މިހިތް އެދޭތީ... 18
މުނީރާމެން ދިޔުމުން، ޔައިލް އަވަހަށް އާގިސާމެންގެ ކައިރިއަށް ދިޔައެވެ. އިޒީގެ އަތުން ދަބަސް އަތުލައިގެން ގެންގޮސް ކާރަށް އެރުވިއެވެ. އޭރުވެސް އާގިސާ ކަޅި ޖަހައިނުލައި، ޔައިލްއަށް ބަލަމުން ދިޔައެވެ. ******** "ސޮރީ!.... އިޒީ މަންމަމެން ކަމަށް ހީކޮށް، އެހެން ދައްތައެއްގެ އެއްޗެހި ޕިކަޕަށް އެރުވުނީ... ހުރިހާ އެއްޗެއް ކާރަށް ނޭރުވިގެން ޕިކަޕެއް ގެނައީ.... އެ ދައްތަމެން މިހާރު އެ ނައްޓާލީ ޕިކަޕުގަ....." ޔައިލް ހުރީ ކަންތައް ވީގޮތުން ލަދުގަނެފައެވެ. "އެންމެ ފޮށްޓެއްތަ؟..." "ދެން މި ފޮށިގަނޑު..." ފަރުހާދު އިޝާރާތްކުރީ ބޯޓުން ބޭލި ފޮށިގަނޑަށެވެ. "އެހެންވިއްޔާ މި އެއްޗެހި ކާރަށްވެސް އެރުވޭނެ... މިއޮތީ ކާރު... އަވަހަށް އާދޭ..." ފޮށިގަނޑު ނަގަމުން، ޔައިލް ވާހަކަދެއްކީ އާގިސާއަށެވެ. އާގިސާ ބަލައިލީ ފަރުހާދަށެވެ. ފަރުހާދު ބަލައިލީ، އިޒީ އަށެވެ. އިޒީ ހިމޭނުން ހުރުމުން، ޖަވާބު ލިބިގެން ހިނގައިގަންނަ ފަދައިން ފަރުހާދު ޔައިލްގެ ފަހަތުން ދިޔައެވެ. އާގިސާ އާއި ފަރުހާދު އެރީ ކާރުގެ ފަހަތު ޝީޓަށެވެ. އިޒީ އެރުމަށް ކާރުގެ ކުރީ ޝީޓުގެ ދޮރު ހުޅުވައިލައިގެން ޔައިލް ހުއްޓެވެ. ކާރަށް އެރިއިރުވެސް އިޒީ ޔައިލްއަކަށް ނުބަލައެވެ. "ކޮން ކުއްޖެއްތަ އެއީ؟..." އާގިސާ ސިއްރުން ފަރުހާދާއި ސުވާލުކުރިއެވެ. "އިޒީ އެ ވާހަކަ ދައްކަންދެން މަޑުކުރޭ!... އާގިސާ އިސްވެ ސުވާލެއް ނުކުރާތި!..." ފަރުހާދުވެސް ވާހަކަ ދެއްކީ ހަމައެކަނި އާގިސާއަށް އިވޭ ވަރަށެވެ. ޔައިލްގެ ކޮންމެ ހަރަކާތަކަށް އާގިސާ ސިއްރުން ބެލިއެވެ. އިޒީއަށް ބަލާގޮތާއި، ކުދިކުދި ކަންކަމުގައި އިޒީއަށް ސަމާލުކަންދޭ މިންވަރު ހާމަވިއެވެ. އޭނާ ސިއްރުން އެ މަންޒަރު ފަރުހާދަށް ދައްކަމުން ދިޔައެވެ. އިޒީގެ ގެއަށް ފޮށިތައް ވައްދާފައި ޔައިލް އުޅުނީ ދާށެވެ. އާގިސާއަށް އެއްޗެއް ވިސްނިގެން ފަރުހާދު ގޮވައިގެން ކޮޓަރިއަށް ވަނެވެ. "މީ ހާދަ ކުޑަ ތަންކޮޅެކޭ...." އިޒީ ދިރިއުޅޭ ގެ އާގިސާއަކަށް ކަމަކުނުދިޔައެވެ. "ބެލްކަނީގަވެސް ފައި އަޅާނެ ތަންކޮޅެއް ނެތް...." "ރާއްޖެތެރެއެކޭ އެއްގޮތެއް ނުވާނެއެއްނު މާލެއަކު..." ފަރުހާދު މަސައްކަތްކުރީ އާގިސާއަށް ވިސްނައިދެވޭތޯއެވެ. "އަހަންނަށް ހީވަނީ ދެމީހުން ކޮންމެވެސް މައްސަލައެއް ޖެހިގެންހެން..." ކުޑަކުޑަކޮށް ދޮރު ހުޅުވައިގެން ބޭރު ބަލަން ހުރި އާގިސާ ބުނެލިއެވެ. "ތިދެން ކޮންކަމެއް އާގިސާ..." ފަރުހާދު ދޮރު ލެއްޕިއެވެ. "ބޮޑުވެފަ ހުރި ކުއްޖެކޭ އެއީ..." "ފަރުހާދަށް އޭނަ އެއްވެސް މީހަކާ ވައްތަރުތަ؟..." އެނދުގައި އިށީންނަމުން އާގިސާ ސުވާލުކުރިއެވެ. "އަހަންނަށް ހާދަ ހީވެއޭ ކޮންމެވެސް ތާކުން އެސޮރާ ދިމާވެފަ ހުރިހެން..." "ތިހެން ބުނީމަ، ކޮންމެވެސް މީހަކާ އެބަ ވައްތަރުވޭ..." އެނދުގައި އޮށޯވެލައިގެން އޮތް ފަރުހާދު ވިސްނައިލިއެވެ. ******** ދޮރާއި ހަމައިން ޔައިލްގެ ފިޔަވަޅުތައް ހުއްޓުނެވެ. ފަސްއެނބުރި އިޒީއަށް ބަލައިލިއެވެ. އޭރުވެސް އިޒީ ހުރީ އިސްޖަހައިލައިގެންނެވެ. އަމިއްލަ ހިތުގެ ޖަޒުބާތުތައް ހިފަހައްޓަން އިޒީ ކުޅަދާނައެވެ. ކެތް ނުވީ ޔައިލްއަށެވެ. ދޮރު ހުޅުވައިލާފައިވެސް ޔައިލްގެ ހިޔާލު ބަދަލުވިއެވެ. އަލުން ދޮރު ލެއްޕި އަޑު އިވުމުން، އިޒީ ހައިރާންވެފައި ޔައިލްއަށް ބަލައިލިއެވެ. އެއީ އިޒީ އެދިއެދި ހުރި ފުރުސަތެކެވެ. މާފަށް އެދުމަކީ ކުޑައިރޫއްސުރެ ޔައިލްގެ ކިބައިގައި ހުންނަ ރީތި އާދައެކެވެ. ޔައިލް އެނބުރި ގޮސް، އިޒީގެ ކުރިމަތީގައި ހުއްޓުނެވެ. "ސޮރީ..." އިޒީގެ އަތުގައި ހިފައިލަމުން ޔައިލް ބުންޏެވެ. "ކީއްވެ؟..." އިޒީ އެ ސުވާލުކުރީ ޖަވާބު ނޭނގޭތީކީ ނޫނެވެ. "މިކުއްޖާ ޑިސަޕޮއިންޓްވާގޮތަށް އުޅެވޭތީ..." ޔައިލް އޭނާގެ އަމިއްލަ ކުށަށް އިއުތިރާފުވިއެވެ. އިޒީގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. އޭނާ މަޑުމަޑުން ބޯޖަހައިލިއެވެ. "އަހަންނަށްވެސް.." އިޒީއަށް އެހެން ބުނެވުނީ ތަންކޮޅެއް އުނދަގުލުންނެވެ. "ކީކޭ ތި ބުނީ؟...." ގަބޫލުނުކުރެވިގެން ޔައިލްއަށް އަހައިލެވުނެވެ. "ސޮރީ..." ކުރިއަށްވުރެ މަޑުން އިޒީ ބުނެލިއެވެ. "އަދި އަޑެއް ނީވެއޭ...." ޔައިލް ކުރިއަށްވުރެ ބޮޑަށް އިޒީ އާއި ގާތަށް ޖެހުނެވެ. "އަހަރެން ނަފުރަތެއް ނުކުރަން.... އެހެން ބުނެވުނީ އެގަޑީ މާ ބޮޑަށް ދެރަވެފަ ހުރީމަ.... ސޮރީ..." އިޒީ އަނެއްކާވެސް މާފަށް އެދުނެވެ. ކޮޓަރީގެ ދޮރު ހުޅުވައިލި އަޑަށް އިޒީ ސިހިފައި ޔައިލް ދުރަށް ކޮށްޕައިލިއެވެ. ފާރުގައި ޖެހުނުގޮތަށް، އާގިސާ އައި އިރުވެސް ޔައިލް ހުރީ އެގޮތަށެވެ. އިޒީ އަވަސް އަވަހަށް އެތަނުން ދިޔައެވެ. ފެނުނު މަންޒަފުން އާގިސާ ހުރީ ހިނިގަނޑު ފަޅައިގެންދާން ކައިރިވެފައެވެ. "ދެން ގޮސްލީއޭ..." ޖުމުލައިގެ ފަހުބައި ފުރިހަމަކުރިއިރު ޔައިލް ހުރީ، އެ ގެއިން ބޭރަށް ނުކުމެއެވެ. ******** "އަހަރެން ދޫކޮށްލާފަ ނުދޭ... ޕްލީޒް..." އިޒީގެ ކުރިމަތީގައި ހުރި ކުއްޖާ ރޮއެ އާދޭސް ކުރިއެވެ. އެކުއްޖާގެ ވޭނީ އަޑު އިޒީގެ ކަންފަތުގައި ޖެހުނެވެ. އެއީ ކުރިން އިޒީއަށް ނުފެންނަ ހުވަފެނެކެވެ. އަބަދު ރޯތީ ފެންނަ އަންހެންކުއްޖާގެ ދެލޮލުން އޮހެމުންދިޔަ ކަރުނަތައް ހުއްޓި، ނުރައްކާތެރި ބެލުމަކުން އިޒީއަށް ބަލާތަން އޭނާއަށް ފެނުނެވެ. އިޒީގެ މުޅި ގައިން ހީބިހި ނަގައިގަތެވެ. "ބުނެފީމެއްނު އަހަރެން ދޫކޮށްލާފަ ނުދާށޭ..." އިޒީއަށް އިވުނީ ކުރިއަށްވުރެ ހަރުކަށި އަޑެކެވެ. އެ އަޑާއިއެކު ކޮންމެވެސް މީހަކު އޭނާގެ އަތުގައި ހިފިކަމުގެ އިހުސާސް އިޒީއަށް ކުރެވުނެވެ. "ނޫން، ނޫން..." އިޒީ އަތް ފޮޅުވައިލިއެވެ. ސޯފާގައި ނިދިފައި އޮތް އިޒީގެ ކައިރީގައި އިން އާގިސާގެ ދެލޮލަށް ކަރުނަ ޖަމާވަމުން ދިޔައެވެ. ނިދީގައި އޮވެ އިޒީ ފޮޅުވައިލީ އާގިސާގެ އަތެވެ. "އަހަންނަށް އެއްވެސް އެއްޗެއް ނޭނގޭ..." އިޒީ ރޮމުން ބުނެލިއެވެ. "ދަރިފުޅާ.... މީ މަންމައޭ..... ބަލާބަލަ..." އިޒީގެ ދެކޮނޑުގައި ހިފައި ތަޅުވައިލަމުން އާގިސާ ބުނެލިއެވެ. ހޭލެވުނު ވަގުތު އިޒީއަށް ފުރަތަމަވެސް ފެނުނީ އާގިސާގެ ކަންބޮޑުވެފައިވާ މޫނެވެ. "މަންމަ މީނީ ދަރިފުޅު ކައިރީ..." އާގިސާ އިޒީގެ ނިތްކުރީގައި ފިރުމައިލިއެވެ. ފުރަތަމަ ދުވަހުވެސް އާގިސާގެ ކުރިމަތީގައި އެފަދަ ކަމެއް ވުމުން، އިޒީ ލަދުގަތެވެ. އަވަހަށް ތެދުވެގެން ގޮސް ފާހާނާއަށް ވަނެވެ. ******** "އަހަންނަށްވުރެ ބޮޑަށް ރަނގަޅުވާނީ ފަރުހާދު މި ވާހަކަ އިޒީއަށް ކިޔައިދިނިއްޔާ... އަދިވެސް އިޒީ އަހަރެންދެކެ ޖެހިލުންވޭ... މިހުރީ ފޮޓޯތައް..... ވާހަކަ ކުރިއަށް ގެންދަންވީ ގޮތެއް އެނގޭނީ ފަރުހާދަށް....." މާލެ އައި އެންމެ ބޮޑު ބޭނުން ހިއްސާކުރިއިރު، އާގިސާ ހުރީ ދެރަވެފައެވެ. އިޒީ އައުމުން، އާގިސާ ވަނީ ކޮޓަރިއަށެވެ. ސިޓިންގްރޫމުގައި ފަރުހާދާއި އިޒީ އެކަނިވިއެވެ. "މަންމަ އެ ހުންނަނީ ވަރަށް ދެރަވެފަ..." ފަރުހާދު ވާހަކަ ފެށީ ދުރުދުރުންނެވެ. "ކީއްވެ؟..." އިޒީއަށް އަހައިލެވުނެވެ. "ދަރިފުޅު ކަންތައްކުރާ ގޮތުން..." ފަރުހާދު ބުނެލިއެވެ. "ގަސްދުގައެއް ނޫން..." އިޒީ އިސްޖަހައިލަމުން ބުންޏެވެ. "ބައްޕައަށް އެނގޭ ދަރިފުޅުގެ ހިތުގަ އަޅާނެ ވޭން.... މަންމައަށްވެސް އެ އުޅެނީ މިވާހަކަ ދައްކަން އުނދަގޫވެގެން...." ފަރުހާދު އޭނާ ވާހަކަ ދައްކަން ބޭނުންވި މައުޟޫޢުއަށް ވާހަކައިގެ މިސްރާބު ބަދަލުކޮށްލިއެވެ. "ކީއްވެ؟... ކީއްވެ މަންމައަށް އުނދަގޫ ވާންވީ؟... ކީއްވެ މަންމަ އަހަންނަށް ކަންކަން ސިއްރުކުރަން ޖެހުނީ؟..." އިޒީގެ ހިތުގައި ހުރި ޝަކުވާތައް ބޭރުވާން ފެށިއެވެ. "ދަރިފުޅަށް އެނގޭތަ އައިޝާއަކީ ކާކު ކަން؟..." ފަރުހާދު ސުވާލުކުރިއެވެ. އިޒީ ހުއްޓުން އެރިއެވެ. ދެލޯ ބޮޑުވިއެވެ. "އައިޝާއަކީ ދަރިފުޅުގެ ކުލާސް ކުއްޖެއް......" އާގިސާ ދިން ތަސްވީރުތައް އިޒީގެ އަތަށް ދެމުން ފަރުހާދު ވާހަކަ ދެއްކިއެވެ. "އައިޝާ މިހާރު ދުނިޔެއަކު ނެތް... ދަރިފުޅަށް އެވަރު އެނގޭދޯ؟..." އިޒީ ހަމައެކަނި ބޯ ޖަހައިލީއެވެ. ތުރުތުރުލަމުންދިޔަ އަތަކުން ފަރުހާދު ދިން ތަސްވީރުތަކުގައި ހިފިއެވެ. "ދަރިފުޅުގެ މައްސަލައަކީ ފެންނަން ނުޖެހޭ މަންޒަރެއް ފެނުން....." ފަރުހާދު ދޫކޮށްލީ ފުން ނޭވާއެކެވެ. "ބަޔަކު މީހުން އެކުއްޖާ ރޭޕްކޮށް އެއްލާލީ...." "އޭނ؟..." އިޒީގެ ދެލޯ ބޮޑުވިއެވެ. "އާނ ދަރިފުޅާ!.... އެކްސިޑެންޓްގަ ދަރިފުޅަށް ލިބުނު ޝޮކެއްގަ ބައެއް ކަންކަން ހަނދާންނެތުނީ..." ފަރުހާދު އިތުރަށް ކިޔައިދިނެވެ. އެ ހުރިހާ ވާހަކައެއް އަޑުއަހަން ހުރި އާގިސާގެ ދެލޮލުން ހުއްޓުމެއްނެތި ކަރުނަ އޮހެމުން ދިޔައެވެ. އިޒީގެ ހިތުގައި ރިއްސަފާނެ ކޮންމެ ޖުމުލައަކުން އޭނާގެ ހިތަށް މާ އަސަރު ކުރުވައެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ