ރާއްޖޭގެ ރަށްރަށަށް އެކި ކަންކަމުގައި ދަތުރު ކުރުމަކީ އަޅުގަނޑުގެ އާދައެކެވެ. ދާދިފަހުން ކުރި އެފަދަ ދަތުރެއްގައި، އެރަށުގެ ކައުންސިލްގެ މެންބަރަކާ ރަށު ތެރެއިން ދިމާވިއެވެ. ސިއްރުސިއްރުން އަޅުގަނޑު ކައިރީގައި އޭނާ އެދުނީ، އެއްވެސް ހާލެއްގައި އިދިކޮޅު ޕާޓީއަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ވީތީ ސިޔާސީ ކަމެއްގައެއް ނޫނެވެ. އޭނާ އެދުނީ އެރަށުގެ ތަރައްގީއަށް ކުރަން ޖެހިފައި އޮތް މުހިންމު ކަމެއް މަޖިލިސް ތެރެއިން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށެވެ. އަޅުގަނޑަކީ މާލޭގެ ދާއިރާއަކަށް ނިސްބަތްވާ މެންބަރެއްކަން އެނގިހުރެމެ، އޭނާ އެދުނު އެދުމަށް "ނޫނެކޭ" ބުނާކަށް އަޅުގަނޑުގެ ޟަމީރެއް ގަބޫލެއް ނުކުރިއެވެ.
އެ ވާހަކަ އަޑުއަހާފައި އަޅުގަނޑުގެ ހަނދާނަށް އައީ، އެހެން ރަށެއްގައި ހިނގާދިޔަ ހާދިސާއަކާ ގުޅިގެން މަޖިލީހަށް އަޅުގަނޑު ހުށަހެޅި ކުއްލި މައްސަލައަކާ ގުޅިގެން އެރަށުގެ ކައުންސިލްގެ މެންބަރަކު ކުރެއްވި ފޯން ކޯލެވެ. އެ ކޯލްގައި، "މިއީކީ ތިޔަ ބޭފުޅާގެ ދާއިރާއެއް ނޫނެއް ނޫންތޯއޭ" ވިދާޅުވެ، އަޅުގަނޑާ މެދު ހިތްހަމަނުޖެހިގެން އެރަށު ކައުންސިލްގެ މެންބަރު ވާހަކަ ދެއްކެވިއެވެ. އަދި އެނޫނަސް ބައެއް މުހިންމު ކަންކަމާ ގުޅޭ މައްސަލަތައް މަޖިލީހަށް ހުށަހަޅަން އުޅުމުން ބައެއް ބޭފުޅުންގެ ނުރުހުން އަމާޒުވާ ނަމަވެސް، އެކަންކަން އަޅުގަނޑު ކުރަނީ ސިޔާސީ ކަމަކަށް ވުރެ ބޮޑަށް، އެތައް ބައެއްގެ ހައްގުތަކާއި ކުރިއެރުމާ ގުޅިފައިވާ ގައުމީ ކަންކަން ކަމުގައި ދެކިގެންނެވެ.
ރާއްޖޭގެ ސިޔާސީ މާހައުލު އޮންނަ ގޮތާއި މަޖިލީހުގައި ޕާޓީތަކުގެ އަޣުލަބިއްޔަތު (މެޖޯރިޓީ) ބެހިފައި އޮންނަ ގޮތުން، ކޮންމެ ދާއިރާއެއްގެ ހައްގުގައި ބަސް ބުނާނެ އެ ދާއިރާގެ މެންބަރަކު މަޖިލީހުގައި ނުހުރެދާނެއެވެ. އަދި ގާނޫނުއަސާސީގައި ކޮންމެ އިންތިހާބީ ދާއިރާއަކަށް މެންބަރަކު ކަނޑައަޅާފައި ހުރި ކަމުގައި ވިޔަސް، ރައްޔިތުންގެ ފަރާތުން މަޖިލީހުގައި ހައްގު ބަހެއް ބުނުމާއި ނުބުނުން ބިނާވެފައި އޮންނަނީ އެ މެންބަރަކު ނިސްބަތްވާ ޕާޓީގެ މައްޗަށެވެ. އަދި އެ މެންބަރަކު ނިސްބަތްވާ ދާއިރާއެއްގެ ރަށެއްގެ ކައުންސިލްގެ މެޖޯރިޓީ އޮންނަ ޕާޓީއެއްގެ ސަބަބުން ވެސް މިކަމަށް އަސަރު ކުރާތަން ދޭތެރެދޭތެރެއިން ފެނެއެވެ.
ހަމައެގޮތަށް، އެއިރެއްގައި ސަރުކާރު ހިންގާ ޕާޓީގެ މަޖިލިސް މެންބަރެއް ހުރެއްޖެ ނަމަ، މަޖިލީހުން ބޭރުން ވަޒީރުންނާ ވަކިން ބައްދަލުކޮށްގެން ކަންކަން ފަސޭހައިން ކުރުމުގެ ދޮރު ހުޅުވިފައި އޮތް ނަމަވެސް، މަޖިލިސް ތެރެއިން އެ މެންބަރެއްގެ ދާއިރާގެ ހައްގުގައި ބަސް ބުނުން ނުވަތަ މަސައްކަތް ކުރާތަން ފެންނަނީ ވަރަށް މަދު ހާލަތެއްގައެވެ. ސަރުކާރުގެ ސިޔާސަތާ ދެކޮޅު ވެވިދާނެތީ ނުވަތަ ސަރުކާރު ހިންގާ ޕާޓީން ނުރުހިދާނެތީ، އެ މެންބަރެއްގެ ދާއިރާގެ ކަމެއްގައި ވިޔަސް މަޖިލީހުގައި ވަޒީރަކާ ސުވާލުކޮށްލަން ބޭނުންނުވާ މެންބަރުން މަޖިލީހުގައި އަބަދުވެސް މަދެއް ނޫނެވެ.
އެހެން ދާއިރާތަކުގެ މެންބަރުން މެދުވެރިކޮށް މަޖިލީހުގެ ސަމާލުކަމަށް މައްސަލަތައް ގެންނަން ޖެހެނީ މިފަދަ އެތައް ސަބަބުތަކާ ހެދިއެވެ. ނަމަވެސް، ވަކި ދާއިރާއެއްގެ ކަމަކާ ގުޅިގެން އެހެން ދާއިރާއެއްގެ މެންބަރަކު މަޖިލީހަށް އެ މައްސަލައެއް ހުށަހެޅުމަކީ މަޖިލިސް ތެރެއިން ވެސް އެތައް ހުރަހެއް އެ މެންބަރަކަށް ކުރިމަތިކުރުވާ ކަމެކެވެ. އެގޮތުން މިއީ އެ ދާއިރާއެއްގެ މެންބަރުގެ ކަރާމާތާއި އިއްޒަތަށް އަރައިގަތުން ކަމަށް ނުވަތަ އެ މެންބަރަށް ވުރެ ސިޔާސީ ގޮތުން ބާރުވެރިކަން ހޯދަން އުޅެނީ ކަމަށް ދެކޭ ބައެއް މެންބަރުން ވެސް އުޅުއްވައެވެ. އަދި "ތިޔައީ ތިމަންނަގެ ދާއިރާއޭ، ތިކަމާ ނޫޅުއްވާށޭ" ބުނާ ފަހަރުތައް ވެސް މަދެއް ނޫނެވެ.
އެހެން ނޫނީ ދެން އޮންނާނީ އާންމު އުސޫލުން އެކަން ވެސް ސިޔާސީކޮށްލުމެވެ. އެހެން ދާއިރާތަކުގެ ރަށްރަށާ ގުޅޭ މައްސަލަތައް މަޖިލީހަށް ގެންނަނީ ސިޔާސީ ވަކި ބަޔަކަށް ޖެއްސުން ކުރަން ކަމަށް ބުނެ، މުޅި މަޖިލީހުގެ ތަޅުން ސިޔާސީކޮށްލަނީ އެ ދާއިރާގެ ތަރައްގީއާއި ރައްޔިތުންގެ އެންމެ އަސާސީ ބޭނުންތަކަށް ބީރު ކަންފަތެއް ދިނުމަށްފަހުއެވެ. އަދި އެފަދަ އޮއިވަރުތަކުގައި ޖެހިގެން ގިނަ މައްސަލަތައް ނިމެނީ މަޖިލީހުގެ ކޮމިޓީތަކާ ހަމައަށް ވެސް ނުގޮހެވެ. އަދި ވަޒީރަކު ހާޒިރުކޮށްގެން ސުވާލެއް ކުރަން އެދެފި ނަމަ ކުރަންޖެހޭ ދިގު އިންތިޒާރު ވެސް ކުޑައެއް ނޫނެވެ.
ނަމަވެސް، މަޖިލީހުގެ ކޮންމެ އިންތިހާބީ ދާއިރާއަކަށް ވަކި މެންބަރަކު އިންތިހާބުކޮށްފައި ހުންނާތީ، އެ ދާއިރާއެއްގެ ކަންކަމާ މެދު ބަސް ބުނަންޖެހޭނީ ހަމައެކަނި އެ ދާއިރާއެއްގެ މެންބަރު ކަމުގައި ގިނަ ބަޔަކަށް ވިސްނިފައި އޮންނަ ވިސްނުމަކީ މުޅިއަކުން ރަނގަޅު ވިސްނުމެއް ނޫނެވެ. މަޖިލީހުގެ ކޮންމެ މެންބަރަކު ވެސް މަސައްކަތް ކުރަންޖެހޭނީ އެ މެންބަރަކު ތަމްސީލުކުރައްވާ ދާއިރާގެ މަސްލަހަތަށް ވުރެ، މުޅި ރާއްޖެއާއި ގައުމުގެ މަސްލަހަތު އިސްކޮށްގެން ކަމުގައި ގާނޫނުއަސާސީގެ 75 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އަދި މެންބަރުންގެ ހުވާގެ އިބާރާތުގައި ވެސް އޮންނަނީ މިފަދަ ގޮތަކަށެވެ.
ގިނަ ޕާޓީ އެކުލެވޭ ދައުލަތް ހިންގުމުގެ ނިޒާމެއް ތައާރަފްކުރި ގާނޫނުއަސާސީގައި އެ މާއްދާ އެގޮތަށް ލިޔެފައި އެއޮތީ ވެސް، ކުރިން މިދެންނެވި ސިޔާސީ މައްސަލަތައް އެގޮތުގައި ދިމާވެދާނެކަން ތަސައްވުރުކޮށްގެންނެވެ. އެއީ މިސާލަކަށް ރާއްޖޭގެ ތާރީހާ ގުޅޭ ހއ. އުތީމުގައި ހުންނަ އުތީމު ގަނޑުވަރަށް އިހުމާލުވާ ކަމަށް ބުނެ މައްސަލައެއް ހުށަހެޅުމަކީ އުތީމު ނިސްބަތްވާ ދާއިރާގެ މެންބަރަށް އެކަނި ނޫނީ ނުކުރެވޭނެ ކަމެއް ކަމުގައި ބަލަން ފަށައިފި ނަމަ، އެއީ ހަމަޖެހޭ ކަމަކަށް ނުވާނެތީއެވެ. އެހެންކަމުން، ރާއްޖޭގެ އެންމެ މަސްވެރި އެއް ސަރަހައްދު ކަމަށްވާ ހުވަދުއަތޮޅުގެ ރަށެއްގައި މަސް ފެކްޓްރީއެއް ނޭޅޭކަމުގެ ކަންބޮޑުވުން ވެސް ގައުމީ މައްސަލައެއްގެ ގޮތުގައި ދެކިގެން މަޖިލީހުގެ ސަމާލުކަމަށް ގެނައުމުގެ ފުރުސަތު މާލޭގެ ދާއިރާއެއްގެ މެންބަރަކަށް ވެސް ފަހިކޮށްދީ، އެ މަސްއޫލިއްޔަތު އަދާކުރުމުގެ ޖާގަ ދިނުމަކީ ގާނޫނުއަސާސީ ފަރުމާކުރި ބޭފުޅުންގެ ވިސްނުމެވެ.
ރައްޔިތުންގެ މަޖިލީހުގައި ތިބޭނީ ހުރިހާ ރައްޔިތުންގެ މެންބަރުންނެވެ. މަޖިލީހުގައި އިންތިޚާބީ ދާއިރާތަކެއް ކަނޑައަޅައި، ކޮންމެ ދާއިރާއަކަށް ވަކި މެންބަރަކު ހުންނަނީ އެބައެއްގެ ކަމަކާ ބެހެވޭނީ އެބައެއްގެ މެންބަރަކަށް އެކަނި ކަމަށް ބުނާ އުސޫލަކުން ނޫނެވެ. ރާއްޖޭގެ ކޮންމެ ރަށެއްގެ އަދި ކޮންމެ ރައްޔިތެއްގެ ހައްގުގައި ވެސް މަޖިލީހުގައި ވަކާލާތު ކުރުމާއި، ބުނަންޖެހޭ ބަސް ބުނުމާއި، ޖަވާބުދާރީކުރުވުމުގެ ނިޒާމުގެ ތެރެއިން އެކަންކަން މަޖިލީހާއި ދައުލަތުގެ ސަމާލުކަމަށް ގެނައުމަކީ މަޖިލީހުގެ ހުރިހާ މެންބަރުންގެ މައްޗަށް އެއްވެސް ތަފާތެއް ނެތި، ހަމަހަމަ އުސޫލަކުން މަތިވެފައި އޮންނަ ގާނޫނީ އަދި އަޚްލާގީ ޒިންމާއެއްގެ އިތުރުން އޮންނަ ބޮޑު މަސްއޫލިއްޔަތެކެވެ. އަދި އެއީ ކޮންމެ ދާއިރާއެއްގެ މެންބަރަކަށް ވިޔަސްމެއެވެ.
މެންބަރުންނަކީ އިންތިހާބުވުމަށްފަހު ހުރިހާ ރައްޔިތުންގެ މަންދޫބުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ