ޓްރަމްޕްގެ ސިއްހީ ހާލަތު ރަނގަޅު، އެކަމަކު ބަރުދަން ލުއިކޮށް ކަސްރަތު ކުރަން ޖެހޭ: ޑޮކްޓަރު

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަހަރީ މެޑިކަލް ޗެކަޕަށް ފަހު، އެމަނިކުފާނުގެ ސިއްހީ ހާލަތު "ވަރަށް ރަނގަޅު" ކަމަށް ޑޮކްޓަރު ވިދާޅުވެއްޖެ އެވެ.
ވައިޓް ހައުސްއިން ހުކުރު ދުވަހު އާންމުކުރި މެމޯއެއްގައި ކެޕްޓަން ސޯން ބާބަބެލާ ލިޔުއްވާފައިވާ ގޮތުގައި، އަންނަ މަހު 80 އަހަރު ފުރޭ ޓްރަމްޕްގެ ހިތާއި، ފުއްޕާމެޔާއި، ނާރުގެ ނިޒާމުގެ އިތުރުން ޖިސްމާނީ ދުޅަހެޔޮކަން ވެސް ހުރީ ވަރުގަދަކޮށެވެ.
ޓްރަމްޕްގެ ބަރުދަނަށާއި އަތުގައި ނޫވެފައިވާ ތަންތަނަށް ރިއާޔަތް ކުރި ނަމަވެސް، ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ހުރިހާ މަސްއޫލިއްޔަތުތަކެއް އަދާކުރުމަށް ޓްރަމްޕް ހުރީ "ފުރިހަމައަށް ފިޓްކޮށް" ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.
މިދިޔަ އަންގާރަ ދުވަހު ވޯލްޓާ ރީޑް ނޭޝަނަލް މިލިޓަރީ މެޑިކަލް ސެންޓަރަށް ޒިޔާރަތްކުރައްވައި ހެއްދެވި މި ޓެސްޓުތަކަށް ފަހު، ޓްރަމްޕްގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ "ޓްރުތް ސޯޝަލް" ގައި ވިދާޅުވީ "ހުރިހާ ކަމެއް ވެސް ދިޔައީ ވަރަށް ފުރިހަމައަށް" ކަމަށެވެ.
މިއީ މިދިޔަ އަހަރު ވައިޓް ހައުސްއަށް އެނބުރި ވަޑައިގެންނެވި ފަހުން ޓްރަމްޕް ހެއްދެވިކަން އެނގޭ ތިންވަނަ މެޑިކަލް ޗެކަޕެވެ.
އެމެރިކާގެ ރައީސްކަމުގެ ހުވާކުރެއްވި އެންމެ ދުވަސްވީ ބޭފުޅާގެ ގޮތުގައި ފާހަގަކުރެވޭ ޓްރަމްޕް، ސިކުނޑީގެ ދުޅަހެޔޮކަން ދެނެގަތުމަށް ހަދާ "މޮންޓްރިއަލް ކޮގްނިޓިވް އެސެސްމަންޓް" އިން 30 އަކުން 30 މާކްސް ހޯއްދަވާފައިވާ ކަމަށާއި، އެއީ އާންމު މިންގަނޑުތަކުގެ ތެރޭގައި ހުރި ނަތީޖާއެއް ކަމަށް އެ މެމޯގައިވެ އެވެ.
ޓްރަމްޕްގެ ބަރުދަނުގައި މިހާރު 108 ކިލޯ ހުރިއިރު، މިއީ 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ހެއްދެވި މެޑިކަލް ޗެކަޕަށް ވުރެ 6.3 ކިލޯ އިތުރު އަދަދެކެވެ. ބާބަބެލާ ވިދާޅުވީ ކެއުމުގެ އާދަތަކާއި، ޖިސްމާނީ ހަރަކާތްތަކާއި، ބަރުދަން ލުއިކުރުމާ ގުޅޭ އިރުޝާދު ރައީސަށް ދީފައިވާ ކަމަށާއި، ކޮލެސްޓްރޯލް ކޮންޓްރޯލް ކުރުމަށް އެމަނިކުފާނު ބޭސް ބޭނުންކުރައްވަމުން ގެންދަވާ ކަމަށެވެ.
ޓްރަމްޕްގެ އަތްޕުޅު ނޫފައިގަނެފައި ހުރުމާއި ފައި ދުޅަވެފައި ހުރުމުގެ ސަބަބުން، އެމަނިކުފާނުގެ ސިއްހަތާ މެދު އާންމުންގެ މެދުގައި ކަންބޮޑުވުމާއި ސުވާލުތައް މީގެ ކުރިން އުފެދުނެވެ.
މިދިޔަ ޖުލައި މަހު ހާމަވި ގޮތުގައި، ޓްރަމްޕަށް ވަނީ "ކްރޮނިކް ވީނަސް އިންސަފިޝަންސީ" ކިޔާ ނާރުގެ ބައްޔެއް ޖެހިފަ އެވެ. މިއީ ފައިގެ ނާރުތަކުން ހިތަށް ލޭ ފޮނުވައިދިނުމުގައި ދަތިތަކެއް ކުރިމަތިވެ، ފައިގެ ތިރީބައިގައި ލޭ ޖަމާވެ ދުޅަވާ ބައްޔެކެވެ.
ޓްރަމްޕްގެ އަތްޕުޅު ނޫފައިގަނެފައި ހުންނަނީ، ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް "އެސްޕިރިން" ބޭނުންކުރައްވާތީ އާއި، ގިނަގިނައިން މީހުންނާ ސަލާމްކުރެއްވުމުގެ ސަބަބުން މަޑު މަސްތަކަށް ލިބޭ ކުދިކުދި ގެއްލުންތަކުގެ ސަބަބުން ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
ބާބަބެލާ ފާހަގަކުރެއްވި ގޮތުގައި މިގޮތަށް ނޫފައިގަތުމަކީ އެސްޕިރިން ބޭނުންކުރުމުން އާންމުކޮށް ދިމާވާ، ނުރައްކަލެއް ނެތް ކަމެކެވެ.
ޓްރަމްޕް މީގެ ކުރިން ވަނީ އެސްޕިރިން ބޭނުންކުރައްވާ ގޮތާ ބެހޭގޮތުން ވާހަކަދައްކަވާފަ އެވެ. އެގޮތުން ވޭތުވެދިޔަ 25 އަހަރު ދުވަހު، ޑޮކްޓަރުން ލަފާދޭ މިންވަރަށް ވުރެ އިތުރަށް އެމަނިކުފާނު އެސްޕިރިން ބޭނުންކުރައްވާ ކަމަށް ވިދާޅުވެފައިވެ އެވެ.
މީގެ އިތުރުން، ގޮލްފް ކުޅުން ފިޔަވައި އެހެން އެއްވެސް ކަހަލަ ކަސްރަތެއް ގަވާއިދުން ކުރަން ބޭނުންފުޅު ނުވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.
މިއީ މަޖުބޫރު ކަމަކަށް ނުވި ނަމަވެސް، ފާއިތުވި ދިހަވަރަކަށް އަހަރުގެ ތެރޭގައި އެމެރިކާގެ ރައީސުން މިފަދަ އަހަރީ މެޑިކަލް ޓެސްޓުތައް ހެއްދެވުމަކީ އާންމު އުސޫލަކަށް ވަނީ ވެފަ އެވެ.
ކުރީގެ ރައީސް ޖޯ ބައިޑަން 2021 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އުމުރުފުޅަކީ 78 އަހަރެވެ. އެމަނިކުފާނުގެ ދައުރު ނިމެން ކައިރިވެފައި ވަނިކޮށް، ސިއްހީ ހާލަތާ މެދު އާންމުންގެ މެދުގައި ވަރަށް ބޮޑަށް ބަހުސް ކުރެވުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ