ޚާމަނާއީގެ ޖަނާޒާގައި މިލިއަނުން މީހުން

އީރާންގެ އަވަހާރަކޮށްލި ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާގެ ރަސްމިއްޔާތުތައް ފަށައިގެން ކުރިއަށް އެބަދެ އެވެ.
ގާތްގަނޑަކަށް ހަފްތާއަކަށް ދެމީގެންދާ މި ރަސްމިއްޔާތު ބެލެވިފައި ވަނީ އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ ގުޅުވައި ހުޅަނގުގެ ގައުމުތަކަށް ގޮންޖެހުމުގެ މެސެޖެއްގެ ގޮތުގަ އެވެ.
އޭއެފްޕީގެ ރިޕޯޓަރުން ބުނި ގޮތުގައި، ކަޅު ހެދުމުގައި ތިބި އަދި ބަދަލުހިފުމާއި އިންސާފަށް ގޮވާލުމުގެ ރަމްޒެއް ކަމަށް ޝިއައީން ބަލާ ލޭ ރަތްކުލައިގެ ދިދަތައް ވިހުރަމުން ދިޔަ މީހުންނާ އެކު، ވެރިރަށް ތެހެރާނުގެ އިމާމް ހުމައިނީ މުއްސަލާ މައިދާންް ވަނީ ތޮއްޖެހިފަ އެވެ.
އީރާންގައި 1989 ވަނަ އަހަރުން ފެށިގެން ވެރިކަން ކުރައްވައި، އިދިކޮޅު ހަރަކާތްތައް ހުއްޓުވައި ހުޅަނގާ ދެކޮޅު ސިޔާސަތެއް ގެންގުޅުއްވި އުމުރުން 86 އަހަރުގެ ޚާމަނާއީ އަވަހާރަކޮށްލީ ފެބްރުއަރީ 28 ގައި ހަނގުރާމަ ފެށުނު ފުރަތަމަ ދުވަހު އިޒްރޭލުން ވައިގެ މަގުން ދިން ހަމަލާއެއްގަ އެވެ. މި ހަމަލާގައި އޭނާގެ އާއިލާގެ ބައެއް މެންބަރުންނާއި މަތީ ފަންތީގެ ބައެއް އޮފިޝަލުން ވެސް ވަނީ އަވަހާރަކޮށްލައިފަ އެވެ.
ޚާމަނާއީގެ ބަދަލުގައި މަގާމަށް އައްޔަންކުރި އޭނާގެ ދަރިކަލުން މުޖްތަބާ ޚާމަނާއީ މި ރަސްމިއްޔާތަށް ވަޑައެއް ނުގަންނަވަ އެވެ. މަގާމަށް އައްޔަންކުރި ފަހުން އޭނާ އާންމުންނަށް ފެންނަ ހިސާބަކަށް ވެސް ނިކުމެވަޑައިގެންފައެއް ނުވެ އެވެ.
ހަނގުރާމައިން ސަލާމަތްވި އީރާނުގެ މަތީ އޮފިޝަލުން ވަނީ، ޚާމަނާއީއަށް ފަހުގެ އިހްތިރާމް އަދާކުރުމަށް ވަޑައިގެންނެވި ބޭރުގެ އިއްޒަތްތެރިންނަށް އެ މައިދާނުގައި މަރުހަބާ ދަންނަވައިފަ އެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ތެހެރާނުގެ ފިނިހޫނުމިން 40 ޑިގްރީ ސެލްސިއަސްއަށް އަރާނެތީ، ހޫނުން ސަލާމަތްވުމަށްޓަކައި ފެން ސްޕްރޭކުރަމުން ދިޔަ މި ބޮޑު މައިދާނުގައި އަންހެނުންނާއި ފިރިހެނުން ވަކިން ޖަމާވެ އޮތީ ފުރާލައިފަ އެވެ.
ކުރީގެ ލީޑަރުގެ ބޮޑު ފޮޓޯއެއްގެ ކުރިމަތީގައި، އެމީހުން ދިޔައީ ހިތާމައިގެ ނިޝާނެއްގެ ގޮތުން މޭގައި ތަޅަމުންނެވެ.
އޭއެފްޕީގެ ފޮޓޯތަކުން ފެންނަ ގޮތުގައި، ޚާމަނާއީގެ ކަޅު ފަގުޑި އޭނާގެ ސަންދޯކުގެ މަތީގައި ބާއްވާލާފައި އޮތެވެ. އަދި އާއިލާގެ އެހެން ހަތަރު މެންބަރެއްގެ ސަންދޯއް ވެސް ކައިރީގައި ހުއްޓެވެ. 
އެ ސަރަހައްދު ގުގުމަމުން ދިޔައީ "އެމެރިކާއަށް ހަލާކު ހުރި" އަދި "ބަދަލުހިފާ، ބަދަލުހިފާ" ފަދަ ޝިއާރުތަކުގެ ގަދަ އަޑުންނެވެ.
"ލީޑަރަކީ އަހަރެމެން އެންމެންގެ ބަފައެއް ފަދަ ބޭފުޅެއް. އޭނާ ވަކިވެދިޔުމުން އަހަރެމެން އެންމެން މިވީ ޔަތީމުންނަށް... އޭނާ ފަދަ ދެވަނަ މީހަކު ނެތް. އޭނާއަކީ ހަގީގަތުގައި ވެސް ތަފާތު އަދި އަޅާކިޔޭނެ މީހެއް ނެތް ބޭފުޅެއް،" އުމުރުން 38 އަހަރުގެ ދީނީ އިލްމުވެރިއެއް ކަމަށްވާ މުހައްމަދު މީރުސާލިހީ ބުންޏެވެ.
އުމުރުން 18 އަހަރުގެ ދަރިވަރެއް ކަމަށްވާ ހާމިދު ރިޒާ ޝަބާނީ ބުނީ "އަހަރެމެން ތެދުވަންޖެހޭ. އަދި އިރާދަކުރެއްވިއްޔާ އަހަރެމެންގެ ލީޑަރުގެ ލެއަށް ބަދަލުހިފާނަން" ކަމަށެވެ.
މި ރަސްމިއްޔާތުތަކަށް އެކަނިވެސް ވެރިރަށުން 10 މިލިއަނަށްވުރެ ގިނަ މީހުން އެއްވާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ލަފާކުރެ އެވެ.
ނަމަވެސް، ރަސްމިއްޔާތުތައް ފެށުމުގެ ކުރިން ތެހެރާން ފެނުނީ އާންމުކޮށް އޮންނަ ވަރަށްވުރެ މާ ހިމޭންކޮށެވެ. އާންމުކޮށް ބާރުބޮޑު މަގުތަކުގައި ޓްރެފިކެއް ނެތެވެ. އޭއެފްޕީއާ ވާހަކަދެއްކި ބައެއް މީހުން ބުނި ގޮތުގައި، މި ރަސްމިއްޔާތުތައް ހިނގަމުންދާ ދުވަސްވަރު އެ މީހުން ވަނީ ސިޓީ ދޫކޮށް ދާން ވަނީ ނިންމައިފަ އެވެ.
ފަސް ހަފްތާގެ ހަނގުރާމައަށްފަހު، މިހާރު އޮތީ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއްގެ ތެރޭގަ އެވެ.  ނަމަވެސް އެމެރިކާ އަދި އީރާނުންވެސް ވަނީ ކޮންމެ ވަގުތެއްގައި ވެސް އަލުން ހަނގުރާމަ ފެށުމަށް ތައްޔާރަށް ތިބި ކަމުގެ އިންޒާރު އަންނަނީ ދެމުންނެވެ.
އީރާނުން ބޭރުގައި މި ޖަނާޒާ ބެލެވެނީ ސަރުކާރަށް އޮތް ތާއީދު ވަޒަންކުރާ އިމްތިހާނެއްގެ ގޮތުގަ އެވެ. ޖެނުއަރީ މަހު ހިނގި ބޮޑެތި މުޒާހަރާތަކާ ގުޅިގެން ސަރުކާރަށް ވަނީ ކުރިން ވެސް ލޮޅުން އަރައިފަ އެވެ. އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމާއަތްތަކުން ބުނާ ގޮތުގައި އެ މުޒާހަރާތަކަށް ހުރަސްއެޅުމުގެ ތެރޭގައި އެތައް ހާސް ބަޔަކު ވަނީ މަރުވެފަ އެވެ.
ޖަނާޒާގެ ރަސްމިއްޔާތުތަކުގައި ތިން ދުވަސް ވަންދެން ތެހެރާނުގައި ސަންދޯއް ބޭއްވުމަށް ފަހު، އަންގާރަ ދުވަހު، ދީނީ ސިޓީއެއް ކަމަށްވާ ގުމް އަށް ގެންދާނެ އެވެ. އެއަށްފަހު ބުދަ ދުވަހު، އަވަށްޓެރި އިރާގަށް ގެންދިއުމަށްފަހު، ބުރާސްފަތި ދުވަހު ޚާމަނާއީގެ އުފަން ރަށް ކަމަށްވާ އިރުއުތުރު މަޝްހަދުގައި ފަސްދާނުލާނެ އެވެ.
އޭނާ ފަސްދާނުލާނީ ފެބްރުއަރީ 28 ގެ ހަމަލާތަކުގައި އަވަހާރަވި އޭނާގެ ތުއްތު ކާފަދަރިފުޅާއި، ދަނބިދަރިފުޅާއި، އަންހެން ދަރިކަނބަލުންނާއި އަދި މުޖްތަބާ ޚާމަނާއީގެ އަނބިކަނބަލުން ޒަހްރާ ހައްދާދު އާދިލްއާ އެކުގަ އެވެ.
ދައުލަތުގެ މީޑިއާތަކުން ބުނާ ގޮތުގައި ކާފަ ދަރިފުޅު ޒަހްރާ މުހައްމަދު ގޮލްޕަޔަގާނީގެ އުމުރަކީ އެންމެ 14 މަހެވެ. އެ ކުޑަ ސަންދޯއް ހުރީ ވަރަށް ބޮޑަށް ފެންނަ ގޮތަށް ބަހައްޓާފަ އެވެ.
ސަލާމަތްވި އޮފިޝަލުން ހުކުރު ދުވަހު ވަނީ ހިތާމަ ފާޅުކުރުމުގައި ބައިވެރިވެ ވަޑައިގެން އެއްބައިވަންތަކަން ދައްކަވައިފަ އެވެ.
އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް އަދި އެމެރިކާއާ އެކު ކުރާ މަޝްވަރާތަކުގެ އިސް ލީޑަރު މުހައްމަދު ބާގިރު ގާލީބާފް ފެނުނީ ކީރިތި ކުރައްވަނިކޮށެވެ އަދި އީރާން އަސްކަރިއްޔާގެ ބާރުގަދަ އިންގިލާބީ ލަޝްކަރުގެ ވެރިޔާ އަވަހާރަކޮށްލުމުން އެ މަގާމަށް ފަހުން އައްޔަންކުރި އަހްމަދު ވަހީދީ ވަނީ އެ މަގާމަށް ވަޑައިގަތް ފަހުން ފުރަތަމަ ފަހަރަށް އާންމުންގެ ކުރިމައްޗަށް ނުކުމެވަޑައިގެންފަ އެވެ.
"ގައުމުގެ ބަދަލުހިފުމުގެ ގޮވާލުމުގެ އަޑު މުޅި ދުނިޔޭގެ ކަންފަތްތަކަށް އިއްވަންޖެހޭ،" ގާލީބާފް ވިދާޅުވި އެވެ. 
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އާ ލީޑަރު މުޖްތަބާ ޚާމަނާއީ މި ރަސްމިއްޔާތުގައި ބައިވެެރިވެ ވަޑައިގަންނަވަން ބޭނުންވިޔަސް ސަލާމަތީ އޮފިޝަލުން ވަނީ އެކަން މަނާކޮށްފަ އެވެ. އެއީ އިޒްރޭލުގެ ހަމަލާއެއް ބިރު އޮތުމުން ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ. މީގެ ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޚާމަނާއީ އަވަހާރަކޮށްލި ހަމަލާތަކުގައި މުޖްތަބާ ވެސް ވަނީ ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ.  އޭނާ މިހާތަނަށް ބަޔާންތައް ނެރުއްވާފައި ވަނީ ލިޔުމުންނެވެ. އާންމުންގެ ތެރެއަށް ނުކުމެވަޑައެއް ނުގަންނަވަ އެވެ. 
ސަލާމަތީ ގޮތުން ވަރުގަދަ ފިޔަވަޅުތައް އަޅައި އެތައް ކިލޯމީޓަރެއް ދުރުން މަގުތައް ބަންދުކޮށްފައި ވާއިރު މިއީ 1989 ވަނަ އަހަރު ޚާމަނާއީގެ ކުރިން ހުންނެވި ރޫހުﷲ ޚުމައިނީގެ ޖަނާޒާއަށް ފަހު އީރާނުގައި ބާއްވާ އެންމެ ބޮޑު އާންމު ހަރަކާތެވެ.
ކުރީގެ މިފަދަ ހަރަކާތްތަކުގައި މީހުން ތޮއްޖެހިގެން ހިނގާފައިވާ ނުރައްކާތެރި ހާދިސާތަކުގެ ބިރު އޮތުމުން، ސަރުކާރުން ވަނީ މި ހަރަކާތް އޮމާންކަމާ އެކު ކުރިއަށް ގެންދިއުމަށް ދުރާލައި ފިޔަވަޅުތައް އަޅައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ