އެސައިންޓްމަންޓު ހެދުމަކީ ބޮޑު ވިޔަފާރިއަކަށް ވެފައިވާ ކަމުގެ އެއް ހެއްކަކީ ބައެއް ފަރާތްތަކުން ފާޅުގައި ކުރަމުންދާ އިޝްތިހާރުތަކެވެ. އެންމެ ހެޔޮ އަގުގައި، މަތީ މާކްސް ކަށަވަރު ކޮށްދޭ ގޮތަށް އެސައިންޓްމަންޓް ހަދައިދޭ ކަމަށް ބުނެ އިިޝްތިހާރު ކޮށްފައި އެބަހުއްޓެވެ.
ފޭސްބުކުން ފެނުނު އެހެން އިޝްތިހާރެއް އަޅައިގަތެވެ. އެއީ މަތީ މާކްސް ލިބޭނެ ފަދަ ފެންވަރު ރަނގަޅު އެސައިންމަންޓްތައް ތައްޔާރު ކޮށްދޭ ކަމަށް ބުނެ ޖަހާފައިވާ އިޝްތިހާރެކެވެ. އެ އިޝްތިހާރު ޖެހި މީހާގެ ނަމްބަރަށް މެސެޖެއް ކުރުމުމާ އެކު، ވަޓްސްއަޕް ނަމްބަރަކުން އައީ "އޮޓޯ ރިޕްލައި" އެކެވެ.
އަގުތަކާ ގުޅޭގޮތުން ސުވާލުކުރުމުން، ޖަވާބުގައި ބުނީ އެސައިންމަންޓް ހަދައިދެނީ އިނގިރޭސި މާއްދާތަކުން އެކަނި ކަމަށެވެ. ޑިގްރީ ހަދާ ދަރިވަރެއްގެ ސައިކޮލޮޖީ މާއްދާގެ އެސައިންމަންޓުމަންޓުތަކުގެ އަގު ފެށެނީ 1،500ރ. އިން ކަމަށާއި ފުރިހަމަ އަގު އެނގޭނީ އެސައިންމަންޓުގެ ސުވާލުތައް ފޮނުވުމުން ކަމަށް ބުންޏެވެ. ޑިގްރީ އަށް ކިޔަވާ ދަރިވަރެއްގެ އެސައިންމަންޓެއް ފޮނުވައި އަގު އެހުމުން ކީ 2،500ރ. އެވެ.
މިއީ އަދި އެންމެ ފަރާތެއްގެ ވާހަކައެކެވެ. އިނގިރޭސި މާއްދާތަކުގެ އެސައިންމަންޓް ހަދައިދޭ އެތައް ޕޭޖެއް ފޭސްބުކާއި އިންސްޓަގްރާމްގެ އިތުރުން ޓެލެގްރާމާއި ވައިބާ ގްރޫޕުތަކުން ތަކުރާރުކޮށް ފެންނަތާ ވެސް މަހެއްހާ ދުވަސް ވެއްޖެ އެވެ.
މީގެ ހަތަރު އަހަރު ކުރިން 2021 ވަނަ އަހަރު އަމަލުކުރަން ފެށި މަތީ ތައުލީމުގެ ގާނޫނުގައި މިކަން ހުއްޓުވުމަށް ހަރުކަށި ފިޔަވަޅުތަކެއް ކަނޑައަޅާފައިވެ އެވެ.
އެ ގާނޫނު ބުނާގޮތުން، ދަރިވަރަކު އަމިއްލަ އަށް ފުރިހަމަކުރަންޖެހޭ މަސައްކަތެއް އެހެން މީހަކު ލައްވައި އަގަށް ކުރުވައިފި ނަމަ އެ ދަރިވަރަކު 5,000ރ. އިން ޖޫރިމަނާ ކުރާނެ އެވެ. އަދި އަގަށް އެފަދަ މަސައްކަތްތައް ކޮށްދޭ މީހުން 10,000ރ. އިން ޖޫރިމަނާ ކުރުމަށް ވެސް ގާނޫނު ލާޒިމުކުރެ އެވެ. ނަމަވެސް، މިއަދާ ހަމައަށް އައިއިރު ވެސް މި ވިޔަފާރި ހުއްޓުވުމުގެ ބަދަލުގައި ފެންނަނީ ދުވަހެއް ދުވަހަކަށް ފުޅާވަމުންދާ މަންޒަރެވެ.
މަތީ ތައުލީމު ދޭ މަރުކަޒުތަކުން ހިންގާ ކޯސްތަކުގައި ހަދަން ޖެހޭ އެސައިންމަންޓްތައް އެހެން މީހުން ލައްވައި ހެދުމާއި ގަނެ ވިއްކުމުގެ މައްސަލަ ބޮޑުވެ، އެކަން ހުއްޓުވުމަށް ފާސްވާ ޕަސެންޓް މަތި ކުރީ 2024 ވަނަ އަހަރު އެވެ. "ގައިޑްލައިންސް ފޯ ޕްރޮގްރާމް އެކްރެޑިޓޭޝަން" އަށް ބަދަލުކުރި އިސްލާހުގެ ދަށުން ކޮންޓްރޯލް އެސެސްމަންޓް 50 ޕަސެންޓްގައި ހިމެނޭ ކޮންމެ ބަޔަކުން ފާސްވާން ޖެހެ އެވެ.
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) ގެ ސީއީއޯ މަރިޔަމް ފިޒާނާ ރަޝީދު "މިހާރު" އަށް ވިދާޅުވީ މި ދުވަސްވަރު އެފަދަ ޕޭޖުތައް ފެންނަ ވަރު އިތުރުކަން ފާހަގަވި ކަމަށެވެ.
އެކަމަކު، އެކަން ހުއްޓުވޭނެ ގޮތެއް ނެތް ކަމަށް އޭނާ ވެސް ވިދާޅުވި އެވެ. ސަބަބެއް ކަމަށް ވިދާޅުވީ ފޭސްބުކް ފަދަ ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި އެސައިންޓްމަންޓު ހެދުމުގެ ވިޔަފާރި ހިންގަނީ "ތަފާތު ސެޓިންތަކެއް" ގެ ދަށުން ކަމަށް ވާތީ އެވެ.
ފިޒާނާ ވަނީ އެކަމާ މެދު އަމަލު ކުރާނެ ގޮތެއް ހޯދަން ފުލުހުންނާ ވެސް މަޝްވަރާ ކުރައްވައިފަ އެވެ. ނަމަވެސް އެ މައްސަލަތައް ރިޕޯޓު ކުރުމުގައި ހުރި ބަލިކަށި އުސޫލުތަކުގެ ސަބަބުން އަލިމަގެއް އޭނާ އަށް ފެނިވަޑައެއް ނުގަތެވެ. ފުލުހުންނާ އެކު ކުރެއްވި މަޝްވަރާތަކުގެ އަލީގައި ފިޒާނާ ވިދާޅުވީ، އެސައިންޓުމަންޓު ހަދައިދިނުމުގެ ފުޅާ ވިޔަފާރި ހުއްޓުވޭނެ ސީދާ ގޮތެއް މިވަގުތު ނެތް ކަމަށެވެ.
އެކަން ނުހުއްޓުވޭ އިތުރު ސަބަބެއް ކަމަށް ފިޒާނާ ވިދާޅުވީ ވައިބާ އަދި ވަޓްސްއެޕް ފަދަ އެޕްލިކޭޝަންތަކުގައި ބޭނުންކުރާ ދިވެހި ނަމްބަރެއްގެ ހިދުމަތް މެދުކަނޑާލި ނަމަވެސް ވަޓްސްއެޕް ފަދަ އެޕްތަކުގައި އެ ނަމްބަރުތައް ބޭނުންކުރެވޭތީ އެވެ. ބައެއް ފަހަރު ލަންކާ ނަމްބަރުތައް ވެސް ބޭނުންކުރާކަން ފާހަގަ ކުރައްވާ ފިޒާނާ ވިދާޅުވީ އެ ގައުމުގެ ބައެއް މީހުން ރާއްޖޭގެ ފޯނު ނަމްބަރުތައް ހޯދައިގެން، ވަރަށް ފުޅާ ދާއިރާއެއްގައި އެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިފަދަ މައްސަލައެއްގައި ލަންކާގެ ޓީޗަރަކު ރާއްޖެއިން ޑީޕޯޓް ކޮށްލާފައިވީ ނަމަވެސް އެކަމުން ވެސް އެދެވޭ ހައްލެއް ލިބިފައެއް ނުވެ އެވެ. މިހާރު ފޭސްބުކާއި ޓެލެގްރާމާއި ވައިބާ ނުވަތަ އިންސްޓެގްރާމް ފަދަ ޕްލެޓްފޯމްތަކުގައި އެ މަސައްކަތް ކޮށްދޭ ޕޭޖުތަކާއި ގްރޫޕުތައް ކުރިއަށްވުރެ ގިނަވެ، ފާޅުކަން ބޮޑު ގޮތެއްގައި ވިޔަފާރި ކުރެ އެވެ.
The most trusted news source in the Maldives
މި މައްސަލަ އަށް އޮތް އެންމެ ރަނގަޅު އެއް ހައްލެއްގެ ގޮތުގައި ފިޒާނާ ވިދާޅުވީ އޮންލައިން އިމްތިހާނުތަކުގެ ބަދަލުގައި، ދަރިވަރުން ހާޒިރުވެގެން ހަދާ "ފޭސްޓުފޭސް" އިމްތިހާނަށް ބަދަލުކުރުމެވެ. އޮންލައިންކޮށް ހަދާ އެސައިންމަންޓްތަކާއި އިމްތިހާނުތަކަކީ މީހުން ލައްވާ ކުރުވުމުގެ ފުރުސަތު ބޮޑު މަސައްކަތެއް ކަމުން އެސައިންމަންޓަށް ދޭ މާކްސްގެ ޕަސެންޓޭޖު ބަދަލުކޮށް، ވަކިވަކި ބައިތަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ ނަމަވެސް އެހެން މީހުން ލައްވާ މަސައްކަތް ކުރުވުން ހުއްޓުވުމަކީ ދަތި ކަމެއް ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
ފިޒާނާ ވިދާޅުވި ގޮތުގައި، އެއީ ހަމައެކަނި އެމްކިޔުއޭއިން ހަދާ ގަވައިދަކުން އެކަނި ހުއްޓުވޭނެ ކަމެއް ނޫނެވެ. ތައުލީމު ދޭ ހުރިހާ މުއައްސަސާތަކެއް ގުޅިގެން ނޫނީ އެކަން އިސްލާހެއް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ ހަތަރު އަހަރު ކުރިން، އަމަލުކުރަން ފެށި މަތީ ތައުލީމުގެ ގާނޫނުގައި އެކަން ހުއްޓުވުމަށް ހަރުކަށި ފިޔަވަޅުތަކެއް ކަނޑައަޅާފައިވާއިރު އެއްވެސް ބަޔަކު ނުވަތަ ދަރިވަރަކު ޖޫރިމަނާ ކުރިތޯ ސުވާލު ކުރުމުން ފިޒާނާ ވިދާޅުވީ އެފަދަ ކަމެއް ހިނގިޔަސް އެމްކިޔުއޭ އަށް ނާންގާ ކަމަށެވެ.
"އިންފޯމެއް ނުކުރޭ. އެކަމަކު އެބަހުރި، އަޅުގަނޑަށް އެނގިފައި އެ ކަހަލަ ކުދިން ފާހަގަ ވެގެން ޒީރޯ މާކްސް ވެސް ދީފައި، ނޫނީ އެ މާއްދާއަކުން ފެއިލް ކޮށްލާފައި،" ފިޒާނާ ވިދާޅުވި އެވެ.
"ކޮޕީ ޕްލެޖަރައިޒް ކޮށްގެން އެކަހަލަ ކަންކަން އެބަހުރި ހަމަ އިންސްޓިޓިއުޝަންސްތަކުން ކޮށްފައި. އެކަން އިނގޭ. ނޫނީ އޭނާ އެ މޮޑިއުލަކުން ހަމަ ސަސްޕެންޑްކޮށް އެކަހަލަ ކަންކަން ކޮށްފައި އެބަހުރި. އެކަމަކު އެއިން އަޅުގަނޑުމެންނަކަށް ފޯމަލީ އިންފޯމެއް ނުކުރޭ."
ތައުލީމީ ފެންވަރު ހިފެހެއްޓުމުގެ ގޮތުން، މޮޑިއުލްތަކުގެ ޓެސްޓުން ފާސްވާންޖެހޭ މިންގަނޑު 50 ޕަސެންޓަށް މަތިކުރި ނަމަވެސް، ދަރިވަރުން އެސައިންމަންޓްތައް ގަތުން ހުއްޓައެއް ނުލަ އެވެ. އަނެއްކޮޅު އަގަށް އެސައިންޓްމަންޓު ހަދާ މީހުން ގެންދަނީ އެ ވިޔަފާރި ފުޅާކުރެވޭނެ ހުރިހާ މަގެއް ހުޅުވަމުންނެވެ. ހެދުނުހާ މަކަރެއް އެބަ ހަދަ އެވެ.
މަތީ ތައުލީމުގެ ފެންވަރު ދަށްވާ މައްސަލަ ބޮޑުވެފައިވާއިރު ދާއިރާތަކުން އަޅާނުލެވި، ފިޔަވަޅު އަޅާނެ ގޮތެއް ނެތި ދެއަތް އުރާލައިގެން ތިބޭ ވާހަކަ ބުނުމަކީ ސީރިއަސް މައްސަލައެކެވެ. ހައިރާންވާ ވަރުގެ ކަމެކެވެ. ފުލުހުންނަށް ކުރެވޭނެ ކަމެއް ނެތެވެ. އެމްކިއުއޭ ވެސް އޮތީ އަނގަ ބަންދުކޮށްގެންނެވެ. އެކަމަކު، އެކަން ހުއްޓުވަން ހެދި ގާނޫނު ވެސް އެބައޮތެވެ. ދެރައީ އެއީ ހިރަފުސް އަރުވަން ކަމާ ބެހޭ އިދާރާތަކުން ދޫކޮށްފައިވާ ގާނޫނަކަށް ވީ ކަމެވެ.
ގާނޫނު ހަރުކަށި، އެކަމަކު އެސައިންޓްމަންޓްގެ ވިޔަފާރި ކުރާ މީހުންނާ ކުޅެވޭކަށް ނެތް؟!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ