ޕާޓީ ބަދަލުކުރުމުން، މެމްބަރުކަމުން ވަކިކުރަން ދާއިރާގެ ވޯޓެއް ނަގަން ޖެހޭ ގޮތަށް އިސްލާހެއް!

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ތަމްސީލު ކުރަމުން ގެންދާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ، ނުވަތަ އެ ޕާޓީން ވަކިކޮށްފި ނަމަ މެމްބަރުކަން ގެއްލުމުގެ ކުރިން އެ ދާއިރާއެއްގެ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން މި އިސްލާހު މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ، ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އެވެ.
މަޖިލީހަށް މި އިސްލާހު ހުށަހަޅާ ބޭނުމެއްކަމަށް ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އޭނާ ތަމްސީލުކުރާ ސިޔާސީ ޕާޓީގެ މެންބަރުކަމުން ވަކިކުރެވޭ ހާލަތުގައި އެ މީހަކު މަޖިލީހުގެ މެންބަރުކަމުން ވަކިކުރުމުގެ އިޖުރާއަތުތައް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ކަނޑައެޅުމާއި، ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހިންގުން ހަރުދަނާކުރުމުގެ ގޮތުން، ޤާނޫނުއަސާސީން ލާޒިމުކުރާ އަތޮޅު ކައުންސިލްތައް އުފެއްދުމުގެ މާއްދާ އުވާލުމެވެ.
އިސްލާހުގައި ޤާނޫނުއަސާސީގެ 73 ވަނަ މާއްދާއަށެވެ. އިސްލާހުގައި ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ޅ) ފަހަތަށް ދެ އަކުރު އިތުރުކުރުމަށް ހުށަހަޅާފައިވެއެވެ. އެގޮތުން އިސްލާހުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީގެ މެންބަރުކަމުން ޤާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން އެ މެންބަރަކު ވަކިކުރާ ހާލަތުގައި، އެ މީހަކު މަޖިލީހުގެ މެންބަރުކަމުން ވަކިވާނީ، އެ މެމްބަރަކު އިންތިހާބުވީ ދާއިރާގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން ނަގާ އާންމު ވޯޓެއްގައި، އެ މީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިކުރުމަށް ވޯޓުދިން މީހުންގެ އަޣުލަބިއްޔަތު ލިބިއްޖެނަމައެވެ.
މި މާއްދާގެ (ކ) ގައި ބަޔާންކުރާ ގޮތުގެމަތިން ނަގާ އާންމު ވޯޓެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިކުރުމަށް ވޯޓުދިން މީހުންގެ އަޣުލަބިއްޔަތު ނުލިބިއްޖެނަމަ، އެ މީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގައި ދެމިހުންނާނީ، ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްނުވާ މެންބަރެއްގެ ގޮތުގައެވެ. އަދި އޭގެ ފަހުން، އެ މީހަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ސިޔާސީ ޕާޓީއެއްގެ އިތުރުން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ، އެ މެމްބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެކަމަށް އިސްލާހުގައި ވެއެވެ.
ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުވެފައިވާ މެންބަރަކު އެހެން ޕާޓީއަކަށް ބަދަލުވުމުން ނުވަތަ އަމިއްލަގޮތުން ކުރިމަތިލައިގެން އިންތިޚާބުވި މެންބަރަކު ޕާޓީއަކަށް ބަދަލުވުމުން ނުވަތަ ރައްޔިތުން މަޖިލީހުގެ މެންބަރަކު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ ޢުމުރުގެ ތެރޭގައި، ތަމްސީލުކުރާ ޕާޓީއިން އަމިއްލައަށް ވަކިވުމުން ނުވަތަ ޕާޓީއިން ވަކިކުރުމުން އެ މެންބަރެއްގެ ގޮނޑި ގެއްލޭނެކަމަށް ގާނޫނުއަސާސީގައި ހިމެނީ މި ދައުރުގަ އެވެ.
މި އިސްލާހާއި ދެކޮޅަށް އޭރު ގިނަ ބަޔަކު އަޑުއުފުލިއިރު، އޭގެ ތެރޭގައި ގާނޫނީ ވަކީލުންނާއި ކުރީގެ ބަންޑާރަ ނައިބުން ހިމެނެ އެވެ. އަދި ގާނޫނުއަސާސީއަށް ގެންނަ އިސްލާހެއް އެއް ދުވަހުން ނިންމައި، ހަމަ އެ ދުވަހު ފާސްކުރުމަކީ ބެސްޓް ޕްރެކްޓިސްއެއް ނޫންކަން ވަނީ ފާޙަގަކޮށްފަ އެވެ. އެހެން ނަމަވެސް އޭރު މި އިސްލާހާއި ދެކޮޅު ހެދި އެމްޑީޕީ ވެސް ގޮވާލީ، ގޮނޑި ގެއްލޭ އިސްލާހާއި އެކު ރީކޯލް ވޯޓެއް ނެގުން ހިމެނުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ