"އަގުމަގު" ޕޯޓަލް"އިން އަތޮޅުތެރޭގެ އަގުތައްވެސް ފެންނާނެ ގޮތް ހަދަނީ

"އަގުމަގު" ޕޯޓަލް މެދުވެރިކޮށް އަތޮޅުތެރޭގެ ފިހާރަތަކުންވެސް ތަކެތި ލިބެން ހުންނަ އަގުތައް ފެންނާނެގޮތް ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އިޤުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އަގުމަގު ޕޯޓަލްއަކީ ބާޒާރުގައި އެންމެ އަގުހެޔޮކޮށް ތަކެތި ލިބެންހުރި ފިހާރަތައް އެނގޭނެގޮތަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އިފްތިތާހްކޮށްފައިވާ ޕޯޓަލެކެވެ. މިޕޯޓަލް މެދުވެރިކޮށް ކާބޯތަކެތީގެ އަގުތައް އެއްތަނަކުން ފޯރުކޮށްދެވޭނެކަމަށް އިޤުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
އިޤުތިޞާދީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ގެނެސްދޭ "ޓްރޭޑް ޑެސްކް ވިތު އަނާ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިސްމާޢީލު ރިފާޢު ވިދާޅުވީ، އަގުމަގު ޕޯޓަލްއިން މިހާރު ފެންނަނީ ހަމައެކަނި މާލެ ސަރަޙައްދުގައި ތަކެތި ވިއްކަން ހުންނަ އަގުތައްކަމަށެވެ. އެހެންނަމަވެސް "އަގުމަގު" މުޅި ރާއްޖެއަށް ފުޅާކުރުމަށް ކުރައްވާ މަސަައްކަތުގެ ތެރެއިން، އަތޮޅުތެރޭގެ ރަށްރަށުގައިވެސް ތަކެތި ވިއްކަން ހުންނަ އަގުތައް ފެންނާނެހެން ޕޯޓަލްއަށް ބަދަލުތަކެއް ގެނައުމަށް މަސައްކަތްކުރަމުންދާކަމަށް ވިދާޅުވިއެވެ.
ސްޓޭޓް މިނިސްޓަރ ވިދާޅުވީ، އެ ވުޒާރާއިން މަސައްކަތްކުރައްވަނީ އަތޮޅުތެރޭގެ ރަށްރަށުގައި ތަކެތި ވިއްކަން ހުންނަ އަގުތައް އަންނަ މަހުގެތެރޭގައި "އަގުމަގު" ޕޯޓަލް މެދުވެރިކޮށް، ފެންނާނެގޮތް ހެދުމަށްކަމަށެވެ.
"މިވަގުތު އަޅުގަނޑުމެންނަށް އަގުތައް ނެގެމުން މިދަނީ މާލެ ސަރަޙައްދުގައި. ޕީއޯއެސް އިންޓަގްރޭޓް ކުރެވޭ ހިސާބުން ފެށިގެން ރަށްރަށުގެ އެކި އައުޓްލެޓްތަކުގަވެސް ތަކެތި ވިއްކަން ހުންނަ އަގުތައް ފެންނާނެ. މިއާއެކު މުޅި ރާއްޖެއަށް އަގުމަގު ފުޅާކުރުމުގެ މަސައްކަތްވެސް ކުރިއަށް އެބަދޭ. އަޅުގަނޑުމެން މި މަސައްކަތްކުރަނީ ޖުލައިމަސްތެރޭގައި މީގެ ބޮޑުބައެއް ނިންމުމަށް" ސްޓޭޓް މިނިސްޓަރ އިސްމާޢީލް ރިފާއު ވިދާޅުވިއެވެ.
މިޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރިފާޢު ވަނީ ރައްޔިތުންނަށް ފަސޭހަކަމާއެކު "އަގުމަގު" ބޭނުންކުރެވޭނެ މަގުފަހިކޮށްދިނުމަށް ޚާއްސަ އެޕްލިކޭޝަނެއް ތައްޔާރުކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށްވެސް ވިދާޅުވެފައެވެ.
މި އެޕްލިކޭޝަންގައި ޕޯޓަލުން ފެންނަން ނުހުންނަ ގިނަ ފީޗަރތަކެއް ހުންނާނެކަމަށާއި، އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކަމާއެކު، ފިހާރަތަކުގައި ތަކެތި ވިއްކަން ހުންނަ އަގުތައް ފެންނާނެކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
އަގުމަގު ޕޯޓަލްގައި ހުންނަ އަގުތަކަކީ އިޤުތިސާދީ ތަރައްޤީއާ ބެހޭ ވުޒާރާގެ އިންސްޕެކްޝަން ޓީމްތަކުން ފިހާރަތަކަށާއި ބާޒާރުތަކަށްގޮސް ނަގާފައިވާ އަގުތަކެވެ.
އަގުމަގު ޕޯޓަލްގައިވާ އަސާސީ ކާބޯތަކެއްޗަކީ ބައިނަލްއަޤްވާމީ އަދި ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން އަސާސީ ކާބޯތަކެތިކަމަށް ކަނޑައަޅާފައިވާ މިންގަނޑުތަކަށް ރިޢާޔަތްކޮށް ތައްޔާރުކޮށްފައިވާ ލިސްޓެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ