މަޔާމީ، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 4) - މުޅިން އަލަށް ފީފާ ވޯލްޑް ކަޕެއްގައި ވާދަކޮށް ހިތްވަރުގަދަ ކޭޕް ވާޑުން ސާބިތުކޮށްދިނީ ފީފާ ވޯލްޑް ކަޕަކީ ހާއްސަ މުބާރާތެއް ކަމުގައި ކަމަށް އެ ޓީމު އަތުން މޮޅުވެ، މުބާރާތުގެ ގަދަ 16 އަށް ދަތުރުކުރި އެންމެ ފަހުގެ ޗެމްޕިއަން، އާޖެންޓީނާގެ ކެޕްޓަން، ލިއޮނަލް މެސީ ބުނެފި އެވެ.
މެސީ، މި ފަހަރުގެ ވޯލްޑް ކަޕްގައި ޖެހި ހަތް ވަނަ ގޯލުން އާޖެންޓީނާ އިން ރޭ ކޭޕް ވާޑް ކައިރީގައި ލީޑުނެގި އެވެ. އެކަމަކު، ދެ ފަހަރެއްގެ މަތިން ފަހަތުން އަރައި ކޭޕް ވާޑުން ނަތީޖާ ހަމަހަމަކުރުމުން، 2-2 ގެ ސްކޯއެއްގައި ފުރިހަމަ ވަގުތު ހަމަވުމާ އެކު، އިތުރު ވަގުތުގެ ދެ ހާފް ކުޅެން ޖެހުނެވެ. ޕެނަލްޓީ އަށް ނުގޮސް އާޖެންޓީނާ މޮޅުވީ މެސީ ނެގި ކޯނަރަކުން ޖެހި ގޯލަކާ އެކު 3-2 އިންނެވެ.
މެޗަށް ފަހު ދިން އިންޓަވިއުއެއްގައި މެސީ ބުނީ، ކޭޕް ވާޑް އަތުން މި ވޯލްޑް ކަޕްގައި ސްޕެއިނާއި އުރުގުއޭ އަށް ވެސް މޮޅުވެވިފައިނުވާތީވެ، މެޗަށް އައިއިރު ވެސް ޗެލެންޖު ބޮޑުވާނެ މެެޗެއްގެ ގޮތުގައި ބެލެވުނު ކަމަށެވެ. އަދި، މެޗުގައި ފުރަތަމަ ގޯލު ޖެހުމުން ފަސޭހަވާނެ ކަމަށް ބެލެވުނު ކަމަށާއި އެހެން ނަމަވެސް އެ އަށް ފަހު ކަންތައްތައް ދިމާވީ މުޅިން ހީކުރި ގޮތާ ހިލާފަށް ކަމަށް މެސީ ވަނީ ބުނެފަ އެވެ.
"މިއީ، ނޮކައުޓް މެޗުތައް. އެއްވެސް ޓީމެއް އެއްވެސް ޓީމަކަށް ފަސޭހައެއް ކޮށް އެއްވެސް ކަމެއް ނުކުރާނެ. ބައެއް މީހުން ބައެއް ޓީމުތަކަކީ އާދައިގެ ޓީމުތަކެއް ގޮތަށް ދެކެދާނެ އެ ޓީމުގެ ނަމަށް ބަލާފައި. އެކަމަކު، އަހަރެމެންނަށް އެނގޭ މިއީ ފަސޭހަ މެޗަކަށް ނުވާނެކަން،" މެސީ ބުންޏެވެ.
"މިއީ، ހަގީގަތުގައި ވޯލްޑް ކަޕް މިހާ ހާއްސަ ވާ ސަަބަބަކީ ވެސް. ކޭޕް ވާޑުން އެ ސާބިތުކޮށްދިނީ އެކަން. ވަރަށް ގާތުން ހުރިހާ ކަމެއް ވެސް ބަދަލުވަނީ. ކޮންމެ މެޗެއް ވެސް ހީނުކުރާ ވަރަށް އުނދަގޫ،"
މެސީ ބުނީ، ވޯލްޑް ކަޕްގައި ބައެއް މެޗުތަކުގައި އެންމެ މޮޅު ކުޅުން ދެއްކުމަށް ވުރެން ނަތީޖާ ނެރުމަށް އިސްކަންދޭން ޖެހޭ ފަހަރު ވެސް އަންނާނެ ކަމަށާއި ޗެމްޕިއަންކަން ލިބޭނީ މި ހުރިހާ ކަމަކާ ވެސް ކުރިމަތިލައިގެން ކަމަށެވެ. މިހާރު ހުރިހާ އަމާޒެއް ވެސް ހުރީ ރިކަވާވެގެން ދެން އޮތް މެޗަށް ތައްޔާރުވުމަށް ކަމަށް މެސީ ވަނީ ބުނެފަ އެވެ.
ވޯލްޑް ކަޕްގެ ގަދަ 16 ބުރުގައި އާޖެންޓީނާ އިން ކުޅޭނީ މިސްރުއާ އެވެ. މިސްރުން މުޅިން އަލަށް ނޮކައުޓް ބުރުގައި ކުޅޭއިރު، އެ ޓީމުން ގަދަ 16 އަށް ދަތުރުކުރީ މެޗަކުން ބަލިނުވެ އެވެ.
ކޭޕް ވާޑް ސާބިތުކޮށްދިނީ ވޯލްޑް ކަޕްގެ ހާއްސަަކަން: މެސީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ