ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ކޭގައި ޕޯޗުގަލް އާއި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ ބައްދަލުކުރި މެޗު ގިނަ ބަޔަކު ހީކުރި ގޮތާއި ހިލާފަށް އެއްވަރު ވެގެން ނިމުނު ނަމަވެސް މާބޮޑު ކަންބޮޑުވުމެއް ނެތް ކަމަށް ޕޯޗުގަލް ޓީމުގެ ކޯޗު ރޮބާޓޯ މާޓިނޭޒް ހާމަކޮށްފިއެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން މާޓިނޭޒް ބުނީ މެޗު އެއްވަރުވި ނަމަވެސް ކަންބޮޑު ނުވާ ކަމަށާއި އަދި މިމެޗުގައި އޭނާގެ ކުޅުންތެރިންގެ ފަރާތުން ވަރަށް ރަނގަޅު ކުޅުމެއް ފެނުނު ކަމަށެވެ. މިއާއެކު ޕޯޗުގަލް ޓީމުން ކުރިއަށް އޮތް މެޗުތަކަށް ރަނގަޅު ކުރަން ޖެހޭ ކަންތައްތަކެއް ހުރިކަންވެސް އޭނާ ފާހަގަކުރިއެވެ.
މާޓިނޭޒް ބުނީ ވޯލްޑް ކަޕްގެ ތާރީހްގައި އާޖެންޓީނާ އާއި ސްޕެއިން ފަދަ ޓިީމުތަކުން މުބާރާތުގެ ގްރޫޕް މަރްހަލާގައި ނާކާމިޔާބީއަކުން ފެށުމާއެކުވެސް މުބާރާތް ކާމިޔާބު ކޮށްފައިވާކަމަށެވެ. އަދި މިނަތީޖާ އާއެކު މުހިންމީ މިމެޗުގައި އެޓީމަށް ހެދުނު ގޯސްތައް ރަނގަޅުކޮށް ކުރިއަށް ހުރި މެޗުތަކުގައި އެކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރުން ކަމަށެވެ.
މިމުބާރާތް ކާމިޔާބު ކުރާ ޓީމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި ފާހަގަ ކޮށްލެވޭ އެއް ޓީމު ކަމުގައިވާ ޕޯޗުގަލްއިން މެޗުގެ ކުރީކޮޅު ލީޑު ނެގި ނަމަވެސް މުޅި މެޗަށް ބަލާއިރު އެންމެ ރަނގަޅު ކުޅުން ދެއްކިފައެއް ނުވެއެވެ. އެއާ ހިލާފަށް ކޮންގޯ ފެނިގެންދިޔައީ ޕޯޗުގަލްގެ ލަނޑާއެކު މަޑު މަޑުން މެޗުގެ ތެރެއަށް ވަދެ ޕޯޗުގަލްއަށް ނުރައްކާ ކުރަމުންދިޔަ ތަނެވެ.
މާޓިނޭޒްވަނީ މިމެޗުގައި ޕޯޗުގަލްގެ ތަޖްރިބާކާރު ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ގުޅޭގޮތުންވެސް ވާހަކަ ދައްކާފައެވެ. މިގޮތުން ޓީމުން ލަނޑު ޖެހުމަށް ބޭނުންވެފައިވާ ދަނޑިވަޅުގައި ރޮނާލްޑޯ ބޭލުންއެއީ އެންމެ ބުއްދި ވެރިގޮތް ކަމަށް އޭނާ ގަބޫލް ނުކުރާ ކަމަށާއި އޭގެ ބަދަލުގައި އޭނާއަށް އެހީތެރިވުމަށް އިތުރު ފޯވަޑެއް އެރުވުން މާބުއްދިވެރިކަމަށް ފެނި ގޮންކާލޯ ރާމޯސް އަރުވަން ނިންމީކަމަށެވެ.
އޭނާ ބުނީ މިފަދަ ދަނޑިވަޅުގައި އިދިކޮޅު ޕެނަލްޓީ އޭރިޔާ ތެރޭގައި ރޮނާލްޑޯގެ ތަޖްރިބާ ވަރަށް މުހިންމު ވުމުގެ އިތުރުން، އިދިކޮޅު ޑިފެންޑަރުން އޭނާ ނަގަށް އިސްކަން ދިނުމުގެ ސަބަބުން އެހެން ކުޅުންތެރިންނަށް ހުސްވާ ފުރުސަތުތައް މުހިންމު ކަމަށާއި އަދި ލަނޑު ޖެހުމަށް ބޭނުންވާއިރު ރޮނާލްޑޯ ދަނޑުމަތީ ހުރުން މުހިންމު ކަމަށެވެ.
މިމެޗަށްފަހު ވާހަކަ ދައްކަމުން ކޮންގޯގެ ކޯޗު ސެބަސްޓިއަން ޑިސާބްރޭ ވަނީ އޭނާގެ ޓީމުގެ ފެށުން ތަންކޮޅެއް ހާސް ކަމުގެ ތެރޭގައި ދިޔަކަން ފާހަގަ ކޮށްފައެވެ. މިއީ ފަހަރުގައި ވޯލްޑް ކަޕްގެ ފުރަތަމަ މެޗަށް ވުމުން ވީކަމެއް ކަމަށްވުން ގާތް ކަމަށްވެސް އޭނާ ފާހަގަ ކުރިއެވެ. އަދި ދުނިޔޭގައި އެންމެ ވަރުގަދަ އެއް ޓީމާއި ދެކޮޅަށް ކުޅެ އެއްވަރުވުމުން އުފާކުރާ ކަމަށާއި ނަމަވެސް ކުރިއަށް އޮތް ދެމެޗުގައި އިތުރު ޕޮއިންޓް ހޯދަން މަސައްކަތް ކުރާނެ ކަމަށާއި މިގްރޫޕް ފަހަނަ އަޅާ މުބާރާތުގައި ދުރަށްދާން ބޭނުންނަމަ އިތުރަށް ޕޮއިންޓް ހޯދުމުގެ މުހިންމުކަން އޭނާ ފާހަގަ ކުރިއެވެ.
މިގްރޫޕްގައި ޕޯޗުގަލް ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ މިއަންނަ އަންގާރަ ދުވަހު އުޒްބެކިސްތާން އާއެވެ. އަދި ކޮންގޯގެ ދެވަނަ މެޗުގައި ނިކުންނާނީ ކޮލޮމްބިއާ އާއި ދެކޮޅަށެވެ.
ކޮންގޯއާ އެއްވަރުވިޔަސް މާބޮޑު ކަންބޮޑުވުމެއް ނެތް: ޕޯޗުގަލްގެ ކޯޗު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ