިއެވެ. ހީވީ މަރުހަބާކިއި ހެންނެވެ. ހަފީޒާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.
"ސާމަރާދޫންޏަށް ހަފީޒާ ވަރަށް ކަމުގޮއްސި." ހަމީދު ވިދާޅުވި އަޑު އިވުނެވެ.
ސިހިފައި ހަފީޒާ އެ ދިމާއަށް ބަލައިލިއެވެ. ހަމީދު ހުންނެވީ ގޭގެ ދޮރުމަތީގައި، ދެ އުކުޅުގައި އަތްވިއްދަވައިގެންނެވެ. ހަމީދު އަޑެއްލައްވައިލެއްވުމާ އެކު ސާމަރާދޫނި ފިޔަގަނޑު ލައްޕައިލާފައި ހަމީދުއާ ދިމާއަށް ހިނގައިގަތެވެ.
"މީ ޑޭޒީ!" ހަމީދު ވިދާޅުވިއެވެ. "ވަރަށް ބަސްއަހާނެ، ވަރަށް ތޫނުފިލި ވެސް ވާނެ. ބަލައްޗޭ!"
އެހެން ވިދާޅުވެފައި ހަމީދު އަތްޕުޅުން އިޝާރާތެއް ކޮށްލެއްވިއެވެ. ކޮށްލެއްވުމާ އެކު ސާމަރާދޫނި އަނެއްކާ ވެސް ފިޔަގަނޑު ހުޅުވައިލިއެވެ. އެ ރީތި މަންޒަރު ހަފީޒާ ދުވަހަކު ވެސް ހަނދާނެއް ނުނެތޭނެއެވެ.
"އުޅޭނެ އިރުވާހުދެއް ވެސް،" ގަސްތަކަށް ބައްލަވައިލައްވަމުން ހަމީދު ވިދާޅުވިއެވެ. "އެކަމަކު އެ ސޮރު އެހާ ފަސޭހައިން ރައްޓެއްސެއް ނުވާނެ. ގިނަ ދުވަހު ފެނިގެން ރައްޓެހިވާނީ. ތަންކޮޅެއް ގިނަގިނައިން ހަފީޒާ އެބަ ޖެހޭ އަންނަން. ހިނގާ އެތެރެއަށް."
ހަފީޒާގެ މޫނުމަތީގައި ހުރި އުފާވެރިކަމަށް ހިޔަނި އެޅުނެވެ. ހަމީދުއާ އެކުގައި ހިނގައިގަތެވެ. ހަފީޒާގެ ގެއަކީ ވެސް ގަނޑުވަރަކަށް ވުރެ ވަކި ދެރަ ތަނެއް ނޫނެވެ. އެކަމަކު ހަމީދުގެ ގަނޑުވަރު ވަރެއް ނޫނެވެ. ދުނިޔޭގެ އެކި ބައްރުތަކުން ހަމީދު ގެންނަވައިފައި ހުންނަ ޒީނަތީ ސާމާނުތަކުގެ ސަބަބުން ގަނޑުވަރުގެ ރައުނަގު އިތުރުވެ، ހައިބަތު ބޮޑުވެފައިވެއެވެ. ހަފީޒާ ހީކުރީ، އަދަބުވެރިކަމާ އެކު އިސްޖަހާލައިގެން ތިބި ނޯކަރުން ވެސް ފެންނާނެ ކަމަށެވެ. އެކަކު ވެސް ނުފެނެއެވެ. ހީވާ ކަހަލައެވެ. އެއީ ނޯކަރުން ވަނުން މަނާ ސަރަހައްދެކެވެ. ނުވަތަ މަނާ ވަގުތެކެވެ. ހަފީޒާ ގޮވައިގެން ހަމީދު ވަޑައިގަތީ ވަލުފަރާތު ފެންޑާގައި ހުރި އުނދޯލިދާންކޮޅަށެވެ. އުނދޯލިދާންކޮޅު ދަށުގައި އޮތް ބޯ، މަޑު ދޫލަ މައްޗަށް ހަމީދު އަރައިވަޑައިގެންފައި، އިށީނުމަށް ހަފީޒާއަށް އިޝާރާތް ކުރެއްވިއެވެ. ހަފީޒާ އިށީނުމުން ހަމީދު އިށީނދެވަޑައިގަތެވެ. އުނދޯލި މަތީގައި ފޮތްތައް ބެހެއްޓިއެވެ.
"މި ތަން ރީތިތަ؟" ހަމީދު އެއްސެވިއެވެ.
"ލައްބަ!" އެތައް އިރަކު ވިސްނާފައި ހަފީޒާ ޖަވާބުދިނެވެ.
އުޅޭ ހިތްވޭ؟" ހަމީދު އެއްސެވިއެވެ.
އެތައް އިރަކު ވިސްނައިފައި ވެސް ދޭނެ ޖަވާބެއް ހަފީޒާއަކަށް ނޭނގުނެވެ. ހިތުގައި އޮތް ޖަވާބު ދޭން ސިކުނޑި އެއްގަލަކަށް ނޭރިއެވެ.
"ކީއް ކުރަންތޯ އަޅުގަނޑު މި ތަނަށް.." ހަފީޒާއަށް ބުނެވުނީ އެ ހިސާބަށެވެ.
"އާއިލާ ބެލެހެއްޓުމުގެ ޒިންމާ މި އުފުލަނީ ބައްޕަ،" ހަމީދު ވިދާޅުވިއެވެ. "އެ ޒިންމާ ދަރިފުޅުގެ ބޮލުގަ އެޅުނީމަ، ވަރަށް ހިކުމަތްތެރިކަމާއި ކެތްތެރިކަމާ އެކީގަ ވިސްނަން ޖެހޭނީ. ލޯތްބަކީ ވަރަށް އެހެން ކަހަލަ ޖަޒުބާތެއް. ދަރިފުޅު ދެކެ ބައްޕަ ލޯބިވާތީ، ބައްޕަ ބޭނުންވާ ގޮތް ބުނަން ނުކެރޭ ފަހަރު ވެސް އަތުވެދާނެ. އެއީ ވާ ކަމެއް. އެ އަންނަނީ އާއިލާ ބެލެހެއްޓުމުގެ ޒިންމާޔާ ދަރިފުޅު ހަވާލުވާންޖެހޭ ދަނޑިވަޅު. އެ ކަން ހަނދާން ކޮށްދޭން މި ގެނައީ. ބައްޕަޔާ އާދަނާ ދޭތެރޭ ވެސް ފުންކޮށް ވިސްނާލާ!"
އާދަނު ފުންކޮށް ވިސްނިއެވެ. ގަޑިން ހަވީރު ހަތަރެއް ޖަހަނީއެވެ. ފެންފަރުދާގޭގައި މީހުން މަދު ވަގުތެކެވެ. ޖެހިގެން ހުރި ޖޯލީގައި ހަފީޒާ އިނދެގެން ގިސްލި އިރު، ދެން ހެދޭނެ ގޮތަކާ މެދު އާދަނު ވިސްނިއެވެ. ހަމީދު ދެއްކެވި ވާހަކަ، އަކުރުންއަކުރަށް ހަފީޒާ ކިޔައިދިނެވެ. ހަފީޒާ ބޭނުންވާ ގޮތް ހާމަކުރިއެވެ.
"އަހަރެން އިންނަން ބޭނުމީ އާދަނާ!" ސާބިތުކަމާ އެކުގައި ހަފީޒާ ބުންޏެވެ. "އަހަރުމެން މަދަރުސާއިން ކެނޑިގެން ފުރައިގެން ދާނީ."
"ކޮން ތާކަށް؟" އާދަނު ސުވާލުކުރިއެވެ.
"ކޮންމެ ތާކަށް ވިޔަސް ހެޔޮ،" ހަފީޒާ ބުންޏެވެ. "އާދަނު ގެންދާ ކޮންމެ ތާކަށް ދާން އަހަރެން ތައްޔާރު. އާދަނު ހުރިއްޔާ އަހަރެން ނުޖެހޭނެ ވިސްނާކަށް. ބުނޭ އާނއެކޭ! އަހަރުމެންނަށް ފިލައިގެން އުޅެވޭނެއްނު ދޯ؟"
ފުން ނޭވައެއް ބޭރުކޮށްލާފައި އާދަނު ޖޯލީގައި އޮށޯވެލިއެވެ. ހިތުގައި ޅިޔައެޅޭހައި ތޫނުކަން ލޯބިގައި ހުންނަ އިރު، ހައިހޫނުކަން އެއީ ވެސް ހަގީގަތެކެވެ. ހަފީޒާޔާ އިނދެގެން މާލޭގައި އާދަނަށް އުޅެވިދާނެއެވެ. ރަށެއްގައި އުޅެވޭނެހެއްޔެވެ؟ އުޅެން މަޖުބޫރުހެއްޔެވެ؟
"ހަމީދު ކަންތައް ހާދަހާ ބޮޑުވެއްޖޭ!" އާދަނަށް ބުނެވުނެވެ. "ރައްޔިތުން ރުޅި އަންނަނީ ހަމަ އަންނަންވެގެން. ދުވަހަކު ވެސް އަހަރެން އަތުން މީހަކު މަރުވަންޏާ..."
ފުރަތަމަ ލޯބި ކާމިޔާބުކޮށް، އެ ލޯބީގައި ކައިވެނީގެ ކުލަ ޖެހިޖެހިއޮއްވައި އެ ދެމެދަށް ހަމީދު ވެންނެވުމުން އާދަނުގެ ސިކުނޑި ސުމަކަށް ދިޔައެވެ. ހަފީޒާއާ މެދު އާދަނުގެ ހިތުގައި އެއްވެސް ޝަކުވާއެއް ނެތެވެ. އާދަނަށް ދެން ވެސް ހަފީޒާ ހެވެވެ. އާދަންކަލޭފާނު ވެސް އެހައިމެ ހެވެވެ. މައްސަލައަކީ އެ މީހުންނަށް ހަމީދު ކުރިމަތި ކުރައްވާފައިވާ މަޖުބޫރީއެވެ. އޭގެ ބަދަލުހިފަން އާދަނުގެ ހިތް ވަސްވާސްދޭން ފެށިއެވެ. ކައިވެންޏަށް ކުރިމަތިވެފައިވާ ހުރަސް ނައްތައިލުން ނޫން ގޮތެއް އާދަނަކަށް ނުވިސްނުނެވެ. ހަމީދަށް ވިސްނައިދިނުމަކީ އާދަނަށް ކުރެވޭނެ ކަމެއް ނޫނެވެ.
އަލިރަސްގެފާނު ފާލަން މަތީގައި ވިސްނަން އިރުކޮޅަކު އިނދެލާފައި، ތެދުވެގެން އެއްގަމާ ދިމާއަށް އާދަނު ހިނގައިގަތެވެ. ހަވީރުގެ ހިޔާޖެހެމުންއައި ވަގުތެވެ. ރުއްތަކާ ހަމައަށް އާދެވުނު ވަގުތު ކުއްލިއަކަށް އެއްޗެއް ވެއްޓުނު ތަން ފެނުނެވެ. އާދަނު ބަލައިލި އިރު އެއީ މަރުވެ، ހަރުދަނޑިވެފައިވާ ކާޅެކެވެ.
"ކަލޮއަށް ކިހިނެއްވީ؟" ފައިން ކާޅު ފުރޮޅައިލާފައި އާދަނު އެހިއެވެ.
އެ ވަގުތު ރުއްގަނޑު ތެރެއިން ދޮހޮއްކޮ ނުކުތް ތަން ފެނުނެވެ. ނުކުތް ގޮތަށް އާދަނަށް ބަލައި ވެސް ނުލައި، އާދަނު ހުރަސްކޮށްފައި ދިޔައެވެ.
"ބަލަބަލަ!" އާދަނު ގޮވައިލިއެވެ. "މާތްކަލާކޯ! މާ އަވަސްއަރުވާލާފަ ކޮން ދިމާއަކަށް ތި ދަނީ؟"
"މި އުޅެނީ މީދަލުގެ ބަލާވެރިކަން ޖެހިގެން ސަލާމަތްނުވެވިގެން،" ދޮހޮއްކޮ ބުންޏެވެ. "ކޮކަޑި ލައިގެން ވެސް އެއިން އެއްޗެއް މަރުވެފަ އޮންނަ ތަނެއް ނުފެނޭ!ނެތްތަ ވިހާރަކަކޮޅެއް، ތަނބިވަކެއް، ނޫމަދަރަކަކޮޅެއް އެއްޗެއް؟"
އާދަނު ވިސްނައިލިއެވެ. އެއީ ކުރިން ނާންނަ ހިޔާލެކެވެ. (ނުނިމޭ)
ދަރޭތި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ