އިންޑިއާ އެލްއޯސީގެ ދަށުން ތަރައްގީކުރާ އައްޑޫ އެއާޕޯޓުގެ މަސައްކަތްތައް އެމްބަސެޑަރު ބައްލަވައިލައްވައިފި

އިންޑިއާ އެގްޒިމް ބޭންކުގެ ލޯނުގައި ތަރައްގީ ކުރާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތްތައް އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ބަލަސުބްރަމާނިއަން މިއަދު ބައްލަވައިލައްވައިފި އެވެ.
ގަން އެއާޕޯޓުގެ މަސައްކަތްތައް ބައްލައިވައިލައްވަން ބަލަސުބްރަމާނިއަން ވަޑައިގެންނެވީ އިއްޔެ އެވެ. އޭނާ އާއެކު ހައުސިން މިނިސްޓްރީގެ ބޭފުޅުންނާއި އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ކުރާ ރެނާޓަސް ޕްރޮޖެކްޓްސްގެ ބޭފުޅުން ބައިވެރިވި އެވެ.
އައްޑޫ ސިޓީ، އިގްތިސާދީ ހަބެއްގެ ގޮތުގައި ތަރައްގީ ކުރުމަށް މިދިޔަ ސަރުކާރުން ފެށި މަޝްރޫއުތަކުގެ ތެރެއިން، ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަކީ 458 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ. ރެނާޓަސްއާ އެ މަޝްރޫއު ހަވާލުކޮށް ސޮއިކުރީ މާޗު 6، 2023 ގަ އެވެ.
މަޝްރޫއުގެ އަމާޒަކީ ދެކުނުގެ ޓޫރިޒަމް ވަރުގަދަކުރުމަށްޓަކައި، 1.5 މިލިއަން ފަޖިސްޖަރުންނަށް ހިދުމަތް ދެވޭވަރަށް، ޒަމާނީ ވަސީލަތްތަކާއެކު އެއާޕޯޓު ތަރައްގީ ކުރުމެވެ. އޭގެ ތެރޭގައި ޕެސެންޖާ ޓާމިނަލް، ޑިއުޓީ ފްރީ ފިހާރަތައް، ރެސްޓޯރެންޓްތައް، ލައުންޖް، އަދި އެހެނިހެން ވަސީލަތްތައް ހިމެނެ އެވެ.
ކޯލްޑް ސްޓޯރޭޖަކާއެކު ކާގޯ ވަސީލަތްތަކާއި، ކޮންޓްރޯލް ޓަވަރު އަދި ފަޔާ ސްޓޭޝަނާއި، މަގުތަކާއި ޕާކިން ސަރަހައްދުތައް މި މަޝްރޫއުގެ ދަށުން އެއާޕޯޓްގައި ތަރައްގީކުރާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ