ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން، އެ އެޖެންސީގެ އައްޑޫ އޮފީހުގައި ކޯލް ސެންޓަރެއް ޤާއިމުކޮށް ރަސްމީކޮށް ޚިދުމަތް ދޭން ފަށައިފިއެވެ. މި ކޯލް ސެންޓަރު ހުޅުއްވައިދެއްވީ އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާއެވެ.
އައްޑޫ ސިޓީގައި މި ހުޅުވުނު ކޯލް ސެންޓަރާއެކު، އެންސްޕާގެ ޚިދުމަތްތައް ދޭ ވަގުތުތަކަށް ވަނީ ބޮޑު ބަދަލެއް ގެނެސްފައެވެ. މިގޮތުން ކުރިން ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް ޚިދުމަތް ދެމުންދިޔަ ނަމަވެސް، 1 ޖުލައި 2026 އިން ފެށިގެން ޚިދުމަތް ދޭ ވަގުތު ވަނީ އިތުރުކޮށްފައެވެ.
އައު ބަދަލާއެކު، ހަފްތާގެ 6 ދުވަހު (ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް) ހެނދުނު 8:00 އިން ރޭގަނޑު 22:00 އާ ހަމައަށް ކޯލް ސެންޓަރު މެދުވެރިކޮށް ޚިދުމަތް ލިބޭނެއެވެ. މިއީ ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ވަގުތަށް ގެނެވުނު ވަރަށް ބޮޑު ލުޔެކެވެ.
އެންސްޕާ އިން ހާމަކުރި ގޮތުގައި މި ބަދަލުގެ މައިގަނޑު މަޤްޞަދަކީ އެ އެޖެންސީގެ ޚިދުމަތް ހޯދާ ރައްޔިތުންނަށް ވީހާވެސް ފަސޭހަކަމާއެކު ޚިދުމަތްތަކުގެ މަޢުލޫމާތާއި، އެކި އެހީތަކާ ގުޅޭ އަދާހަމަ މަޢުލޫމާތު ހޯދުމަށް މަގުފަހިކޮށްދިނުމެވެ.
މި ކޯލް ސެންޓަރުގެ ޚިދުމަތާއެކު، އެންސްޕާގެ އެހީތަކަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް އެ ފަރާތްތަކުގެ މައްސަލަތައް ކުރިއަށްދާ ގޮތް ބަލައިލުމަށާއި އިތުރު މަޢުލޫމާތު ސާފުކުރުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށް އެ އެޖެންސީން އުންމީދު ކުރެއެވެ.
އެންސްޕާގެ އައްޑޫ އޮފީހުގައި ކޯލް ސެންޓަރެއް ޤާއިމުކޮށް ޚިދުމަތް ދޭން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ