ސްޓެލްކޯއަށް މިދިޔަ އަހަރު 238.6 މިލިއަން ރުފިޔާގެ ސާފު ފައިދާ

ގްރޭޓާ މާލޭ ސަރަހައްދާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ދައުލަތުގެ ކުންފުނި ސްޓެލްކޯއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 238.6 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނީގެ މާލީ ބަޔާންތަކުން ދައްކައިފި އެވެ. 
އޮޑިޓާ ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ ސްޓެލްކޯގެ 2025 ވަނަ އަހަރުގެ މާލީ ބަޔާންތަކުގެ އޮޑިޓުން ދައްކާ ގޮތުގައި، މިދިޔަ އަހަރަކީ އެ ކުންފުނީގެ ވިޔަފާރި ވަރަށް ރަނގަޅު އަހަރެކެވެ.
މިދިޔަ އަހަރު ސްޓެލްކޯއަށް އާމްދަނީގެ ގޮތުގައި 3.3 ބިލިއަން ރުފިޔާ ލިބުނުއިރު، މި އާމްދަނީ ހޯދަން 2.6 ބިލިއަން ރުފިޔާ ހަރަދުވި އެވެ. އެހެންވެ ޖުމްލަ ފައިދާވީ 716.9 މިލިއަން ރުފިޔާ އެވެ. 
ސްޓެލްކޯގެ އާމްދަނީގެ އެންމެ ބޮޑު ހިއްސާއަކީ ކަރަންޓު ހިދުމަތުން ލިބުނު އާމްދަނީީ އެވެ. އެ ހިދުމަތުން 3.1 ބިލިއަން ރުފިޔާ ލިބުނުއިރު ފެނާއި ނަރުދަމާގެ ހިދުމަތުން ލިބުނީ 45.9 މިލިއަން ރުފިޔާ އެވެ. ކަރަންޓު ނޫން އާމްދަނީގެ ގޮތުގައި އިތުރު 176.8 މިލިއަން ރުފިޔާ ލިބުނެވެ. 
 މިދިޔަ އަހަރު ސްޓެލްކޯގެ އިދާރީ ހަރަދުތަކަށް ހޭދަވީ 392.6 މިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ އަހަރު ހަރަދުވީ ވަރަށް ވުރެ 71 މިލިއަން ރުފިޔާ މަދު އަދަދެކެވެ. 
މިދިޔަ އަހަރު އެ ކުންފުންޏަށް ހިންގުމުގެ ފައިދާގެ ގޮތުގައި 355.7 މިލިއަން ރުފިޔާ ލިބުނުއިރު، ޓެކުހަށް ކެނޑުމުގެ ކުރިން އެ ކުންފުންޏަށް 312 މިލިއަން ރުފިޔާ ފައިދާވި އެވެ. ޓެކުހަށް ކަނޑަން ޖެހެނީަ 73.3 މިލިއަން ރުފިޔާ އެވެ. 
މި ކާމިޔާބީތައް ހޯދުނު ނަމަވެސް ސްޓެލްކޯގެ ހިސާބު ފޮތްތަކުގައިވާ ސަރުކާރާއި ސަރުކާރާ ގުޅުން ހުރި ފަރާތްތަކުން ލިބޭ ފައިސާގެ އަދަދު މިދިޔަ އަހަރު ވެސް ވަނީ އިތުރުވެފަ އެވެ. މި އަދަދު މިދިޔަ އަހަރު ނިމުނުއިރު ހުރީ 948 މިލިއަން ރުފިޔާގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ