ވޯލްޑްކަޕް ވޯލްޑްކަޕް ހާލަންޑް ތައްޔާރު، ގޯލުތަކާއެކު ތަފާތު ދައްކާނެ

ނޯވޭ އިން 28 އަހަރުގެ ދިގު އިންތިޒާރަކަށްފަހު ކުޅޭ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އިރާގާ ދެކޮޅަށް ނުކުންނަން ނޯވޭގެ ތަރި އާލިން ހާލަންޑް ތައްޔާރުވެއްޖެއެވެ.
ނޯވޭގެ ކޯޗު ސްޓޭލް ސޯލްބަކަން ބުނީ، ކޮލިފައިންގެ އަށް މެޗުން 16 ގޯލު ޖަހާފައިވާ ހާލަންޑް ހުރީ ވަރަށް ރަނގަޅު ފޯމެއްގައި ކަމަށެވެ. މެންޗެސްޓާ ސިޓީއާއި ނޯވޭގެ ޓީމުން އޭނާއަށް ދިން އަރާމުކުރުމުގެ ފުރުސަތުތަކަށްފަހު، މިހާރު އޭނާ ހުރީ އެންމެ މަތީ ފެންވަރުގައި ކަމަށް ކޯޗު ފާހަގަކުރިއެވެ.
ނޫސްވެރިންނާ ވާހަކަދައްކަމުން ސޯލްބަކަން ބުނީ، ހާލަންޑަށް ގޯލު ޖެހުމުގެ ފުރުސަތުތައް ތަނަވަސްކޮށްދެވިއްޖެ ނަމަ، އޭނާގެ ފަރާތުން ބޮޑު ތަފާތެއް ފެންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.
ކެޕްޓަން މާޓިން އޮޑެގާޑްގެ ދައުރާ ގުޅޭގޮތުން ވާހަކަދައްކަމުން ސޯލްބަކަން ބުނީ، އަނިޔާގެ ސަބަބުން އޭނާ ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުރި ނަމަވެސް، ކޮލިފައިންގައި އެންމެ ގިނަ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިން ކުޅުންތެރިޔަކީ އޭނާ ކަމަށެވެ. އޮޑެގާޑް ނެތް ވަގުތުތަކުގައި ޓީމުގެ އެހެން ކުޅުންތެރިންނަށް އިތުރު އިތުބާރެއް ލިބި، އެ ކުޅުންތެރިން ކުރިއަރާފައިވާ ކަމަށް ކޯޗު ބުންޏެވެ.
ނޯވޭއާ ދެކޮޅަށް ނުކުންނަ އިރާގު ޓީމަކީ ދަތި އުނދަގޫތަކާއި ދަތުރުފަތުރުގެ ހުރަސްތަކާއެކުވެސް 21 މެޗުގެ ދިގު ކޮލިފައިން މަރުހަލާއަކަށްފަހު މުބާރާތަށް ކޮލިފައިވި ޓީމެކެވެ.
ނޯވޭ ކޯޗު ސޯލްބަކަން ފާހަގަކޮށްފައިވާ ގޮތުގައި ހުރަސްތައް ނަގައިގެން އިރާގުން ނުރައްކާތެރި ހަމަލާތައް އުފެއްދުމަށް މަސައްކަތްކުރާނެއެވެ. އަދި އިރާގުގެ ކޯޗު ގްރޭހަމް އާނޯލްޑަކީ އޮސްޓްރޭލިއާގެ ކޯޗެއްގެ ގޮތުގައި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16 އަށް ދަތުރުކޮށް ކާމިޔާބީ ހޯދާފައިވާ ކޯޗެއްކަމުން، މި މެޗަކީ އުނދަގޫ މެޗަކަށް ވާނެ ކަމަށް ސޯލްބަކަން ބުންޏެވެ.
ވޯލްޑް ކަޕް 2026 ގެ ”ގްރޫޕު އައި“ ގައި ނޯވޭ އިން ކުޅޭ ފުރަތަމަ މެޗުގައި އިރާގާ ދެކޮޅަށް ނުކުންނާނީ ރާއްޖޭގަޑިން މިރޭ ދަންވަރު 3:00 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ