ޕޭޕަލް ރާއްޖެއަށް ތައާރަފުވުމަކީ ކުދި ވިޔަފާރިތަކަށް ލިބުނު ކުރިއެރުމެއް: ބީސީސީ

އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ތައާރަފްވެގެން ދިއުމަކީ ރާއްޖޭގެ ކުދި ވިޔަފާރިތަކަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީއިން ވިދާޅުވެއްޖެއެވެ.
ބީސީސީއިން ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށާއި ވަކިން ޚާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތުގެ ދަށުން އުރީދޫ އެމް- ފައިސާ މެދުވެރިކޮށް ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ރަސްމީކޮށް ތައާރަފްވެގެންދިއުމަކީ ރާއްޖޭގެ ކުދި ވިޔަފާރިތަކަށާއި، އަމިއްލަ އުފެއްދުންތެރިންނަށާއި އަދި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ބައިނަލްއަޤްވާމީ ބާޒާރުތަކަށް ފަސޭހަކަމާއެކު ފުރުސަތު ހޯދުމަށް ހުޅުވިގެންދިޔަ މުހިންމު ދޮރެއްކަމަށެވެ. މީގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ކަސްޓަމަރުންގެ އަތުން ރައްކާތެރިކަމާއެކު ފައިސާ ބަލައިގަނެ، ދިވެހި އުފެއްދުންތައް ބައިނަލްއަޤްވާމީ ފެންވަރުގައި މާކެޓްކުރުމުގެ މަގު ފަހިވެގެންދާނެކަމަށެވެ.
ދިވެހިރާއްޖޭގެ ޑިޖިޓަލް އިޤްތިޞާދު ހަރުދަނާކޮށް، ވިޔަފާރިވެރިންނަށް ހުރި ހުރަސްތައް ނައްތާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކަށާއި، މިކަން ހަޤީގަތަކަށް ހެއްދެވުމަށް އެމަނިކުފާނު ކުރެއްވި އިހްލާސްތެރި މަސައްކަތްޕުޅަށްޓަކައި ބީސީސީއިން ވަނީ ކުދި ވިޔަފާރިތަކުގެ ނަމުގައި ރައީސްއަށް ޝުކުރު ދަންނަވާފައެވެ.
މި ލިބުނު ފުރުސަތުގެ ބޭނުން އެންމެ ރަނގަޅަށް ހިފައި ދިވެހި އުފެއްދުންތެރިކަން ދުނިޔޭގެ ބާޒާރަށް ނެރެ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކުގެ މާލީ ތަނަވަސްކަން އިތުރުކުރުމަށް މަސައްކަތް ކުރުމަށް ރާއްޖޭގެ ހުރިހައި ވިޔަފާރިވެރިންނަށާއި އުފެއްދުންތެރިންނަށް އެ ކޯޕަރޭޝަނުން ވަނީ ގޮވާލާފައެވެ.
ޕޭޕަލްގެ ޚިދުމަތް ލިބޭނީ އުރީދޫގެ އެމްފައިސާ މެދުވެރިކޮށެވެ. މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޚިދުމަތް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއެވެ.
ރާއްޖެއަކީ ގިނަ އަދަދެއްގެ އުފެއްދުންތެރިން ތިބި ގައުމެކެވެ. ދިވެހި ރައްޔިތުންނަށް ޒަމާނީ އޮންލައިން ޕޭމަންޓް ސިސްޓަމްތަކާއި އިލެކްޓްރޯނިކް ވޮލެޓްތައް (އީ-ވޮލެޓް) މެދުވެރިކޮށް މާލީ މުޢާމަލާތްތައް ފަސޭހަކަމާއެކު ކުރެވޭނެ މަގު ތަނަވަސްކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.
ޕޭޕަލްއަކީ އޮންލައިންކޮށް ފައިސާ ފޮނުވާ ލިބިގަތުމަށް ފަހި ކޮށްދިނުމުގެ ގޮތުން ހަދާފައިވާ އެޕްލިކޭޝަނެއް ނުވަތަ އީ-ވޮލެޓެކެވެ. ޕޭޕަލްގެ ޙިދުމަތާއެކު ދިވެހި ވިޔަފާރިވެރިންގެ އުފެއްދުންތައް ބޭރުގެ ބާޒާރުތަކުގައި މާކެޓްކޮށްގެން، އޭގެއިން އާމްދަނީ ހޯދުމަށް ވަރަށް ފަހި ފުރުސަތެއް ހުޅުވިގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ