ކުޑަދޫ ބުރިކޮށްލި ކަމަށް ބުނެ ޓްރީޓޮޕާ ދެކޮޅަށް ކުރި ފަސް މިލިއަން ޑޮލަރުގެ ދައުވާ ނާކާމިޔާބު

ޓޮންސިލް އޮޕަރޭޝަނެއް ކުރަން ޓްރީޓޮޕް ހޮސްޕިޓަލަށް ދިޔުމުން، ކުޑަދޫ ބުރިކޮށްލި ކަމަށް ބުނެ ފަސް މިލިއަނެއްހާ ޑޮލަރު، ބަދަލުގެ ގޮތުގައި ހޯދަން ދައުވާ ކުރި މައްސަލަ، ދައުވާ ކުރި ފަރާތަށް ނާކާމިޔާބު ވެއްޖެއެވެ. މިއީ 2023 ވަނަ އަހަރުގެ ކުރީކޮޅު، ދިވެހި ފިރިހެނަކު ޓްރީޓޮޕް ހޮސްޕިޓަލުން ޓޮންސިލް އޮޕަރޭޝަނެއް ކުރިއިރު، އޭނާގެ ކުޑަދޫ، އެ ހޮސްޕިޓަލުން ބުރިކޮށްލާފައިވާ ކަމަށް ބުނެ ބަދަލު ހޯދުމަށް ކުރި ދައުވާއެކެވެ. މި ދައުވާގައި އޭނާ ވަނީ، އެ ހޮސްޕިޓަލުން، މިލިނަކަށްވުރެ ގިނަ ރުފިޔާއާއި، ހަތަރު މިލިއަނަށްވުރެ ގިނަ ޑޮލަރު ހޯދަން ދައުވާކޮށްފައެވެ. މި މައްސަލަ ސިވިލް ކޯޓުން ނިންމި ގޮތުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން މިއީ، އިހުމާލުވުމުގެ ސަބަބުން ހަށިގަނޑަށް ލިބޭ އަނިޔާގެ މައްސަލައިގެ ދައުވާއެކެވެ. މި މައްސަލައިގެ ހުކުމް ކުރީ މިއަދެވެ. މައްސަލައިގެ ހުކުމުގައި ވަނީ، މި މައްސަލައަކީ މިފަދަ މައްސަލަތަކުގައި ފުރިހަމަ ކުރަން ޖެހޭ އިޖުރާއުތައް ފުރިހަމަކޮށްފައިވާ މައްސަލައެއް ކަމުގައި ނުވާތީ، މައްސަލަ ކޯޓުގައި ކުރިއަށް ގެންދާނެ ތަނެއް ނެތް ކަމަށެވެ. މި މައްސަލަ ސިވިލް ކޯޓުން މިއަދު ނިންމާފައި ވަނީ އެ ކޯޓުގެ ގާޒީ އަބްދުއްނާސިރު ޝަފީގުއެވެ. މި މައްސަލައިގައި މީގެ ކުރިން ވެސް ކޯޓު މަރުހަލާ ކުރިއަށް ދިޔަ ނަމަވެސް މައްސަލައިގައި ދައުވާ ކުރި ފަރާތަށް ކާމިޔާބުވާ ގޮތް އޮތީ ނުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ