ޖަލުތަކުގެ ހާލަތު އިންތިހާއަށް ގޯސްވެ ގައިދީންގެ އިންސާނީ ހައްގުތައް ގެއްލިގެންދާ މައްސަލަ މަޖިލީހަށް

ދިވެހިރާއްޖޭގެ ޖަލުތަކުގެ ހާލަތު އިންތިހާއަށް ދަށްވެ، ބަންދުގައި ތިބޭ ގައިދީން އެތައް އިންސާނީ ހައްގަކުން މަހުރޫމްވަމުންދާ މައްސަލައިގައި އާންމުންގެ ހުރި ކަންބޮޑުވުންތަކާ ގުޅިގެން މޯލްޑިވްސް ކަރެކްޝަންސް ސާވިސްގެ އިސްވެރިން މަޖިލީހަށް ހާޒިރު ކުރުމަށް އެދިއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ އަށް އެޑްރެސްކުރައްވައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު، މުހައްމަދު އިބްރާހިމް (ކުޑޫ) ފޮނުވި ސިޓީގައި ވަނީ ޖަލުތަކުގެ ހާލަތާމެދު އާންމު ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތައް ހިއްސާކުރައްވައިފަ އެވެ.
އެގޮތުން، ޖަލުތަކުގެ ކެޕޭސިޓީއަށްވުރެ އިތުރަށް އެ ތަންތަނުގައި ގައިދީން ބައިތިއްބާ މައްސަލަ އާއި ކުށްވެރިން ކެޓެގަރައިޒް ނުކުރާ މައްސަލައިގެ އިތުރުން ގައިދީންނަށް އެކަށީގެންވާ މިންވަރަށް ބޭސްފަރުވާގެ ކަންކަން ހަމަޖައްސައި ނުދޭ މައްސަލައިގެ ކަންބޮޑުވުންތައް އެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.
އޭގެ އިތުރުން، ޖަލުތަކުގެ އާންމު ސާފުތާހިރުކަން ދަށްވުމާއި ވާނުވާ ބަންދުގައި ގިނަ ދުވަސްތަކެއް ވެއަތު ކުރަންޖެހުމުގެ ސަބަބުން ގެއްލިގެންދާ ހައްގުތަކާއި ކުށުގެ ވެށިން މީހުން ސަލާމަތް ކުރުމަށްޓަކައި އެއްވެސް ޕްރޮގްރާމެއް ޖަލުގައި ނުހިންގާ މައްސަލައިގެ ކަންބޮޑުވުން އެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.
އަދި، ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނު ގައިދީންނަށް ވިޔަފާރިކުރަން ނުލިބުމާއި ޖަލުގައި ކާންދޭ އެއްޗެހީގެ ފެންވަރު ދަށްވުމާއި ޖަލުގައި ބަންދުކޮށްފައި ތިބޭ އަންހެނުންނަށް ބޭނުންވާ އަސާސީ ތަކެތި ހޯދުމުގައި އިދާރީ ދަތިތަކާއި ހުރަސްތައް ހުންނަކަން އެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.
އެ ސިޓީގައި ކުޑޫ އެދިފައި ވަނީ ކަރެކްޝަންސްގެ އިސްވެރިން މަޖިލީހަށް ހާޒިރުކޮށް އެ މައްސަލަތައް ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތައް ސާފުކުރުމުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީގެ މެންބަރުންނަށް ޖަލަށް ޒިޔާރަތް ކުރެވޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ