މާލޭގެ އާބަން މޮބިލިޓީ ސާވޭއެއް ފަށައިފި

މާލެ ސިޓީގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ތޮއްޖެހުން ކުޑަ، ފަސޭހައިން ހިނގާބިނގާވެ އުޅެވޭނެ ސިޓީއަކަށް ހެދުމަށްޓަކައި ބޭނުންވާ މަޢުލޫމާތު އެއްކުރުމަށް "އާބަން މޮބިލިޓީ ސާވޭ" ގެ ފީލްޑްވޯކް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.
މި ދިރާސާއަކީ މާލޭގެ ދަތުރުފަތުރުގެ މިހާރުގެ ހާލަތު ދެނެގަނެ، ދިމާވެފައިވާ ގޮންޖެހުންތަކަށް ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމުގެ މަގުސަދުގައި ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަސައްކަތް ކުރިއަށްދަނީ މާލެ ސިޓީ ކައުންސިލާއި ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް (ޔޫއެންއެސްކެޕް) ގުޅިގެންނެވެ. މި ސާވޭއަށް ހަރަދުކުރަނީ ވެސް ޔޫއެންއެސްކެޕް އިންނެވެ.
މި ދިރާސާގެ ތައްޔާރީތަކުގެ ތެރެއިން، ޔޫއެންއެސްކެޕްގެ ޓްރާންސްޕޯޓް ޑިވިޜަންގެ ޗީފް ކެޓްރިން ލޯ އޭޕްރިލް މަހުގެ 29 ވަނަ ދުވަހު މޭޔަރު އާދަމް އަޒީމާ ބައްދަލުކުރައްވާފައިވެއެވެ. މި ދިރާސާގައި މައިގަނޑު ގޮތެއްގައި ބަލާނީ މާލޭގައި ދިރިއުޅޭ މީހުން ގެންގުޅޭ އުޅަނދުފަހަރުގެ އަދަދާއި، ދަތުރުފަތުރު ކުރުމަށް ބޭނުންކުރާ ވަސީލަތްތަކުގެ އިތުރުން ދިމާވާ މައިގަނޑު ދަތިތަކަށެވެ.
މިހާރު ކުރިއަށްދާ މަޢުލޫމާތު އެއްކުރުމުގެ މަރުހަލާގައި މާލެ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓްގެ 20 މުވައްޒަފުން ދަނީ ހަރަކާތްތެރިވަމުންނެވެ. މިހާތަނަށް މާލެ، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭހެން ގްރޭޓަރ މާލެ ސަރަހައްދުގެ 1،000 އަށްވުރެ ގިނަ ގޭބިސީއަށް ޒިޔާރަތްކޮށް މަޢުލޫމާތު އެއްކޮށްފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.
ގޭގެއަށް ޒިޔާރަތްކުރުމުގެ އިތުރުން، ވީހާވެސް ގިނަ ރައްޔިތުންގެ ޚިޔާލު ހޯދުމަށްޓަކައި އޮންލައިންކޮށް ވެސް މި ސާވޭގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ސިޓީ ކައުންސިލުން އާންމުކޮށްފައިވާ ފޯމު މެދުވެރިކޮށް ކޮންމެ ރައްޔިތަކަށް ވެސް ޚިޔާލު ހުށަހެޅޭނެއެވެ.
މި ދިރާސާއިން ފާހަގަވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި ޖުލައި 20 އަދި 21 ގައި މީރުމާ ހޮޓެލްގައި ސްޓޭކްހޯލްޑަރ ވޯކްޝޮޕެއް ބޭއްވުމަށް ވެސް ވަނީ ނިންމާފައެވެ. މި ބައްދަލުވުމުގައި ދަތުރުފަތުރުގެ ދާއިރާގެ މާހިރުންނާއި ގުޅުންހުރި އިދާރާތަކުން ބައިވެރިވެ، ނިޒާމު ރަނގަޅުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ މެދު މަޝްވަރާކުރާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ