އާޖެންޓީނާ ސަލާމަތްވީ ކިރިޔާ، ކޭޕް ވާޑަށް ތައުރީފު ހައްގު، ގާނާ ބަލިކޮށް ކޮލަމްބިއާ ވެސް ގަދަ 16 އަށް

ފީފާ ވޯލްޑް ކަޕްގައި ރޭ އާޖެންޓީނާ އިން ކޭޕް ވާޑުގެ އަތުން ކިރިޔާ ސަލާމަތްވިއިރު ގާނާ އަތުން ހަނި ތަފާތަކުން ކުރިހޯދާ ދެޓީމުން ގަދަ 16 ގެ ޖާގައެއް ޔަގީންކޮށްފި އެވެ.
އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއަށް ހިތްވަރާއެކު ކުޅުނު ކޭޕް ވާޑުގެ މައްޗަށް ކުރި ހޯދުމަށް ރޭ އުދަނގޫތަކެއް ކުރިމަތިވިއިރު އާޖެންޓީނާއިން ރޭ ކާމިޔާބު ހޯދީ އިތުރު ވަގުތުގެ ތެރޭގައި ޖެހި ލަނޑާއެކު 3 - 2 ންނެވެ. އަނެއްކޮޅުން ވަރުގަދަ އަދި ފޯރިގަދަ ކުޅުމަކަށްފަހު ކޮލޮމްބިއާއިން ވަނީ 1 - 0 ގެ ހަނި ތަފާތަކުން ގާނާ ބަލިކޮށްފަ އެވެ.
ގިނަބަޔަކަށް އުއްމީދުކުރެވިފައި އަދި ބެލެވިފައިވަނީ ރޭ އާޖެންޓީނާއިން ފަސޭހަކަމާއެކު ކޭޕް ވާޑުގެ މައްޗަށް ކުރިހޯދާނެ ކަމަށެވެ. އެހެންނަމަވެސް އެންމެ ފަސޭހަވާނެ ކަމަށް ބެލެވުނު މެޗު ވެގެންދިޔައީ އާޖެންޓީނާގެ އެންމެ އުދަނގޫ ޓެސްޓަށެވެ. އަލަތު ވޯލްޑްކަޕްގައި ވާދަކުރާ ކޭޕް ވާޑުން އަނެއްކާވެސް މިވަނީ ވަރުގަދަ އަދި ރީތި ކުޅުމެއް ދައްކާފަ އެވެ. އަދި އާޖެންޓީނާ ބިރުގަންނަވާލާ ދެފަހަރު ފަހަތުން އަރައި ނަތީޖާ ވެސް އެއްވަރުކުރި އެވެ.
މެސީއާއި ވޮޒީނިއާ މެޗަށްފަހު--- ފޮޓޯ: ރޫޓާސް
މެޗު ފެށިގެން ކުރީކޮޅު އާޖެންޓީނާއިން ލީޑު ނެގިއިރު އޮތީ ފަސޭހަކަމާއެކު މޮޅުވާނެކަމަށް ބެލެވިފަ އެވެ. އެހެންނަމަވެސް ކޭޕް ވާޑުގެ ވަރުގަދަ ޑިފެންސާ ނުރައްކާތެރި ކައުންޓަރ އެޓޭކް ހުއްޓުވުމަށް ދެކުނު އެމެރިކާގެ ބޮޑު ބާރަށް ވީ ވަރަށް ބޮޑު ޗެލެންޖަކަށެވެ. އެފްރިކާގެ ކޭޕް ވާޑުން ވަނީ އެންމެ ފަހުގެ ޗެމްޕިއަނުންގެ ކުރިމަތީގައި އިސްޖެހުމަށް ދެކޮޅު ހަދާފަ އެވެ.
90 މިނެޓްގެ ކުޅުން ނިމުނުއިރު ދެޓީމު އެއްވަރުވެފައި އޮތުމުން މެޗު އިތުރު ވަގުތަށް ދިއުމާއެކު އާޖެންޓީނާގެ ތަޖުރިބާގެ ބޭނުން ވަރަށް ރަނގަޅަށް އެޓީމުން ވަނީ ހިފާފަ އެވެ. މިނަތީޖާއާއެކު އާޖެންޓީނާއިން ގަދަ 16 އަށް ދަތުރުކޮށް އެ ބުރުގައި ނުކުންނާނީ މިސްރާ ދެކޮޅަށެވެ. އެހެންނަމަވެސް މިރޭ ދެއްކި ކުޅުމާއެކު ޖެހިޖެހިގެން ދެވަނަ ފަހަރަށް ވޯލްޑްކަޕް ހޯދުމަށް އާޖެންޓީނާއިން ކުރާ މަސައްކަތް ފަސޭހައެއް ނުވާނެ އެވެ.
ރޭގެ މެޗަށް ފަހު ކޭޕް ވާޑުން މިފަހަރުގެ ވޯލްޑްކަޕްގައި ދެއްކި ކުޅުމާ ހިތްވަރަށް އެތައް ބަޔަކު ތައުރީފު ކުރިއިރު އެޓީމުން ވަނީ އަލަތު ވޯލްޑްކަޕްގައި ކުރި އުއްމީދުތަކަށް ވުރެ އެތައް ގުނައެއް އިތުރަށް ކާމިޔާބު ހޯދާ ދުނިޔޭގެ ކުޅިވަރުގެ އެންމެ ބޮޑު މައިދާނުގައި ފައިތިލަ ސާބިތުކޮށް ދުނިޔޭގެ އެންމެ ވަރުގަދަ ޓީމުތަކާ ވާދަކުރެވޭނެކަން ހާމަކޮށްދީފަ އެވެ. ކޭޕް ވާޑުގެ އިތުރުން ރެކޯޑްތަކަށް ބަލާއިރު އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ ވަނީ އެންމެ ގިނަ މެޗު ވޯލްޑްކަޕްގައި ކުޅުނު ކުޅުންތެރިޔާގެ ރެކޯޑް ވެސް ހަދާފަ އެވެ. އަދި ރޭގެ މެޗަކީ އާޖެންޓީނާގެ ކޯޗު ލަޔޮނަލް ސްކަލޯނީ އެޓީމަށް ކޯޗު ކަން ކޮށްދިން 100 ވަނަ މެޗު ކަން ވެސް ފާހަގަ ކޮށްލެވެ އެވެ.
މިއަދުގެ ދެވަނަ ބުރުގެ (ގަދަ 32) އަނެއް މެޗަށް ބަލާއިރު ކޮލޮމްބިއާއިން ވަނީ 1 - 0 ގެ ހަނި ތަފާތަކުން ގާނާގެ މައްޗަށް ކުރިހޯދާ ގަދަ 16 އިން ޖާގަ ހޯދާފަ އެވެ. މިއީ މިބުރުގައި ކުޅެވުނު އެންމެ ފަހު މެޗެވެ.
މެޗުގެ 14 ވަނަ މިނެޓުގައި ލީޑު ނަގައިދީ މެޗުގެ ކުރީކޮޅު ކޮލޮމްބިއާއަށް ގަދަ 16 ޔަގީންކޮށްދިން ކުޅުންތެރިޔާ ެަކީ ޖޯން އަރިއަސް އެވެ. މިލަނޑުގެ އިތުރުން ދެން މިމެޗުގައި ލަނޑެއް ކާމިޔާބުކުރެވޭ ގޮތެއް އެއްވެސް ޓީމަކަށް ނުވި އެވެ. އަދި ބޯޅަ ގިނަ ވަގުތު ހިފަހައްޓައިގެން ޕޮޒެޝަން ކޮންޓްރޯލް ކޮށްގެން ކުޅުނީ ކޮލަމްބިއާއިންނެވެ. އަދި އެކަމާ ހުރެ ގާނާއަށް ހަމަލާތައް އުފެއްދުމަށް ލިބުނު ފުރުސަތުތައް މަދުވި އެވެ. ނަމަވެސް ލިބުނު އެއްވެސް ފުރުސަތެއް ގޯލުގެ ތެރެއަށް އެ ޓީމަކަށް ނިންމައެއް ނުލެވުނެވެ.
ގާނާއިން ނަތީޖާ ހަމަހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ދެކުނު އެމެރިކާގެ ކޮލޮމްބިއާއިން ވަނީ ރީތިކޮށް ޑިފެންސް އަތުރައިގެން ތިބެ އެމީހުންގެ ލީޑު ދިފާއުކޮށްފަ އެވެ. މިމޮޅާއެކު ކޮލަންބިއާ ވޯލްޑްކަޕްގައި ދެމި އޮތްއިރު އެޓީމުން ގަދަ 16 ގައި ނުކުންނަން ޖެހޭބީ ސްވިޒަލޭންޑާ ދެކޮޅަށެވެ. އާޖެންޓީނާއިން ނުކުންނާނީ މިސްރާ ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ