ހަރުދަނާ ވެރިކަމެއްގެ އަސާސް: ގާބިލުކަމާއި އަމާނާތްތެރިކަން

އެމީހެއްގެ ތައުލީމާއި ތަޖުރިބާގެ މައްޗަށް ބިނާކޮށް ވަޒީފާ ދިނުމަކީ ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ކަނޑައެޅިފައިވާ މިންގަނޑެކެވެ. އެއީ ކޮންމެ ވަޒީފާއެއް ކަމުގައި ވިޔަސް މެއެވެ. އެހެންކަމުން ގައުމެއް ހިންގުމަށް އިސްކުރެވޭ މީހަކީ، ތައުލީމާއި ތަޖުރިބާގެ ގޮތުންނާއި، ހިންގުމުގެ ހުނަރާއި، މީހުން ގޮވައިގެން އުޅެން އެނގުމުގެ ހުނަރު ފަދަ ކަންކަން ހުރުން މުހިންމު އަދި ލާޒިމު މީހެކެވެ. އަދި އެއީ އަޅުގަނޑުމެންގެ ދީން އަޅުގަނޑުމެންނަށް ދައްކުވައިދީފައިވާ މަގު ވެސް މެއެވެ.
ވެރިކަމަކީ ގައުމެއް ނުވަތަ މުޖުތަމައެއް ބަލަހައްޓައި، ހިންގައި، އަދި ކަންކަން ނިންމުމުގެ މަތީ ބާރެވެ. މީގެ މައިގަނޑު ބޭނުމަކީ ރައްޔިތުންގެ ރައްކާތެރިކަމާއި އަމާންކަން ދެމެހެއްޓުމެވެ. ވެރިކަމުގެ މުހިންމު ބޭނުމަކީ، ދާހިލީ އަދި ހާރިޖީ ނުރައްކާތަކުން ރައްޔިތުން ސަލާމަތްކުރުމުގެ ގޮތުން އަމާން ވެއްޓެއް ގާއިމުކޮށްދިނުމާއި، ރައްޔިތުންނަށް ބޭނުންވާ ތައުލީމާއި، ސިއްހަތާއި، ދިރިއުޅުމުގެ އެހެނިހެން ޟަރޫރީ ހިދުމަތްތައް ގާއިމުކޮށްދިނުމާއި، ހަރުދަނާ އިގްތިސާދީ ނިޒާމެއް ގާއިމުކުރުމެވެ.
ގާބިލު ވެރިއަކު ހުރުމަކީ ގައުމެއްގެ މިސްރާބު ރަނގަޅު މަގުން ހިފަހައްޓައި، ހަމަޖެހުމާއި ތަރައްގީ ކަށަވަރުކޮށްދޭ އެންމެ މައިގަނޑު ބާރެވެ. ގާބިލުކަމަކީ ހަމައެކަނި ބާރު ހިންގުމެއް ނޫނެވެ؛ އެއީ އިލްމާއި، ހިކުމަތާއި، އަދި ހުނަރުގެ އެހީގައި ރައްޔިތުން ގޮވައިގެން ކުރިއަށްދިއުމެވެ.
ހަރުދަނާ ވެރިއަކު ހުރުމުގެ ބޭނުމަކީ، ގައުމަށް ދިމާވާ ބޮޑެތި ގޮންޖެހުންތަކުގައި ސާބިތުކަމާއެކު އަވަސް ނިންމުންތައް ނިންމުމާއި، ވަކި ފަރާތަކަށް ނުޖެހި، ހުރިހާ ރައްޔިތުންގެ މެދުގައި ހަމަހަމަކަމާއެކު އިންސާފު ގާއިމުކުރުމާއި، ދުރުވިސްނޭ، ހިކުމަތްތެރި ސިޔާސަތުތަކެއްގެ ދަށުން ގައުމުގެ މުސްތަގްބަލު ބައްޓަންކުރުމާއި، މުޖުތަމައުގެ ބައިބައިވުންތައް ނައްތާލައި، އެއްބައިވަންތަކަމާއި ސުލްހަމަސަލާސްކަން ދެމެހެއްޓުމާއި، ދައުލަތުގެ މުއައްސަސާތަކަށް ނަމޫނާ ދައްކުވައި، ކޮރަޕްޝަނުން ސަލާމަތްވެފައިވާ ނިޒާމެއް ހިންގުމެވެ.
މިކަންކަން ކުރުމަށްޓަކައި ހަރުދަނާ ވެރިއަކު ހުރުމަކީ ގައުމެއް ނުވަތަ މުޖުތަމައެއް ކުރިއަރައިދިއުމުގެ އެންމެ މުހިންމު ބިންގަލެވެ. ހަރުދަނާ ވެރިއެއްގެ ސަބަބުން މުޅި ނިޒާމު ސީދާވެ، ރައްޔިތުންނަށް އޭގެ ފައިދާ ކުރާނެއެވެ.
އިސްލާމްދީނުގައި ވެރިކަން ކުރުމުގެ ގާބިލުކަމާއި އަމާނާތްތެރިކަމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވެއެވެ. އިސްލާމީ ނަޒަރަކުން ބަލާއިރު ވެރިކަމަކީ ބޮޑު މަސްއޫލިއްޔަތެކެވެ. 
އަލްބަޤަރާ ސޫރަތުގެ 247 ވަނަ އާޔަތުގައި ޠާލޫތުގެ ރަސްކަމާ ބެހޭ ގޮތުން ﷲ ވަޙީކުރައްވާފައިވާ އާޔަތުން ހާމަވެގެންދަނީ ވެރިއެއްގެ ކިބައިގައި ޢިލްމާއި ހުނަރު ހުރުމުގެ މުހިންމުކަމެވެ. އަދި ސޫރަތު ޔޫސުފްގެ 55 ވަނަ އާޔަތުގައި ﷲ ވަހީކުރައްވާފައިވާ ބަސްފުޅުން ހާމަވެގެންދަނީ ވެރިއެއްގެ ކިބައިގައި އިލްމާއި ހުނަރު އަދި އަމާނާތްތެރިކަން ހުރުމުގެ މުހިންމުކަމެވެ.
"އެކަލޭގެފާނު ވިދާޅުވިއެވެ. (މިޞްރުގެ) ބިމުގެ ޚަޒާނާތަކުގެ ވެރިޔަކަށް ތިމަން ލައްވާށެވެ! ހަމަކަށަވަރުން، ތިމަންނާއީ (އެއަށް) ރައްކާތެރިވާ (އެއާބެހޭ ކަންތައްތައް) ރަނގަޅަށް ދަންނަ މީހަކީމެވެ." (ސޫރަތު ޔޫސުފް: 55)
މިއާޔަތުން މުހިންމު ތިން ކަމެއް ހާމަވެގެންދެއެވެ.
އަބޫޛައްރު ރަޟިޔަﷲ އަންހުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ދެންނެވީމެވެ. "އޭ ﷲގެ ރަސޫލާއެވެ! ކަލޭގެފާނު ތިމަންކަލޭގެފާނަށް (ވެރިކަމުގެ މަގާމެއް) ހަވާލުނުކުރައްވަނީތޯއެވެ؟" ކީރިތި ރަސޫލާ ﷺ ތިމަންކަލޭގެފާނުގެ ކޮނޑުފުޅުގައި އަތްޕުޅުން ޖައްސަވާލެއްވުމަށްފަހު ހަދީޘްކުރެއްވިއެވެ.
"އޭ އަބޫ ޛައްރެވެ! ހަމަކަށަވަރުން ކަލޭގެފާނަކީ (ވެރިކަމުގެ ކަންކަމުގައި) ބަލިކަށި ބޭފުޅެކެވެ. އަދި ހަމަކަށަވަރުން އެއީ (އުފުލަންޖެހޭ ބޮޑު) އަމާނާތެކެވެ. އަދި ގިޔާމަތްދުވަހުން އެއީ އިހާނެތިކަމާއި ހިތާމަހުރި ކަމެކެވެ. އެކަން އޭގެ ހައްގު ގޮތުގައި ހިފައި، އެކަމުގައި އޭނާގެ މައްޗަށްވާ ވާޖިބުތައް އަދާކޮށްފި މީހަކު މެނުވީއެވެ." (ޞަޙީޙު މުސްލިމް)
މިހަދީޘުން ހާމަކޮށްދެނީ ވެރިކަން ހިންގުމާއި، ސިޔާސަތު ކަނޑައެޅުމާއި، އިދާރީ ހިންގުމަށް ބޭނުންވާ އިލްމާއި ތަޖުރިބާ ހުރުމަކީ ހަރުދަނާ ވެރިއެއްގެ ކިބައިގައި ހުރުން ލާޒިމު ސިފައެއް ކަމެވެ. ދައުލަތުގެ އިސްމަގާމުތަކަކީ ޝަރަފެއް ނުވަތަ މުދާ ހޯދާ ވަސީލަތެއް ނޫނެވެ. އެއީ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށް ހަވާލުކުރެވޭ ބޮޑު އަމާނާތެކެވެ. ޒިންމާއެކެވެ. މަގާމުގެ ބޭނުން ނަހަމަގޮތުގައި ހިފައި، އޭގެ ވާޖިބުތައް އަދާނުކޮށްފި މީހާއަށް ގިޔާމަތްދުވަހު ލިބޭނީ ހިތްތަދިކަމާއި ނިކަމެތިކަމެވެ. އެ މަގާމަކަށް އެންމެ އެކަށީގެންވާ، ގާބިލު އަދި އަމާނާތްތެރި މީހާ ނޫނީ މަގާމުތަކާ ހަވާލުވެގެންނުވާނެެވެ.
ކޮންމެ މީހަކަށް ވެސް ހަވާލުކުރެވޭ މަސްއޫލިއްޔަތަކާ މެދު ގިޔާމަތްދުވަހުން ޒިންމާ އުފުލަންޖެހޭނެއެވެ. މަގާމުތަކަށް ވެސް މީހުން އިސްކުރަންވާނީ އޭނާގެ އިލްމުވެރިކަމާއި، އެ މަސައްކަތަކަށް ގާބިލު މީހެއްތޯ ބެލުމަށް ފަހުގައެވެ. އިސްލާމްދީނުގައި ވެރިއެއްގެ ގާބިލިއްޔަތުކަމަކީ ހަވާލުކުރެވޭ ޒިންމާ އެންމެ ފުރިހަމައަށް އަދާކޮށް، ރައްޔިތުންނަށް އޭގެ ލާބަޔާއި މަންފާ ހޯދައިދިނުމުގެ ތޫނުފިލިކަމާއި، ހިތްވަރާއި، އިލްމާއި ކެރުންތެރިކަން ހުރުމެވެ.
ތާރީޚަށް ބަލާއިރު، ދައުލަތް ހިންގުމުގެ އިދާރީ އޮނިގަނޑު އެންމެ ފުރަތަމަ ތަރައްގީކުރެއްވުމާއި، ރަށްރަށަށް ގާޒީންނާއި ގަވަރުނަރުން އައްޔަންކުރެއްވުމާއި، ބައިތުލްމާލު ތަރުތީބުކުރެއްވުމާއި، ސިފައިންގެ ރެޖިސްޓްރީއާއި ޕޯސްޓްގެ ނިޒާމު ތައާރަފުކުރެއްވުމަކީ އުމަރު ބިން އަލްޚައްޠާބު ރަޟިޔަﷲ އަންހު ދައުލަތް ހިންގެވުމުގައި މުއައްސަސާތައް އުފެއްދެވުމުގެ ގާބިލުކަން ހުންނެވި ބޭކަލެއްކަން ހާމަވެގެންދާ ކަންކަމެވެ.
އަދި ހަމައެހެންމެ، ދައުލަތުގެ ހަރުދަނާ މާލީ ސިޔާސަތާއި، ނާޖާއިޒު ގޮތުގައި މީހުން ހޯދާފައިވާ މުދާތައް ދައުލަތަށް ނެންގެވުމުގެ ހިތްވަރާއި ކެރުންތެރިކަމުގެ ސަބަބުން އެންމެ ދެ އަހަރާއި ބައިގެ ތެރޭގައި މުޅި އިސްލާމީ ދައުލަތުން ފަގީރުކަން ނައްތާލެއްވި އުމަރު ބިން އަބްދުލްއަޒީޒު ރަހިމަހުﷲ ގެ ވެރިކަމުން ހާމަކޮށްދެއްވި މުހިންމު އެއްކަމަކީ، އިގްތިސާދީ ވިސްނުމުގެ ހުނަރުވެރިކަމަކީ ވެރިއެއްގެ ކިބައިގައި ހުރުން ލާޒިމު ސިފައެއް ކަމެވެ. މިއީ މާޒީގައި އިސްލާމީ ވެރިކަންތަކުގައި މުސްލިމު ލީޑަރުން ދައްކުވައިދީފައިވާ ނަމޫނާ ވެރިކަންތަކެވެ.
ވެރިކަމާއި އިދާރީ މަގާމުތަކުގައި ގާބިލުކަން ހުރުން ކޮންމެހެން މުހިންމުވަނީ އެކަމުގެ ސަބަބުން މުޅި މުޖުތަމައުގެ މަސްލަހަތާއި ދައުލަތުގެ ކުރިއެރުން އެކަމަށް ބިނާވެފައިވާތީއެވެ. ހަމައެކަނި ހެޔޮލަފާ ނިޔަތެއް ނުވަތަ ތަގުވާވެރިކަމެއް ހުރުމަކުން މުއައްސަސާއެއް ނުވަތަ ގައުމެއް ނުހިންގޭނެއެވެ.
ކީރިތި ރަސޫލާ ﷺ އަބޫ ޛައްރު ރަޟިޔަﷲ އަންހަށް ދެއްވި ނަބަވީ އިރުޝާދުގެ އަލީގައި ހާމަވެގެންދަނީ، ވެރިކަމާއި އިދާރީ މަގާމުތަކަކީ އަމިއްލަ ޝަރަފާއި ލައްޒަތު ހޯދުމުގެ "ތަހުތެއް" ނޫން ކަމާއި، އެއީ ގިޔާމަތްދުވަހުން އެއާމެދު ބޮޑުވެގެންވާ ހިސާބު ބެއްލެވޭނެ "އަމާނާތެއް" ކަން ކަށަވަރުވެއެވެ. އިސްލާމީ ސިޔާސަތުގައި ވެރިކަމުގެ އަސާސަކީ، މަސްއޫލިއްޔަތަކީ އުފުލަންޖެހޭ ބުރައެއް ކަމާއި، އެއީ ހަމައެކަނި ލިބޭ ޝަރަފެއް ނޫން ކަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ