ހިޔާނާތުގެ ތުހުމަތެއް އަމާޒުވެގެން ވަޒީފާއިން ވަކި ކުރި އެމްޓީސީސީގެ ކުރީގެ ސީނިއާ ޖެނެރަލް މެނޭޖަރު ޝިފާއު އަލީއަށް ތިން ލައްކައަށް ވުރެ ގިނަ ރުފިޔާގެ ބަދަލެއް ދިނުމާއެކު އަނބުރާ ވަޒީފާ ވެސް ދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މިއަދު އަންގައިފި އެވެ.
އެމްޓީސީސީގެ ޖެނެރަލް މެނޭޖަރުގެ މަގާމުން ޝިފާއު ވަކި ކުރީ ޖޫން 11، 2025، ގަ އެވެ. އެއީ އެމްޓީސީސީގެ މުވައްޒަފުން ދިރިއުޅެން އެޅި ދެ ޓަވަރު އަޅަން ބަޔަކާ ހަވާލު ކުރުމުގައި ހިޔާނާތެއް ހިންގާފައިވާ ކަމަށް ބުނެ އެވެ. ޝިފާއު އަދި އިތުރު ބައެއްގެ ސަބަބުން އެމްޓީސީސީއަށް 39,241,855 ރުފިޔާގެ ގެއްލުން ލިބުނު ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެ މައްސަލައިގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ބުނީ ޝިފާއުގެ ސަބަބުން ކުންފުންޏަށް ބޮޑު ގެއްލުމެއް ލިބުނު ކަމަށް ތުހުމަތު ކުރެވުނު ނަމަވެސް އޭނާ ވަޒީފާއިން ވަކި ކުރުމުގައި މައުލޫއީ އަދުލާއި އިޖުރާއީ އަދުލުވެރިކަން ގާއިމްކޮށްފައިނުވާ ކަމަށެވެ.
ޓްރައިބިއުނަލުން ކަނޑައެޅީ ޝިފާއުގެ ހަ މަސްދުވަހުގެ މުސާރައަށްވާ 342،000 ރުފިޔާ ބަދަލެއްގެ ގޮތުގައި ނަގައިދޭށެވެ. އަދި އެ މައްސަލަ ޓްރައިބިއުނަލަށް ހުށަހަޅަން ހަރަދުވި 25،000 ރުފިޔާ ވެސް ނަގައިދޭން އެ ތަނުން ނިންމި އެވެ.
އެމްޓީސީސީ އިން ބުނީ ޝިފާއު އާއި އިތުރު ބަޔަކު ގުޅިގެން ޓަވަރު އަޅަން ހަވާލުކޮށްފައި، ހަވާލު ކުރި ކުންފުންޏަށް ނާޖާއިޒު ފައިދާވަނެ ގޮތަށް ކަމަށެވެ. އެ މައްސަލަ އޭސީސީއަށް ހުށަހެޅުމުން މައްސަލަ ބަލައި ދައުވާ ކުރަން އެދި ޕީޖީ އޮފީހަށް ވަނީ ފޮނުވައިފަ އެވެ. ޝިފާއުގެ އިތުރުން އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހުގެ މައްޗަށް ވެސް އެ ތުހުމަތު ކުރެ އެވެ.
އެމްޓީސީސީގެ ކުރީގެ ޖެނެރަލް މެނޭޖަރަށް ތިން ލައްކައަށްވުރެ ގިނަ ރުފިޔާގެ ބަދަލަކާއެކު އަނބުރާ ވަޒީފާ ދޭން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ