އަހަރުގެ މިހާތަނަށް 1،075،142 ފަތުރުވެރިން އަތުވެއްޖެ، 72 އިންސައްތަ ފަތުރުވެރިން ދިޔައީ ރިސޯޓުތަކަށް
އަހަރުގެ ފުރަތަމަ ހަ މަސް ނިމުނުއިރު މިހާތަނަށް ރާއްޖެއަށް 1،075،142 ފަތުރުވެރިން ޒިޔާރަތްކުރިއިރު އޭގެތެރެއިން 72 އިންސައްތަ ފަތުރުވެެރިން ޒިޔާރަތްކޮށްފައި ވަނީ ރިސޯޓުތަކަށްކަން ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ވީކްލީ ސްޓެޓިސްޓިކްސް ރިޕޯޓުން ދައްކާ ގޮތުން އަހަރުގެ މިހާތަނަށް 1،075،142 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ. މިއީ ފަސް އިންސައްތައިގެ އިތުރުވުމެކެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި މުއްދަތުގައި ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތްކޮށްފައި ވަނީ ރާއްޖޭގެ ރިސޯޓުތަކަށެވެ. އެގޮތުން 756،719 ފަތުރުވެރިން ރިސޯޓުތަކަށް ޒިޔާރަތްކޮށްފައި ވާއިރު އެއީ ޒިޔާރަތްކުރި ފަތުރުވެރިންގެ 72 އިންސައްތަކަން ފާހަގަކޮށްލެވެއެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ ގެސްޓްހައުސްތަކަށެވެ. އެގޮތުން 23 އިންސައްތަ ފަތުރުވެރިން ގެސްޓްހައުސް ތަަކަށް ޒިޔާރަތްކޮށްފައިވާއިރު އެއީ ޖުމްލަ 244،755 ފަތުރުވެރިންނެވެ. މީގެ އިތުރުން ހޮޓެލްތަކަށް ވެސް ވަނީ 25،521 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އާންމު ގޮތެއްގައި ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މިހާރު އުޅެނީ 5،200 ގައެވެ. މީގެ ކުރިން މި އަހަރު ފެށުނުއިރު އެ އަދަދު އުޅުނީ 7،000 ގައެވެ. ފަތުރުވެރިން އެންމެ ގިނައިން ރާއްޖެ އަންނަ ގައުމުތަކަށް ބަލާއިރު ލިސްޓުގެ އެއްވަނައިގައި އަދިވެސް އުޅެނީ ޗައިނާއެވެ. ލިސްޓުގެ ދެވަނައިގައި ރަޝިއާ އުޅޭއިރު، ތިންވަނައިގައި އުޅެނީ އިނގިރޭސި ވިލާތެވެ. އަދި ހަތަރުވަނައިގައި އުޅެނީ އިޓަލީއެެވެ. މީގެ އިތުރުން ފަސްވަނައިގައި ޖަރުމަނު އުޅޭއިރު، އިންޑިއާ އަދިވެސް އުޅެނީ ލިސްޓުގެ ހަވަނައިގައެވެ. ފާހަގަކޮށްލެވޭ ގޮތުގައި ޗައިނާއިން ވަނީ މަހެއްގެ ތެރޭ 24،021 ފަތުރުވެރިންގެ އިތުރުވުމެއް އެ މާކެޓަށް ގެނެސްފައެވެ. https://sun.mv/224091 ޗައިނާއިން މާކެޓުގެ އެއްވަަނަ 2023ގައި ކަށަވަރުކުރީ، އިންޑިއާ ފަހަތަށް ޖައްސާލުމަށް ފަހުގައެވެ. މިހާރު އެ ދެ ގައުމުގެ ދެމެދުގައި، 105،274 ފަތުރުވެރިންގެ ތަފާތު އެބައޮތެވެ. ނަމަވެސް ޗައިނާ ވައްޓާލުމަށް ފަހު މިއަހަރުގެ ކުރީކޮޅު މާކެޓުގެ އެއްވަނަ ރަޝިއާއިން ހޯދިއެވެ. އެކަމަކު އަލުން ޗައިނާއިން ވަނީ މަގާމު ދިފާއުކޮށްފައެވެ. މި ސަރުކާރުގެ އަމާޒަކީ މި އަހަރުގެ ނިޔަލަށް 2.3 މިލިއަން ފަތުރުވެރިން ގެނައުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ