ހުޅުމާލޭ އެޕާޓްމަންޓެއްގައި ރޯވެ އެކަކު ފިހިއްޖެ

ހުޅުމާލޭގެ އެޕާޓްމަންޓެއްގައި ރޯވެ މީހެއްގެ އަތް ފިހި، އެހެން މީހަކަށް ދުމުގެ އަސަރުކޮށްގެން ހޮސްޕިޓަލުގައި އެބަ ފަރުވާދެމުންދެ އެވެ. 
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އަލިފާން ރޯވީ ފްލެޓު ނަންބަރު 110 ގައި ކަމަށެވެ. އެ ހާދިސާ ރިޕޯޓުކޮށްފައި ވަނީ ދަންވަރު 1:07 ގައި ކަމަށް ފުލުހުން ބުނެ އެވެ. 
"މި ހާދިސާގައި ރޯވި އަލިފާންގަނޑު ވަނީ ފުލުހުންނާއި އާންމު ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން ކޮންޓްރޯލްކޮށްފަ،" ފުލުހުން ބުންޏެވެ. 
ފުލުހުން ބުނީ އަލިފާނުގައި އަނިޔާވި މީހުންނަށް އަދިވެސް ފަރުވާ ދެމުން އަންނަ ކަމަށެވެ. 
"މި ހާދިސާއާ ގުޅިގެން ހޮސްޕިޓަލަށް ގެންދިޔަ މީހުންގެ ތެރެއިން ދެ މީހަކަށް މިހާރުވެސް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އޭގެ ތެރޭގައި ހިމެނެނީ އަތް ފިހިގެން ފަރުވާ ހޯދަމުންދާ ފިރިހެނަކާއި، ދުމުގެ އަސަރުކޮށްގެން ނޭވާލާން އުނދަގޫވި މީހެއް،" ފުލުހުން ބުނެފައިވެ އެވެ. 
އެ ހާދިސާގައި އަލިފާން ރޯވި އެޕާޓްމަންޓް މިވަގުތަށް ބޭނުން ނުކުރެވޭ ވަރަށް ވަނީ ހަލާކުވެފަ އެވެ. އެހެންވެ، އެތަނުގައި ދިރިއުޅެމުންދިޔަ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. 
"މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ ތަހުގީގު ކުރަމުން. އަދި މި ހާދިސާގެ ސަބަބުން ހާލުގައި ޖެހުނު އާއިލާތަކަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި އެހެނިހެން އެހީތެރިކަން ނޭޝަނަލް ޑިޒާސްޓA މެނޭޖްމަންޓް އޮތޯރިޓީ އިން ދަނީ ފޯރުކޮށްދެމުން،" ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ