ހުޅުމާލޭގެ އެޕާޓްމަންޓެއްގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި ބަޔަކަށް އަނިޔާވެ، ދިރިނޫޅެވޭ ވަރަށް ތަން ހަލާކުވެއްޖެއެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މަޢުލޫމާތު ދީފައިވާގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ 1 ގައި ހުންނަ 110 ވަނަ ފްލެޓްގައެވެ. ފުލުހުންނާ ހަވާލާދީ އެންޑީއެމްއޭ އިން ބުނީ، މި ހާދިސާ ހިނގަން މެދުވެރިވީ އެޕާޓްމަންޓުގެ ސިޓިންގ ރޫމުގައި އޮތް 'ޓޫލް މެލްޓިންގ ޑިވައިސް' އެއްގައި ރޯވުމުގެ ސަބަބުން ކަމަށެވެ.
މި ހާދިސާ ހިނގިއިރު އެ އެޕާޓްމަންޓުގައި ޖުމްލަ ހަތް ދިވެހިން ދިރިއުޅެމުން ދިޔައެވެ. އޭގެތެރެއިން، 5 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އެކެއްގެ އަތާއި ފައިގެ 12 އިންސައްތަ ފިހިފައިވާކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުންޏެވެ.
އެންޑީއެމްއޭ އިން ބުނީ، މި ހާދިސާގެ ސަބަބުން އެ އެޕާޓްމަންޓަށް ބޮޑެތި ގެއްލުންތަކެއް ލިބި، އިތުރަށް ދިރިނޫޅެވޭ ވަރަށް ތަން ހަލާކުވެފައިވާކަމަށާއި އެ ޢާއިލާއަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ޒަރޫރީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
ހަމައެއާއެކު، އެ އިމާރާތުގެ އެއްވަނަ ފަންގިފިލާ އާއި ތިންވަނަ ފަންގިފިލާގެ ދެ އެޕާޓްމަންޓަކަށް ވަރަށް ބޮޑަށް ދުމުގެ އަސަރުކޮށްފައިވާތީ، އެ ތަންތަނުގައި ދިރިއުޅޭ އަށް ދިވެހިންނަށްވެސް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވާކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.
ހުޅުމާލޭގެ އެޕާޓްމަންޓެއްގައި ރޯވެ، ފަސް މީހަކަށް ފަރުވާދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ