ޔަހޫދީންނާ ދެކޮޅު ވާހަކަތަކާ ހެދި ކާންޔޭގެ އިޓަލީ ކޮންސެޓް ހުއްޓުވައިފި

އިޓަލީގެ އުތުރުގެ ސިޓީއެއް ކަމަށްވާ ރެޖިއޯ އެމީލިއާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ކާންޔޭ ވެސްޓް އަދި ޓްރެވިސް ސްކޮޓްގެ ކޮންސެޓްތައް، އާންމު މަސްލަހަތާއި ސަލާމަތީ ސަބަބުތަކަށްޓަކައި އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ހުއްޓުވައިފި އެވެ.
ޕްރިފެކްޓް ސަލްވަޓޯރޭ އަންޖިއޭރީ ހުކުރު ދުވަހު އިއުލާން ކުރެއްވި ގޮތުގައި، އަންނަ ޖުލައި މަހު ބޭއްވުމަށް ތާވަލުކުރި މި ދެ ހަރަކާތް ކެންސަލް ކުރަން ނިންމީ، ކާންޔޭ ވެސްޓްގެ ޝޯ ހުއްޓުވުމަށް އެ ސަރަހައްދުގެ ޔަހޫދީ ޖަމާއަތުން އެދުމާ ގުޅިގެންނެވެ.
އެ ޖަމާއަތުގެ ލީޑަރު ނިކޮލެޓާ އުޒިއެއްލީ ވަނީ، ކާންޔޭ ވެސްޓްގެ ޝޯގެ ބަދަލުގައި، މިއުޒިކަކީ އެންމެން އެއްބައިކުރުވާ އެއްޗެއްގެ ގޮތުގައި ދައްކުވައިދޭ ފަދަ ހަރަކާތެއް ބޭއްވުމަށް އެ ސަރަހައްދުގެ އޮފިޝަލުންގެ ކިބައިން އެދިފަ އެވެ.
ކާންޔޭ ވެސްޓް ޔަހޫދީންނާ ދެކޮޅަށް ދެއްކި ވާހަކަތަކާ ގުޅިގެން ދަނީ ބޮޑު ފިއްތުންތަކާ ކުރިމަތިވަމުންނެވެ. މި މައްސަލަތަކާ ގުޅިގެން ދާދި ފަހުން އޭނާ އިނގިރޭސިވިލާތަށް އެތެރެވުން ވެސް ވަނީ މަނާކޮށްފަ އެވެ.
މިހާރު "ޔޭ" ގެ ނަމުން މަޝްހޫރުވެފައިވާ އެމެރިކާގެ މި ރެޕް ލަވަކިޔުންތެރިޔާ ޝޯ ދިނުމަށް ހަމަޖެހިފައި އޮތީ ޓްރެވިސް ސްކޮޓްގެ އިތުރުން ދަ ޗެއިންސްމޯކާސް، ރީޓާ އޯރާ އަދި ސްވިޑިޝް ހައުސް މާފިއާ ފަދަ ފަންނާނުންނާ އެކުގަ އެވެ.
އެ ސަރަހައްދުގެ ޕްރިފެކްޗާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ޝޯތައް ކެންސަލް ކުރަން ނިންމީ ބައެއް މުހިންމު ކަންކަމަށް ރިއާޔަތްކުރުމަށް ފަހު ކަމަށެވެ. އޭގެ ތެރޭގައި އެހެން ގައުމުތަކުގައި ވެސް ކާންޔޭ ވެސްޓްގެ ކޮންސެޓްތައް ކެންސަލްކޮށްފައިވުމާއި، މި ޝޯއާ ދެކޮޅަށް މުޒާހަރާތަކެއް ހިނގައިފާނެ ކަމުގެ ބިރު އޮތުން ހިމެނެ އެވެ.
ޓްރެވިސް ސްކޮޓަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވާން ފެށީ، 2021 ވަނަ އަހަރު އެމެރިކާގެ ޓެކްސަސްގެ ހިއުސްޓަންގައި ބޭއްވި "އެސްޓްރޯވޯލްޑް" ފެސްޓިވަލްގައި ހިނގި ހާދިސާއެއްގައި އުމުރުން 9 އަހަރާއި 27 އަހަރާ ދެމެދުގެ 10 މީހަކު މަރުވުމާ ގުޅިގެންނެވެ.
އެ ފެސްޓިވަލްގެ މައި ޝޯގައި ސްކޮޓް ލަވަކިޔަމުން ދިޔައިރު، ހުއްދަ ދީފައިވާ މިންވަރަށް ވުރެ ގިނަ މީހުން ސްޓޭޖާ ދިމާލަށް ޖަމާވުމުގެ ސަބަބުން ހިނގި ހާދިސާގައި އެތައް ހާސް ބަޔަކަށް އެކިވަރުގެ އަނިޔާ ލިބުނެވެ.
މީގެ އިތުރުން، މި އަހަރުގެ ހޫނު މޫސުމުގައި ލަންޑަނުގައި ބޭއްވުމަށް ހަމަޖެހިފައި އޮތް "ވަޔަލެސް ފެސްޓިވަލް" ވެސް މިދިޔަ މަހު ވަނީ ކެންސަލްކޮށްފަ އެވެ. އެއީ އެ ފެސްޓިވަލްގެ މައި ފަންނާނެއްގެ ގޮތުގައި އިއުލާންކުރި ކާންޔޭ ވެސްޓް ކުރިން ދައްކާފައިވާ ވާހަކަތަކާ ގުޅިގެން އޭނާ އިނގިރޭސިވިލާތަށް ވަނުމުގެ ހުއްދަ ނުދިނުމުންނެވެ. 
ކާންޔޭ ވެސްޓް ވަނީ 2022 ވަނަ އަހަރު ސޯޝަލް މީޑިއާގައި ޔަހޫދީންނާ ދެކޮޅަށް ޕޯސްޓްތަކެއް ކޮށްފަ އެވެ. އަދި މިދިޔަ އަހަރުގެ މެއި މަހު އޭނާ ވަނީ "ހެއިލް ހިޓްލާ" ގެ ނަމުގައި ލަވައެއް ނެރެ، ނާޒީންގެ ނިޝާން ކަމަށްވާ "ސްވަސްޓިކާ" ޖަހާފައިވާ ޓީޝާޓްތަކެއް ވެސް ވިއްކާފަ އެވެ.
އޭނާ އިނގިރޭސިވިލާތަށް ވަނުން މަނާކުރުމާ ގުޅިގެން، އެހެން ގައުމުތަކުގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ގިނަ ޝޯތަކެއް ވެސް ވަނީ ކެންސަލްކޮށްފަ އެވެ.
އެގޮތުން، ފްރާންސްގެ މާސޭގައި ބޭއްވުމަށް ހަމަޖެހިފައި އޮތް އޭނާގެ ޓުއާގެ ބައި، ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާކަން އޭޕްރިލް 15 ގައި ވަނީ އިއުލާންކޮށްފަ އެވެ. 
މީގެ އިތުރުން، ޕޮލެންޑްގެ ޗޯޒޯވްގައި ހުންނަ ސިލޭސިއަން ސްޓޭޑިއަމްގައި ޖޫން 19 ގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ކޮންސެޓް ވެސް، ގާނޫނީ އަދި އިދާރީ ސަބަބުތަކަކާ ހުރެ ކެންސަލްކޮށްފައިވާ ކަމަށް އެ ސްޓޭޑިއަމުން އޭޕްރިލް މަހު ވަނީ ބުނެފަ އެވެ.
މިދިޔަ ޖެނުއަރީ މަހު ވޯލް ސްޓްރީޓް ޖާނަލްގައި ޝާއިއުކުރި ދިގު ބަޔާނެއްގައި، ކާންޔޭ ވެސްޓް ވަނީ އޭނާގެ އަމަލުތަކަށް މައާފަށް އެދިފަ އެވެ.
އެ ބަޔާނުގައި އޭނާ ލިޔެފައިވަނީ، އޭނާއަކީ ނާޒީއެއް ނޫން ކަމަށާއި އަދި ޔަހޫދީންނާ ދެކޮޅު މީހެއް ވެސް ނޫން ކަމަށެވެ. އަދި އޭނާ ޔަހޫދީން ދެކެ ލޯބިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
މީގެ އިތުރުން، އޭނާގެ ކިބައިގައި ހުންނަ "ބައިޕޯލާ ޑިސްއޯޑާ" ނުވަތަ ނަފްސާނީ ބަލީގެ ސަބަބުން، ހަގީގީ ދުނިޔެއާ އޭނާގެ ގުޅުން ކެނޑިފައިވާ ކަމަށް ވެސް ވެސްޓް ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ