މެކްސިކޯ ސިޓީ، މެކްސިކޯ (ޖުލައި 1) - މި ފަހަރުގެ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ތެރެއިން ވަޒީފާ ގެއްލުނު ހަތް ވަނަ ކޯޗަކަށް އެކުއެޑޯއާ ހަވާލުވެހުރި އާޖެންޓީނާގެ ސެބަސްޓިއަން ބަކަސޭސޭ ވެއްޖެ އެވެ.
އޭނާ މަގާމުން އިސްތިއުފާ ދޭން ނިންމީ، ވޯލްޑް ކަޕްގެ ގަދަ 32 ޓީމުގެ ބުރުގައި ރޭ މެކްސިކޯ އަތުން 2-0 އިން ބަލިވި މެޗަށް ފަހު އެވެ. އެކުއެޑޯ އިން މި ފަހަރުގެ ވޯލްޑް ކަޕްގެ ނޮކައުޓް ބުރަށް އައީ އެންމެ ނަތީޖާ ރަނގަޅު ތިން ވަނަ އަށް ދާ ޓީމުތަކުގެ ތެރެއިން ޖާގައެއްގަ އެވެ. ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުން އައިވަރީ ކޯސްޓް އަތުން 1-0 އިން ބަލިވި، އެކުއެޑޯ ދެ ވަނަ މެޗުގައި 0-0 އިން ކިއުރުސާއޯއާ އެއްވަރުވި އެވެ. އެ ޓީމުން ވަނީ ގްރޫޕް ސްޓޭޖު ފަހު މެޗުގައި، 2-1 އިން ޖަރުމަނު ބަލިކޮށްފަ އެވެ.
އެކަމަކު، ރޭ އެކުއެޑޯ އިން މެކްސިކޯއާ ކުޅެގެން މޮޅުނުވެވި، މުބާރާތުން ކެޓީ އެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގައި ވަޒީފާ ގެއްލުނު ކޯޗުންނަކީ، އެއް މެޗަށް ފަހު ޓިއުނީޝިއާ ކޯޗުކަމުން ވަކިކުރި ފްރާންސްގެ ސަބްރީ ލަމޫޗީ، ނެދަލެންޑްސް ކޯޗުކަމުން އިސްތިއުފާދިން، ރޮނާލްޑް ކޫމަން، ދެކުނު ކޮރެއާ އިން ވަަކިކުރި ހޮންގް މިޔުން ބޯ، ސްކޮޓްލެންޑުން އިސްތިއުފާދިން ސްޓީވް ކްލާކް، ޗެކް ރިޕަބްލިކުން އިސްތިއުފާދިން މިރޮސްލާވް ކޫބެކް އަދި އުރުގުއޭ ދޫކޮށްލި މާސެލޯ ބިއެލްސާ އެވެ.
މީގެ އިތުރުން، އުޒްބެކިސްތާންެގެ ކޯޗަކަށް ހުރި ފަބިއޯ ކަނަވާރޯގެ އެއްބަސްވުން ހަމަވެފައިވާއިރު، އެ ޓީމުން އޭނާއާ މެދު ވަކިގޮތެއް ނުނިންމާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އެކުއެޑޯ ކޯޗުކަން ދޫކޮށްލަން ނިންމި، ބަކަސެސޭ، ޑީއެސް ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، ފުޓްބޯޅައިގައި މިހާރު އެންމެ މުހިންމު އެއްޗަކީ ނަތީޖާ ނެރުން ކަމަށްވާއިރު، އޭނާ އަށް އެކުއެޑޯ ގޮވައިގެން އެކަށީގެންވާ ގޮތެއްގައި ނަތީޖާ ނެރުމުގެ މަަސައްކަތް ކުރެވިފައިނުވާ ކަމަށެވެ.
"އެންމެ ބޮޑު މައްސަލަ އަކީ މެކްސިކޯ މެޗުގެ ފުރަތަމަ ހާފު އެ ދިޔަ ގޮތް. ވަރަށް އާދައިގެ ގޮތަކަށް އެ ދިޔައީ، އުންމީދުކުރި ގޮތާ ވެސް އިދިކޮޅަށް. މުބާރާތުން ކަޓައިގެން އެ ދިޔަ ގޮތުގެ އެންމެ ބޮޑު ކަމެއް ފެންނަން އެ އޮތީ މެކްސިކޯ މެޗުގެ ފުރަތަމަ ހާފުގައި. އެންމެ ބޮޑު އުފަލަކީ، އެކުއެޑޯގައި މިހާރު އެ އޮތް ޖީލުގެ ކުޅުންތެރިންނާ އެކީ މަސައްކަތްކޮށްލަން ލިބުން،" ބަކަސޭސޭ ބުންޏެވެ.
"އަހަރެމެންގެ މެދުގައި އޮތް ކޮންޓްރެކްޓް އޮތީ ވޯލްޑް ކަޕްގެ ނިޔަލަށް. އަހަރެން މަޑުުކުރަން ބޭނުންވިޔަސް ނަތީޖާތައް އެ ހުރީ އެ ފުރުސަތު ލިބޭ ގޮތަކަށް ނޫން. އެއީ، މިއީ އެކުއެޑޯ އަށް އެންމެ ރަނގަޅު ވޯލްޑް ކަޕެކޭ ނެތް ބުނެެވެން. އެއީ އަހަރެން މި ޓީމު ދޫކޮށްލަން ޖެހޭ ސަބަބަކީ،"
މެކްސިކޯ އަތުން ބަލިވި މެޗުގައި އެކުއެޑޯ އިން ގޯލާ އަމާޒުކޮށް ފޮނުވާލީ އެންމެ ޝޮޓެކެެވެ. އަނެއްކޮޅުން މިއީ، 2024 ވަނަ އަަހަރުގެ ކޮޕަ އެމެެރިކާގައި ވެނެޒުއޭލާއާ ކުޅުނު މެޗަށް ފަހު، މެޗެއްގެ ފުރަތަމަ ހާފުގައި އެކުއެޑޯ ކޮޅަށް ދެ ގޯލު ވަން ފުރަތަމަ މެޗެެވެ. އެކަން މި ދިމާވީ 26 މެޗަށް ފަހު އެވެ.
އެކުއެޑޯގެ ކޯޗެއްގެ ގޮތުގައި ބަކަސޭސޭ ހުއްޓައި އެ ޓީމުން ކުޅުނު 24 މެޗުގެ ތެރެއިން ނުވަ މެޗުން މޮޅުވި އެވެ. ތިން މެޗުން ބަލިވިއިރު، 12 މެޗު ނިމިފައިވަނީ އެއްވަރުވެގެންނެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގައި ވަޒީފާ ގެއްލުނު ހަތް ވަނަ ކޯޗަކީ ބަކަސޭސޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ