ޔަޝްގެ 'ޓޮކްސިކް'ގެ ޓީޒާ ދައްކާލުމާއެކު ގިނަ ބަޔެއްގެ ފާޑުކިޔުންތައް ފިލްމަށް
ބެލުންތެރިންގެ ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ އިންޑިއާގެ ފިލްމު "ޓޮކްސިކް: އަ ފެއަރީ ޓޭލް ފޯ ގްރޯން އަޕްސް"ގެ ޓީޒާ އިއްޔެ ރިލީޒްކުރުމާ އެކު ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ފިލްމަށް ފާޑުކިޔަމުންނެވެ. ކަންނަޑާ ފިލްމީ ތަރި ޔަޝް ލީޑް ރޯލް ކުޅެފައިވާ "ޓޮކްސިކް"ގެ ޓީޒާއަށް 'ލޭޑީސް އެންޑް ލޭޑީސް'ގެ ނަމުން ނަންދީފައިވާތީ ފިލްމަށް އަސްލު ދީފައިވާ ނަމާއި އޭގައި ދައްކުވައިދޭ މަންޒަރުތައް އެއްގޮތަކަށްވެސް ނުގުޅޭ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ. އިންޑިއާގެ މަގުބޫލު ބަތަލާއިން ކަމަށްވާ ނަޔަންތާރާ، ކިއާރާ އަދުވާނީ، ތާރާ ސުތާރިއާ، ހުމާ ގްރޭޝީ އަދި ރުކްމިނީ ވަސަންތު ހިމެނޭ މަންޒަރުތަކެއް ދައްކުވައިދިން މި ޓީޒާއަށް ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި، އަންހެނުންނަކީ ހަމައެކަނި ދައްކާލާ 'އެއްޗެއްގެ' ގޮތުގައި މި ޓީޒާގައި ވަނީ ސިފަކޮށްފައެވެ. ބައެއް މީހުން ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުގައި، މި ޓީޒާގެ ސަބަބުން ސަންދީޕް ރެޑީ ވަންގާގެ ފިލްމުތަކުގައި ހުންނަ ނޭދެވޭ ސިފަތައް ވެސް މާ ކުޑަކަމަށް މިހާރު އިހުސާސް ކުރެވެއެވެ. "ޔަޝް އޭނާގެ ފިލްމު 'ދުވަންދަރު 2'އާ ފުށުނާރާ ގޮތަށް ފަސްކޮށްލީ މިފަދަ ކަމެއް ދެއްކުމަށްތޯ؟ އަންހެނުންނަށް ޚާއްސަ ޓީޒާއެއް ކަމަށް ބުނެ، އެމީހުން ބޭނުންކޮށްފައިވަނީ ހަމައެކަނި ދައްކާލާ ބުދުތަކެއްގެ ގޮތުގައި. އަދި އެމީހުންނަށް ދީފައިވަނީ ވަރަށް ދަށު ދަރަޖައިގެ ޑައިލޮގްތަކެއް،" އެކްސްގައި މީހަކު ލިޔެފައިވެއެވެ. ފިލްމު "ޓޮކްސިކް"ގެ ޓީޒާގައި ފިލްމުގެ މުހިއްމު ބަތަލާއިން--ފޮޓޯ/އެންޑީޓީވީ ޓީޒާގެ ނަމަކަށް 'ލޭޑީސް އެންޑް ލޭޑީސް' ކިޔާފައިވީ ނަމަވެސް، އޭގައި ހިމެނޭ މަޝްހޫރު އަންހެން ތަރިން ފެންނަނީ އެސްފިޔަ ޖަހާލާހާ ކުރު ވަގުތުކޮޅަކަށް ކަމަށް ބުނެ ގިނަ ބަޔަކު ވަނީ އެކަމުގެ އިދިކޮޅު ސިފަތަކަށް މަލާމާތްކޮށްފައެވެ. މީގެ އިތުރުން، ޓީޒާ ނިމޭއިރު ޔަޝް ބުނާ ހަޑިހުތުރު ޑައިލޮގަކާ މެދު ވެސް ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ. މިފަދަ ބޭކާރު އަދި ހަޑިހުތުރު ވާހަކަތަކެއް ޓީޒާގައި ހިމެނުމުގެ ބޭނުމަކީ ކޮބައިތޯ ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދާފައެވެ. މިއީ ފިލްމު "ޓޮކްސިކް" މިފަދަ މައްސަލައެއްގެ އަމާޒުފަތްގަނޑަކަށް ވި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ނެރުނު ޓީޒާގައި ހިމެނޭ މަންޒަރުތަކަކާ ގުޅިގެން ވެސް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. އެ މައްސަލައިގައި ކަރުނާޓަކާ ސްޓޭޓް ކޮމިޝަން ފޯ ވުމަންއިން ވަނީ ސެންސަރު ބޯޑަށް ސިޓީއެއް ފޮނުވައި، އަންހެނުން އިހާނެތިކޮށް ސިފަކުރާ މަންޒަރުތަކާ މެދު ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ. ގީތޫ މޯހަންދާސް ޑައިރެކްޓްކޮށް، ކޭވީއެން ޕްރޮޑަކްޝަނުން އުފައްދާ މި ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އޮގަސްޓް މަހުގެ 26ގައެވެ. މި ފިލްމުގެ މައި ރޯލު ކުޅުމުގެ އިތުރުން، ޔަޝް އަކީ މި ފިލްމުގެ ލިޔުންތެރިޔާ އަދި ޕްރޮޑިއުސަރު ވެސް މެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ