ރިލީޒްކުރިތާ ހަތް ދުވަސްތެރޭ 'ވެލްކަމް ޓު ދަ ޖަންގަލް'އަށް 100 ކްރޯޑު ރުޕީސް

މިދިޔަ ހުކުރު ދުވަހު ސިނަމާތަކުގައި އެޅުވި ޑައިރެކްޓަރު އަހްމަދު ޚާންގެ ކޮމެޑީ ފިލްމު "ވެލްކަމް ޓު ދަ ޖަންގަލް" ބޮކްސް އޮފީހުގެ 100 ކްރޯޑު ކްލަބުން ޖާގަ ހޯދައިފިއެވެ. ކުޅަދާނަ އެކްޓަރު އަކްޝޭ ކުމާރު މުހިއްމު ރޯލެއް ކުޅޭ "ވެލްކަމް ޓު ދަ ޖަންގަލް" މިހާރު ބޮކްސް އޮފީހުގައި ވާދަކުރަމުން އަންނަނީ ޑައިރެކްޓަރު ހޯމީ އަދަޖާނިއާގެ ފިލްމު "ކޮކްޓެއިލް 2" އަދި އިމްތިއާޒު އަލީގެ ފިލްމު "މޭން ވަޕަސް އާއުންގާ"އާއެވެ. ރޮމޭންޓިކް ޑްރާމާ "ކޮކްޓެއިލް 2"އަށް 12 ދުވަސް ތެރޭގައި ދުނިޔޭގެ ބާޒާރުން 131.90 ކްރޯޑް ރުޕީސް (13.8 މިލިއަން ޑޮލަރު) ލިބިފައިވާއިރު، "މޭން ވަޕަސް އާއުންގާ"އަށް 19 ދުވަސް ތެރޭގައި ލިބިފައިވަނީ 75.52 ކްރޯޑް ރުޕީސް (7.95 މިލިއަން ޑޮލަރު) އެވެ. ފިލްމީ ވިޔަފާރީގެ މައުލޫމާތުތައް ހާމަކުރާ ވެބްސައިޓެއް ކަމަށްވާ 'ސެކްނިލްކް'އިން ބުނާ ގޮތުގައި، ގިނަ ތަރިންތަކެއް ހިމެނޭ މި ކޮމެޑީ-ޑްރާމާ "ވެލްކަމް ޓު ދަ ޖަންގަލް"އަށް ފަސްވަނަ ދުވަހު އިންޑިއާގެ 10,616 ޝޯއަކުން ވަނީ 9.25 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިފައެވެ. ފިލްމު "ވެލްކަމް ޓު ދަ ޖަންގަލް"ގެ މަންޒަރެއްގައި އަކްޝޭ ކުމާރު އަދި ކުރީގެ ބަތަލާ ފަރީދާ ޖަލާލް-ފޮޓޯ/އިންޑިއަންއެކްސްޕްރެސް ބޭރުގެ މާކެޓްތަކަށް ބަލާއިރު، ފިލްމު ދައްކަން ފެށި ހަތަރުވަނަ ދުވަހު ތިން ކްރޯޑް ރުޕީސް އިތުރުވެ، ބޭރު ގައުމުތަކުން ލިބުނު ޖުމްލަ އާމްދަނީ ވަނީ 22.95 ކްރޯޑް ރުޕީސްއަށް އަރާފައެވެ. މިއާއެކު ދުނިޔޭގެ ބާޒާރުން މި ފިލްމަށް ލިބުނު ޖުމްލަ އާމްދަނީ މިހާރު ވަނީ 120.12 ކްރޯޑް ރުޕީސް (12.6 މިލިއަން ޑޮލަރު)އަށް އުފުލިފައެވެ. އަހުމަދު ޚާން ޑައިރެކްޓްކޮށް ފީރޯޒް ނަދިއަދުވާލާ ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާ މި ފިލްމުގެ މުހިންމު ރޯލުތަކުން ސުނިލް ޝެޓީ، އަރުޝަދު ވަރްސީ، ރަވީނާ ޓަންޑަން، ލާރާ ދައްތާ، ޖެކްލީން ފަރްނާންޑޭޒް، ދިޝާ ޕަޓާނީ، ޕަރޭޝް ރާވަލް، ޖޯނީ ލީވާ، ރާޖްޕަލް ޔާދަވް، ތުޝާރު ކަޕޫރު އަދި ޝްރެޔަސް ތަލްޕަޅޭ ފެންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ