ފަވަރަ އާއި ޔޫޕީއައި ގުޅާލުމުން އިންޑިއާ އާއި ރާއްޖޭގެ ބޭންކްތަކާ އެކު ހަދާ ޕޭމެންޓްތަކުގެ ހަރަދު ކުޑަވެ، ޑޮލަރަށް އޮތް ޑިމާންޑް ދަށް ކުރެވޭނެ ކަމަށް ރާއްޖޭގެ ބައެއް ބޭންކުތަކުން ބުނެފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ފެށި، މޯލްޑިވްސް ފައިނޭންޝަލް ފޯރަމްގައި ބޭއްވި ޕެނަލް ޑިސްކަޝަންގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވީ، ގައުމުތަކުގެ ޕޭމެންޓްތައް ގުޅާލުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށާއި މިއީ ވޔަފާރި ކުރުމާއި އެކި އެކި ފައިސާގެ މުއާމަލާތްތައް ކުރުމަށް ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެ ކަމަށެވެ.
ލިބޭ ފަސޭހައިގެ އިތުރުން ޔޫޕީއާއި ނުވަތަ ޗައިނާގެ ޕޭމެންޓް ސިސްޓަމްތަކާއި ގުޅާލުމުން ރާއްޖެއިން ބޭރުވާ ޑޮލަރުގެ އަދަދު ކުޑަވެ، ބޭރު ފައިސާއަށް އޮތް ޑިމާންޑް ކުޑަކުރެވޭނެ ކަމަށެވެ.
ޝަރީފު ވިދާޅުވީ، ރާއްޖޭގައި ހިންގާ ކްރޮސް ބޯޑާ ޓްރާންސެކްޝަންގެ ގާތްގަނޑަކަށް 70 ޕަސެންޓް ޓްރާންސެކްޝަން ހިންގަނީ ބީއެމްއެލް މެދުވެރިކޮށްކަމަށެވެ. އޭނާ ވިދާޅުވީ، އޭގެ ތެރެއިން ޔޫއެސް ޑޮލަރުގެ ބޭންކްތަކަށް ދަނީ ކުޑަ އަދަދެއް ކަމަށެވެ. އޭނާ ވިދާޅުވީ، ޗައިނާގެ ޔުއާން އާއި ރުޕީސް އަދި ޔޫރޯގެ ބޭންކްތަކަށް ހިންގާ ޓްރާންސެކްޝަންތައް މާ ގިނަ ކަމަށެވެ.
ކްރޮސް ބޯޑާ ޓްރާންސެކްޝަންތަކުގައި ޑޮލަރަށް ބަދަލުކޮށް އަނެއްކާ އެ ބޭންކެއްގެ ފައިސާއަށް ބަދަލުކުރުމުން ޕޭމެންޓް ހެދުމަށްދާ ހަރަދު މާ ބޮޑަށް އިތުރުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ސިސްޓަމްތައް އައުމުން [ޔޫޕީއައި] އައުމުން ޕޭމެންޓްތައް ހަދަން ވަރަށް ބޮޑަށް ފަސޭހަވާނެ. ކޮސްޓް ވެސް ކުޑަވާނެ،" އޭނާ ވިދާޅުވި އެވެ.
ޔޫޕީއައި އަކީ އިންޑިއާގައި މިހާރު ފައިސާގެ މުއާމަލާތްތައް ކުރުމަށް އެންމެ އާންމުކޮށް ބޭނުންކުރާ އެ ގައުމުގެ ރަސްމީ ޑިޖިޓަލް ޕޭމަންޓް ސިސްޓަމް އެވެ. އެންމެ ބޮޑެތި ވިޔަފާރިތަކުން ފެށިގެން ޓެކްސީތަކާއި މަގުމަތީގެ ތަރުކާރީ ފިހާރަތަކުގައި ވެސް ފައިސާގެ މުއާމަލާތަށް ޔޫޕީއައި ބޭނުންކުރެ އެވެ.
ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ސީއީއޯ އަދި ކަންޓްރީ ހެޑް، މަނޯޖް ކުމާރު ސިންގް ވިދާޅުވީ، ދެ ޕޭމެންޓް ސިސްޓަމް ގުޅާލުމަށް ވަގުތު ނަގާނެ ކަމަށާއި އެކަމަށް ހަރަދުތަކެއް ދާނެ ކަމަށެވެ. އޭނާ ވިދާޅުވީ، ދެ ސިސްޓަމް ގުޅާނުލެވިގެން އުޅެނީ، އެކަން ކުރުމަށް ކޮންމެހެން ބޭނުންވާ ބައެއް ކަންކަން ފުރިހަމަ ނުވާތީ ކަމަށެވެ. އެކަންކަން ހައްލުކުރުމަށް ސަރުކާރައި އެމްއެމްއޭއިން މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މިކަން ކުރުމަށް ވަގުތު ނެގި ނަމަވެސް، ދެ ސިސްޓަމް ގުޅާލުމުން، ދެ ގައުމަށް ވެސް ބޮޑު ފަސޭހައެއް ލިބޭނެ ކަމަށެވެ. އެކަމުން އިންޑިއާ އާއި ރާއްޖެއަށް ވެސް ލުއިތައް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މަނޯޖް ވިދާޅުވީ، ރާއްޖޭގެ އިމްޕޯޓުގެ ގާތްގަނޑަކަށް 65 ޕަސެންޓު ގެންނަނީ އިންޑިއާ އާއި ޗައިނާއިން ކަމަށްވާ އިރު އެގައުމުތަކުގެ ޕޭމެންޓް ސިސްޓަމާ ގުޅާލުމުން އެކަންކަމަށް ބޭނުންވާ ޑޮލަރު ދެން ހޯދަން ނުޖެހޭނެ ކަމަށެވެ. އެހެންވެ، އެއީ ވެސް ރާއްޖޭގެ ބޭރު ފައިސާއަށް އޮތް ޕްރެޝާ ކުޑަ ކުރެވޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖެ އާއި އިންޑިއާއާ ދެމެދު ފަސޭހަ އަދި ރައްކާތެރި ގޮތުގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ރާއްޖޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް (ފަވަރަ) އާއި އިންޑިއާގެ ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) މި މަހު ގުޅާލައި، ބޭނުން ކުރަން ފަށާނެ ކަމަށް އެމްއެމްއޭއިން ބުނެފައިވެ އެވެ.
އެމްއައިބީގެ ޑެޕިއުޓީ ސީއީއޯ އަހުމަދު ރިޒާ ވިދާޅުވީ، ރާއްޖެ ފަދަ ޓޫރިޒަމަށް ބަރޯސާވެފައިވާ ގައުމަކަށް ބޭރު ގައުމުތަކުގެ ޕޭމެންޓް ސިސްޓަމްތަކާ ގުޅާލުން ވަރަށް މުހިއްމު ކަމަށެވެ. އޭނާ ވިދާޅުވީ، އިންޑިއާގެ އިތުރުން ޗައިނާ އާއި އެހެން ގައުމުތަކުގެ ވޮލެޓްތަކާ ގުޅޭ ރާއްޖޭގެ ޕޭމެންޓް ސިސްޓަމް ގުޅާލަން ޖެހޭ ކަމަށެވެ.
"މިއީ ޓޫރިސްޓުންނަށް ވެސް ލިބޭނެ ލުޔެއް. ޓޫރިސްޓުންނަށް އެމީހުން ރާއްޖޭގައި ކުރާ ތަޖުރިބާ ފުރިހަމަކުރުމަށްޓަކައި ޕޭމެންޓް ދެއްކުމުގައި ލުއި ފަސޭހަ ގޮތްތައް ގެންނަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
ފަވަރަ އާއި ޔޫޕީއައި ގުޅާލުމުން ޑޮލަރަށް ޑިމާންޑް ދަށްކުރެވޭނެ: ބޭންކްތައް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ