ކުޑަކުދިން ލައްވައި މަސްތުވާތަކެތީގެ ވިޔަފާރިކުރުވުން: އެކަކުގެ ބަންދު އިތުރުކޮށް، އަނެއް މީހާ ދޫކޮށްލައިފި
ކުޑަކުދިން ބޭނުންކޮށްގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ގއ. ވިލިނގިލިން ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އަނެއް މީހާ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލައިފިއެވެ. މި މައްސަލައާ ގުޅިގެން މި މަހުގެ އެއްވަނަ ދުވަހު ފުލުހުން ހައްޔަރުކޮށްފައިވަނީ ގއ. ވިލިނގިލި، އެތެންސް، މުޙައްމަދު ޢަތޫފް ޙަބީބް (25އ) އާއި އެ ރަށު ދެތަޑިމާގެ، މުޙައްމަދު ރާއިފް ޙުސައިން (20އ) އެވެ. މީގެ ތެރެއިން ޢަތޫފްގެ ބަންދަށް ފުރަތަމަ ދިން 15 ދުވަހުގެ މުއްދަތު ހަމަވުމުން، ކޯޓަށް ހާޒިރުކުރުމުން އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ. ނަމަވެސް، މި މައްސަލާގައި ހިމެނޭ ރާއިފް ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާ ޝަރުތުތަކާއެކު ދޫކޮށްލާފައެވެ. https://sun.mv/222722 މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ކުޑަކުދިން ބައިވެރިކޮށްގެން މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް އަމާޒުކޮށް، ވިލިނގިލީ ފުލުހުންނާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަނުގެ ދަށުން އެ ރަށުގެ ހަތަރު ގެއެއް ބަލައި ފާސްކޮށް، ޖުމްލަ 67 ގުރާމްގެ މަސްތުވާތަކެތި ފުލުހުން ވަނީ އަތުލައިގެންފައެވެ. ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އަތުލައިގަތް ތަކެތީގެ ތެރޭގައި ހިމެނެނީ 54 ގުރާމްގެ ބްރައުން ޝުގާ އާއި 13 ގުރާމުގެ މެތަމްފެޓަމައިން އެވެ. މި މައްސަލަ ފުލުހުން މިހާރު ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ކުޑަކުދިން މިފަދަ ނުރައްކާތެރި ކުށްތަކުގައި ބައިވެރިކުރުމަކީ މީގެ ކުރިން ވެސް ފާހަގަކުރެވިފައިވާ ކަންބޮޑުވުން އޮތް މައްސަލައެކެވެ. ފުލުހުން އަންނަނީ މިފަދަ ނެޓްވޯކްތައް ހޯދައި ފިޔަވަޅު އެޅުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ