ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ މަގާމުން ވަކިވެއްޖެ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގާފައިވާ އެންގުން އަނބުރާ ގެންދިއުމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ.
ޝާހިދު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންތިހީބީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ގޮނޑި ގެއްލިއްޖެތޯ ނޫންތޯ ކަނޑައެޅުމަށް ގާނޫނީ އިޖުރާއަތްތަކެއް ކަނޑައެޅިފައި އޮންނަ ކަމަށެވެ. ނަމަވެސް ޝުޖާއުގެ މައްސަލާގައި އެކަންކަން ފުރިހަމަކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ، ގާނޫނީ އިޖުރާއަތްތައް ފުރިހަމަނުކޮށް، ރައްޔިތުންގެ ނިންމުމުގައި ކޮޅުފައިން ޖެހުމަށްފަހު، ޝުޖާއުއަކީ އެމްޑީޕީގެ މެންބަރަކަށް ވީތީ ސިޔާސީ ކުލަ ޖެހިފައިވާ ފިޔަވަޅެއް އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
"ލޯކަލް ގަވަމެންޓް އޮތޯރިޓީއިން އަންގާފައިވާ އެންގުން އަނބުރާ ގެންދަން ޖެހޭ. ގާނޫނުގެ ވެރިކަން ކުރަން ސަރުކާރުން ދަސްކުރަން ޖެހޭ،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު މިފަދައިން ގޮވާލައްވާފައި މިވަނީ، މި ހިނގާ ކައުންސިލް ދައުރު ފެށުނު ފަހުން ޕާޓީ ބަދަލުކުރި ކަމަށް ބުނެ ޝުޖާއުގެ ގޮނޑި ގެއްލިއްޖެ ކަމަށް އެލްޖީއޭއިން ރަސްމީކޮށް ކަނޑައަޅާފައި ވަނިކޮށެވެ.
އެލްޖީއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މި އަހަރު އޮތް ލޯކަލް ކައުންސިލް އިންތިހާބަށްފަހު، އޭނާ އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގައި މެއި 19 ގައި ދަފުތަރުވެފައިވާކަން އިލެކްޝަންސް ކޮމިޝަނުން އެލްޖީއޭއަށް އަންގާފައިވާ ކަމަށެވެ. ޖޫން 30، 2026 ގައި ބޭއްވި އެލްޖީއޭގެ ބޯޑު ބައްދަލުވުމުން ނިންމާފައިވަނީ ޝުޖާއުގެ މަގާމު ހުސްވެއްޖެކަން އިލެކްޝަންސް ކޮމިޝަނަށް އެންގުމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ޝުޖާއު ވާދަކުރެއްވީ ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައެވެ. ނަމަވެސް، ގާނޫނީ ގޮތުން ލާޒިމުކުރާ އަދަދަށް މެންބަރުން ނެތުމުގެ ސަބަބުން، ދަ ޑިމޮކްރެޓްސް އުވައިލިކަން އޭޕްރިލް 11، 2026 ގައި އިލެކްޝަންސް ކޮމިޝަނުން އޮތީ އަންގައިފައެވެ.
މިކަމާ ގުޅިގެން ޝުޖާޢު މީގެ ކުރިން "އަދަދު" އަށް ވިދާޅުވީ، އޭނާ އެމްޑީޕީއާ ގުޅުނީ ދަ ޑިމޮކްރެޓްސް ޕާޓީ އުވާލިކަން އެ ޕާޓީއަށް އެންގުމުން ކަމަށެވެ.
"ޕާޓީއެއް އުވާލުމާ ގުޅިގެން އެހެން ޕާޓީއަކާ ގުޅުމަކީ ކައުންސިލްގެ ގޮނޑި ގެއްލެންޖެހޭނެ ސަބަބެއް ކަމަށް ގަބޫލެއް ނުކުރަން،" ކުރިން ވ. އަތޮޅު ކައުންސިލްގެ ރައީސްކަން ވެސް ކުރެއްވި ޝުޖާއު ވިދާޅުވި އެވެ.
ޝުޖާއު މަގާމުން ވަކިވެއްޖެ ކަމަށް ނިންމި ނިންމުން އަނބުރާ ގެންދަން ޝާހިދު ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ