އީއައިއޭ ގަވައިދާ ހިލާފަށް ސީޕްލޭން ޕްލެޓްފޯމެއް އަޅާތީ ކުނަވަށި ރިސޯޓު 20،000ރ. އިން ޖޫރިމަނާކޮށްފި

ތިމާވެއްޓަށް އަސަރުކުރާ މިންވަރު ބަލަން ހަދާ އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ރިޕޯޓު ތައްޔާރުނުކޮށް ސީޕްލޭން ޕްލެޓްފޯމެއް އެޅުމުގެ މަސައްކަތް ކުރުމުން ވ. އަތޮޅުގައި ހިންގާ ފަސް ތަރީގެ ރިސޯޓެއް ކަމަށްވާ ކުނަވަށި ރިސޯޓު ހިންގާ ކުންފުނި 20،000ރ. އިން ޖޫރިމަނާކޮށްފިއެވެ.
އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިއްޔެ ބުނީ، އެ އޮތޯރިޓީގެ ހުއްދަ ލިބުމުގެ ކުރިން، އީއައިއޭ މަރުޙަލާތަށް ފުރިހަމަނުކޮށް ވ. ކުނަވަށީގައި ސީޕްލޭން ޕްލެޓްފޯމެއް އެޅުމުގެ މަޝްރޫއުގެ މަސައްކަތްތައް އެ ރަށް ހަވާލުކޮށްފައިވާ ސީޖޭއެލް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން ކުރިއަށް ގެންގޮސްފައިވެއެވެ.
އީޕީއޭއިން ފާހަގަކުރި ގޮތުގައި، ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދުގެ 20 ވަނަ މާއްދާގައި ޖަދުވަލު (ރ)، (ޔ) އަދި (ޓ) ގައި ނުހިމެނޭ މަޝްރޫއުތަކުގެ ތެރެއިން ތިމާވެއްޓަށް ފާހަގަކުރެވޭ ބަދަލެއް ނުވަތަ ނޭދެވޭ އަސަރެއްކޮށްފާނެ މަޝްރޫއުތައް، އެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެއްޓުމުގެ ކުރިން އެ ގަވާއިދުގެ 8 ވަނަ މާއްދާގެ ދަށުން ސްކްރީންކޮށް، އެ އޮތޯރިޓީގެ ހުއްދަ ހޯދަންޖެހެއެވެ.
ނަމަވެސް، އެ ގަވައިދާ ހިލާފަށް ހުއްދަ ނެތި މަސައްކަތްކޮށްފައިވާތީ، އެ މައްސަލަ ބެލުމަށްފަހު، މިިދިޔަ އާދީއްތަ ދުވަހު، އެ ގަވާއިދުގައި ބަޔާންކޮށްފައިވާ، ކުށް ކުރި ފުރަތަމަ ފަހަރަށް ކަނޑައަޅާފައިވާ 20،000ރ. (ވިހި ހާސް ރުފިޔާ) އިން ސީޖޭއެލް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑު ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
އެ ޖޫރިމަނާ ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި ސަރުކާރުގެ އިދާރާތަކަށް ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ ބަނޑޭރި ޕޭ މެދުވެރިކޮށް އެ އޮތޯރިޓީއަށް ދެއްކުމަށް ވެސް އީޕީއޭއިން އަންގާފައިވެއެވެ.
އޭޣެ އިތުރުން ސީޖޭއެލް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ މަސައްކަތްތައް ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާބެހޭ ގަވާއިދާ އެއްގޮތަށް، އެ ގަވާއިދުގައި ބަޔާންކޮށްފައިވާ މަރުޙަލާތައް ފުރިހަމަ ކުރުމަށްފަހު ކުރިޔަށް ގެންދިޔުމަށް އެ ކުންފުންޏަށް ނަސޭހަތްތެރިވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ