އިންޑިއާއިން ރާއްޖެއަށް އެކްސްޕޯޓުކުރާ ތެލުން ނަގާ ޓެކުހެއް މައާފުކޮށްފި

އިންޑިއާއިން ރާއްޖެއަށް އެކްސްޕޯޓު ކުރާ ޕެޓްރޯލާއި ޑީސަލުން ނަގަމުން އައި ޓެކުހުގެ ބާވަތެއް ކަމަށްވާ 'ރޯޑް އެންޑް އިންފްރާސްޓްރަކްޗާ ސެސް' (އާރުއައިސީ) ކަނޑާލަން އެ ގައުމުގެ ސަރުކާރުން އިއްޔެ ނިންމައިފި އެވެ.
ތަފްސީލު - އެކަން އިިއުލާންކޮށް، އިންޑިއާގެ ގެޒެޓުގައި ޝާއިއުކުރީ މިދިޔަ އަންގާރަ ދުވަހު އެވެ. އެ އިއުލާނުގައިވާ ގޮތުން ރާއްޖޭގެ އިތުރުން މޮރިޝަސްއަށް ވެސް ވަނީ އެ ލުއި ވަނީ ދީފަ އެވެ.
އާރުއައިސީ އުނިކުރަން ނިންމާފައިވަނީ އިންޑިއާގެ ސަރުކާރު ހިއްސާވާ ތެޔޮ ކުންފުނިތަކުން އެކްސްޕޯޓު ކުރާ ތެލުންނެވެ.
މީގެ ކުރިން އެ ލުއި ދެމުން އައީ ނޭޕާލް، ބޫޓާން، ބަންގްލަދޭޝް އަދި ސްރީ ލަންކާއަށެވެ. އަލަށް ގެނައި އިސްލާހާ އެކު ލިސްޓަށް ރާއްޖެ އާއި މޮރިޝަސް ވަނީ އިތުރުކޮށްފަ އެވެ.
ގެޒެޓުގައި ޝާއިއުކުރި ދުވަހު އެ އިސްލާހަށް ވަނީ އަމަލުކުރަން ފަށާފަ އެވެ.
އެނގުން މުހިންމު - މި ބަދަލާ އެކު އިންޑިއާއިން ރާއްޖެއަށް އެތެރެކުރާ ތެލުގެ އަގު ހެޔޮވާނެ އެވެ. އެހެން ނަމަވެސް ރާއްޖެއަށް މައިގަނޑު ގޮޮތެއްގައި ޕެޓްރޯލާއި ޑީސެލް އެތެރެކުރާ ގައުމުތަކުގެ ތެރޭގައި އިންޑިއާ ނުހިމެނެ އެވެ.
ޕެޓްރޯލާއި ޑީސެލް އެތެރެކުރުމުގައި ރާއްޖެއިން ބަރޯސާ ވަނީ އޮމާން އަށެވެ. އޭގެ އިތުރުން މެލޭޝިއާ، ޔޫއޭއީ އަދި ސިންގަޕޫރުން ވެސް ޑީސެލް އެތެރެކުރާއިރު، ޕެޓްރޯޯލާއި ޖެޓް ފިއުލް އެތެރެކުރާ ގައުމުތަކުގެ ތެރޭގައި ސިންގަޕޫރު، މެލޭޝިއާ އަދި ޔޫއޭއީ ހިމެނެ އެވެ.
ނަމަވެސް، އީރާން ހަނގުރާމައިގެ ސަބަބުން ތެލުގެ ތާށިކަމެއް އަތުވެދާނެ ކަމަށް ބަލައި، އެކަމަށް ތައްޔާރުވުމުގެ ގޮތުން އިންޑިއާއިން ތެޔޮ ގަންނަން މީގެ ކުރިން މަޝްވަރާ ކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ