ބޮޑު ފަތިހާ މި ޓީޗަރު މި ކުރަނީ ކީއް؟

އެއްގޮތަކަށް ބުނާ ނަމަ މިއީ އާދައިގެ އޮންލައިން ކްލާހެކެވެ. އެކަމަކު ކްލާސް އޮންނަ ވަގުތާއި ބައިވެރިވާ ދަރިވަރުންގެ އަދަދުން މިއީ އާދައިގެ ކްލާހެއް ނޫންކަން އެނގެ އެވެ.
ހެނދުނު މީހުން ހޭލުމުގެ މާ ކުރިން، މި ކްލާސްރޫމު ހޭލަމޭލަވެ އެވެ. ރާއްޖޭގެ އެކި ހިސާބުތަކުން ދަރިވަރުން ބައިވެރިވެ، ކްލާސް 'ފުރާލަ' އެވެ. އޭރު، ޅ. ނައިފަރު، މަދްރަސަތުލްއިފްތިތާހުގެ އިސްލާމް ޓީޗަރު އަލީ ހަނޫން، އޭނާގެ ގޭގެ މޭޒު ދޮށުގައި އިނދެގެން ތައްޔާރުވަމުން ދާނީ އެ ހުރިހާ ކުދިންނަށް ކިޔަވައިދޭށެވެ.
މިއީ އޭނާގެ ދުވަސް ފެށޭ ގޮތެވެ. މި ހަފުތާގެ ކޮންމެ ދުވަހެއްގެ ވެސް 5:15ގައި އޭނާ ކްލާސްރޫމް ހުޅުވާލުމާ އެކު، ސާނަވީއަށް ކިޔަވާ އެތައް ސަތޭކަ ކުދިންނެއް މި ކްލާހަށް ވަދެ ތިބެ އެވެ. ދެން ނިކަން ޝައުގުވެރިކަމާ އެކު، މަޖަލާއެކު އެ ދަރިވަރުންނަށް އިސްލާމް މާއްދާ ކިޔަވައިދޭން ފަށަ އެވެ.
ކޮންމެ ދުވަހަކު ވެސް ބޮޑު ފަތިހާ ތެދުވެ އޭނާ ކުރާކަމަކީ މިއީ އެވެ.
"ކޮވިޑްގެ ފަހުން އަޅުގަނޑު މި ގޮތަށް ކްލާސްތައް ކުރިއަށް ގެންދަން. ފުރަތަމަ ގެންދިޔައީ، ހަފުތާ ބަންދުތަކުގައި ހައެއް ޖަހާކަންހާއިރު. އޭރު ވެސް ފަތިސް ކްލާސްތަކުގެ ނަމުގައި ކުރިއަށް ގެންދިޔައީ،" ހަނޫން، 34، ބުންޏެވެ.
"އެކަމަކު ފަހުން ހިތަށް އެރީ ފަތިސް ނަމާދަށް ފަހު ފަށައިފިއްޔާ އަދި މާރަނގަޅުވެދާނެއޭ."
ބޮޑު ފަތިހާ އޭނާ މި ކްލާސްތައް ފެށީ އަޖުމަ ބަލައިލުމުގެ ގޮތުންނެވެ. ގްރޭޑް ނުވައަކާއި ދިހައެއްގެ ކުދިންގެ އިމްތިހާނު ފެށެން ގާތްވަމުން ދިޔައިރު، ހުޅުވާލި މި ކްލާހަށް ފުރަތަމަ ދުވަހު ވެސް 400އެއްހާ ދަރިވަރުން ވަނެވެ. ދެ ވަނަ ދުވަހު އެއަށް ވުރެ ގިނަވި އިރު، ތިން ވަނަ ދުވަހު، ކްލާހުގައި ބައިވެރިވި ދަރިވަރުންގެ އަދަދު 800އަށް އެރި އެވެ.
އެއާ އެކު، މިއީ ދަރިވަރުންގެ ޝައުގުވެރިކަން ބޮޑު، ކުރިއަށް ގެންދެވިދާނެ ކްލާސްތަކެއްކަން އޭނާއަށް އެނގުނެވެ.
ދަރިވަރުން އިމްތިހާނަށް ތައްޔާރުކުރުވުމަށް، ހަނޫން މި ކްލާސްތައް ކުރިއަށް ގެންދަނީ މުޅިން ހިލެ އެވެ. ދަރިފުޅު ޓިއުޝަނަށް ފޮނުވޭނެ ފަދަ ތަނަވަސްކަން ނެތް ބެލެނިވެރިންނަށް އެހީތެރިވުމުގެ ގޮތުން އޭނާ ފެށި މި ކްލާސްތައް، ހަމަ ކޮންމެ ދަރިވަރަކަށް ވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލީ، ވީހާ ވެސް ގިނަ ބަޔަކަށް އޭގެ ފައިދާ ލިއްބައިދިނުމުގެ ގޮތުންނެވެ.
އޭނާ ބުނި ގޮތުގައި، ގްރޭޑް 10ގެ ދަރިވަރުން ބޮޑު އިމްތިހާނަށް ތައްޔާރުވުމަށް ލިބެނީ ވަރަށް ކުރު މުއްދަތެކެވެ. ދެ ވަނަ ޓާމްގައި ކިޔަވަނީ މަހެއްހާ ދުވަހެވެ. ދަރިވަރުން އިމްތިހާނަށް ތައްޔާރުކުރުވުމަށް، ސްޓަޑީ ކޭމްޕްތައް ބޭއްވުމަށް އެކި ރަށްރަށުން ދައުވަތު ލިބުނު ނަމަވެސް، ވަގުތު ނެތުމުގެ ސަބަބުން އޮންނަނީ ނުދެވިފަ އެވެ. އެހެންވެ، ހަނޫނަށް ގަބޫލު ކުރެވުނީ ހިލޭ، އެ ފަދަ އޮންލައިން ކްލާސްތަކެއް ބާއްވައިފި ނަމަ، އޭގެ ފައިދާ ވަރަށް ގިނަ ކުދިންނަށް ކުރާނެ ކަމެވެ.
ކިޔަވައިދޭ ސްޓައިލުގެ ގޮތުން ހަނޫނަކީ ދަރިވަރުންގެ މެދުގައި މަގުބޫލް ޓީޗަރެކެވެ. ގިނަ ކުދިންނަށް، އިސްލާމް މާއްދާ، ފޫހި މާއްދާއަކަށް ވެފައި އޮންނައިރު، ހަނޫން އެ މާއްދާ ކިޔަވައިދެނީ ސަކަރާތުގެ ތެރޭގަ އެވެ. ދޭތެރެއަކުން ދަރިވަރުން ހެއްވާލާ، ދަރިވަރުންގެ ސަމާލުކަން އެކަމަށް އަނބުރާލައިގެންނެވެ.
އެކަމުގައި އޭނާގެ މޮޓޯއަކީ ދިވެހިބަހުގެ އަދީބު، އަބްދުﷲ ސޯދިގު ވިދާޅުވެފައިވާ 'މަޖަލާއެކީ ކިޔެވި އެއްޗެއް އަޖަލާ ޖެހެންދެން ހަނދާން ހުންނާނެ' ކަމުގެ ބަހެވެ.
"ކުދިން ވަރަށް އެންޖޯއި ކުރޭ. ޓެސްޓުގައި ދަރިވަރުން އާއްމުކޮށް ހަދާ މިސްޓޭކުތައް ދެނެގަނެ، ހަނދާން ބަހައްޓާނެ މޮޅެތި ކޯޑުތައް ވެސް އަޅުގަނޑުމެން ދަސްކުރަން،" ހަ ކުދިންގެ ބައްޕަ ބުންޏެވެ.
"ވަރަށް މަޖާކޮށް، އިންޓަރެކްޓިވްކޮށް ކްލާސްކުރިއަށް ދާނީ."
އޭނާ ބުނި ގޮތުގައި، ފަތިހުގެ އެ ގަޑިއަކީ ކުދިން ފިލާވަޅުތައް ބޮލަށް ނަގައިގަންނަން ވަރަށް ރަނގަޅު ވަގުތެއްކަން ވަނީ ތަޖުރިބާ ކުރެވިފަ އެވެ. ކިޔަވައިދޭ އެއްޗެހި ފަސޭހައިން ދޭހަވެފައި، ގިނަ ދުވަހު ހަނދާނުގައި ދެމިހުރެ އެވެ.
އެހެންވެ، އޭނާ އެ ކްލާސްތައް ނަގައިދެނީ ވެސް އެކަމަށް ވަރަށް ތައްޔާރުވެގެން ހުރެ އެވެ. ބޯޑުގައި ފިލާވަޅުތައް ނަގައިދީ، އަމިއްލައަށް ހަދާފައިވާ ވޯކްޝީޓުތައް ދެ އެވެ. އެ ފިލާވަޅުތަކުގެ އިތުރުން، ދަރިވަރުންނަށް އުނދަގޫ ސުވާލުތަކަށް ޖަވާބުދެ އެވެ. ދަރިވަރެއްގެ ހިތުގައި އުފެދޭ އެންމެ ސުވާލެއް ވެސް އޭނާ ދޫކޮށެއް ނުލަ އެވެ. 
ހަނޫން ބުނި ގޮތުގައި، އެހާ ފަތިހާ ކްލާހަކަށް ކިޔަވަން އަންނާނީ އެކަމަށް ވަރަށް ޝައުގުވެރިކަން ހުންނަ ދަރިވަރުންނެވެ. އެހެންވެ، މިހާތަނަށް އައިއިރު ދަރިވަރުންގެ ނަތީޖާ ވެސް ވަރަށް ރަނގަޅުވެފައިވާކަން، ބެލެނިވެރިންގެ ބަހުން އެނގޭ ކަމަށް ބުންޏެވެ.
އޭނާ އެދެނީ ވީހާ ވެސް ގިނަ އިސްލާމް ޓީޗަރުން މި ފަދަ ކްލާސްތައް ދަރިވަރުންނަށް ހިންގައިދިނުމަށެވެ. މިއީ ބުރަ، ވަގުތު ނަގާކަމެއް ނަމަވެސް އެއިން ލިބޭ ފައިދާ މާބޮޑު ކަމަށް ބުންޏެވެ.
"ގަބޫލުކުރަން މިއީ ބުރަކަމެއް ކަމާއި މީގެ އުޖޫރައެއް ލިބެން ޖެހޭނެ ކަމަށް ވެސް. އެކަމަކު އަޅުގަނޑު ދަންނަވާނީ އިލްމު ފެތުރުމަކީ އެއަށްވުރެ ވޯތުކަމެކޭ. މީހާ މަރުވެ ދިޔުމުން ވެސް އޭނާއަށް އަޖުރަ ލިބޭނެ ކަންކަން މި ހުންނަނީ،" ހަނޫން ބުންޏެވެ.
"ދަރިވަރުންގެ އިތުރުން ޓީޗަރުންނަށް ވެސް ކަންކަން އެބަ ދަސްވޭ. މީގެ މަންފާ ލިބޭނެ ދަރިވަރުންގެ އަދަދު އެބަ ހާހަށް އަރާ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ