ހައްޖުގެ މާތް އަޅުކަން އަދާކުރަން ލިބޭ މުއްދަތު، ދުނިޔެއަށް އަންނަމުންދާ މޫސުމީ ބަދަލުތަކުގެ ސަބަބުން މަޑުމަޑުން ކުރުވަމުންދާ ކަމަށް ހުކުރު ދުވަހު ޝާއިއުކުރި އާ ދިރާސާއަކުން ދައްކައިފި އެވެ.
ދުނިޔޭގެ އެންމެ ހޫނުގަދަ އަދި އެންމެ ހަނަފަސް އެއް ސަރަހައްދު ކަމަށްވާ ސައުދީ އަރަބިއްޔާގެ ހުޅަނގުގައި އޮންނަ މައްކާގައި ބާއްވާ ހައްޖުގެ އަޅުކަމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން މިލިއަނުން މީހުން އެއްތަންވާ، ދުނިޔޭގެ އެންމެ ބޮޑު ދީނީ އެއްވުމެވެ. މި އެއްވުމުގައި ބައިވެރިވާ ހާޖީންނަށް އާދަޔާ ހިލާފު ގަދަ ހޫނަކާ ކުރިމަތިލާންޖެހޭތާ އަހަރުތަކެއް ވެއްޖެ އެވެ.
މި އަހަރުގެ ހައްޖު މޫސުމުގައި ވެސް މައްކާގެ ފިނިހޫނުމިން ހުރީ 40 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތީގަ އެވެ.
އިނގިރޭސި ވިލާތުގެ "ވޯލްޑް ވެދާ އެޓްރިބިއުޝަން" އިން ހެދި ދިރާސާއެއްގައި ބުނެފައިވަނީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ހައްޖުގެ "ރައްކާތެރި ވިންޑޯ" ނުވަތަ ރައްކާތެރި ދުވަސްވަރު ކުރުވަމުންދާ ކަމަށެވެ. އަދި މި މޭ މަހު މައްކާއަށް ވަމުންދާ ހޫނަކީ 1980 ގެ އަހަރުތަކުގައި އެ ގައުމުގެ ހޫނު މޫސުމުގައި ހުރި ފަދަ ގަދަ ހޫނެއް ކަމަށް ވެސް އެ ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.
ހައްޖުގެ އަޅުކަން ބިނާވެގެންވަނީ އިސްލާމީ ހިޖުރީ ކަލަންޑަރުގެ މައްޗަށެވެ. އެހެންވެ، ކޮންމެ އަހަރަކު ވެސް މީލާދީ ކަލަންޑަރަށް ވުރެ ހައްޖު ދުވަސްވަރު ގާތްގަނޑަކަށް 11 ދުވަސް ކުރިއަށް ޖެހެ އެވެ. ޖެހިޖެހިގެން އެތައް އަހަރަކު ހޫނު މޫސުމުގެ ދުވަސްވަރު ހައްޖުގެ އަޅުކަން ދިމާވުމަށްފަހު، މި އަހަރުގެ ހައްޖު މޫސުން ދިމާވީ މޭ މަހުގެ ފަހުކޮޅަށެވެ. އަދި ކުރިއަށް އޮތް 2027 ވަނަ އަހަރު ހައްޖުގެ އަޅުކަން ދިމާވާނެ ކަމަށް ލަފާކުރެވެނީ މޭ މަހުގެ މެދުތެރެއަށެވެ.
ދިރާސާކުރި މީހުން ގޮތުގައި ކުރިއަށް އޮތް ތަނުގައި ހައްޖު ދުވަސްވަރު މަޑުމަޑުން ފިނި މޫސުމާ ދިމާލަށް ޖެހެމުންދާނެ އެވެ. މިހެން ވުމުގެ ސަބަބުން، ހޫނުން ސަލާމަތްވުމަށް ވަގުތީ ލުޔެއް ލިބުނަސް، ދުނިޔޭގެ ފިނިހޫނުމިން މަތިވަމުންދާ މިންވަރަށް ބަލާއިރު މިއީ އެކަށީގެންވާ ވަރަށް ފިނިކަން ލިބޭނެ ބަދަލެއް ނޫން ކަމަށް ވަނީ ބުނެފަ އެވެ.
މޫސުމީ ބަދަލުތަކުގެ ސަބަބުން، މައްކާގައި މީގެ ކުރިން ފިނިކޮށް އޮންނަ މަސްތަކުގައި ވެސް އާދަޔާ ހިލާފަށް ހޫނުގަދަވާ ވަގުތު ދަނީ ދިގުވަމުންނެވެ. ދިރާސާގައި ބުނެފައިވާ ގޮތުން 1970 އާއި 1990 އާ ދެމެދުގެ އަހަރުތަކުގެ ހޫނު މޫސުމުގައި މައްކާގެ އެވްރެޖް ފިނިހޫނުމިން ހުންނަނީ 32 ޑިގްރީ ސެލްސިއަސްގަ އެވެ. ނަމަވެސް މިހާރު ކޮންމެ އަހަރެއްގެ މޭ މަހެއްގައި ވެސް ފިނިހޫނުމިން އެވަރަށް ނުވަތަ އެއަށްވުރެ މައްޗަށް ދާނެ ކަމަށް ބެލެވެ އެވެ. ސިނާއީ އިންގިލާބުގެ ކުރީގެ ދުވަސްތަކާ އަޅާބަލާއިރު، މޫސުމީ ބަދަލުތަކުގެ ސަބަބުން މި އެވްރެޖް ވަނީ 3.5 ޑިގްރީ ސެލްސިއަސްއަށް މަތިވެފަ އެވެ.
އިސްލާމްދީނުގެ ފަސް ރުކުނުގެ ތެރެއިން އެއް ރުކުން ކަމަށްވާ ހައްޖުގެ އަޅުކަމުގެ ގިނަ ކަންކަމަކީ މައްކާގެ މާތް ބިންތަކުގައި، އިމާރާތްތަކުގެ ތެރޭގައި އަދި ހާމަ ބިމުގައި، އެތައް ދުވަހަކަށް ބެހިގެން ކުރިއަށްގެންދާ އަޅުކަންތަކެކެވެ.
މީގެ ކުރިން، 2024 ވަނަ އަހަރުގެ ހައްޖު މޫސުމުގައި ފިނިހޫނުމިން 50 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ދިއުމުގެ ސަބަބުން، ހޫނުގަދަވެގެން 1,300 އަށް ވުރެ ގިނަ ހާޖީން ވަނީ ނިޔާވެފަ އެވެ. އެ ހާދިސާއަށްފަހު ސައުދީ ސަރުކާރުން ވަނީ ހޫނުން ސަލާމަތްވުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފަ އެވެ. މީގެ ތެރޭގައި ހާމަ ބިންތަކާއި ހާޖީން އެއްވާ ތަންތަނުގައި އެއާކޮންޑިޝަން ބޭނުންކުރުން ވަރަށް ބޮޑަށް އިތުރުކުރުން ހިމެނެ އެވެ.
ނަމަވެސް، މުސްތަގުބަލުގައި މިކަން އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު އެބައޮތެވެ. އެމެރިކާގެ ސައިންޓިފިކް ޖާނަލްއެއް ކަމަށްވާ "ޖިއޯފިޒިކަލް ރިސާޗް ލެޓާސް" ގައި 2019 ވަނަ އަހަރު ޝާއިއުކުރި ދިރާސާއަކަށް ބަލާއިރު، ކުރިއަށް އޮތް ތަނުގައި ހައްޖުގެ ދުވަސްވަރުގެ ހޫނުމިން "އިންތިހާއަށް ނުރައްކާތެރި ދަރަޖައަކަށް" މަތިވާނެ ކަމަށް ލަފާކުރެވެ އެވެ. އެގޮތުން 2047 އާއި 2052 އާ ދެމެދުގެ އަހަރުތަކުގައި އަދި އޭގެ ފަހުން 2079 އާއި 2086 އާ ދެމެދުގެ އަހަރުތަކުގައި ހައްޖު މޫސުމުގެ ހޫނުގެ ސްޓްރެސް ނުރައްކާ މިންވަރަކަށް މަތިވާނެ ކަމަށް އެ ދިރާސާއިން ދައްކައެވެ. -- އޭއެފްޕީ
މޫސުމީ ބަދަލާ އެކު ހައްޖު މޫސުމުގައި ހޫނު ގަދަވެ، ފިނި ދުވަސްތައް މަދުވަނީ: ދިރާސާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ