ހުރިހާ ހަރަދެއް ދޭ، އެމްއެމްއޭގެ ސްކޮލަޝިޕަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފި
މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، (އެމްއެމްއޭ) ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެމްއެމްއޭއިން އާންމުކުރި ގެޒެޓުގައިވާ ގޮތުން މި ފުރުސަތުގެ ދަށުން ބެޗްލާސް ޑިގްރީ، މާސްޓާސް ޑިގްރީ އަދި ޕީއެޗްޑީ ފެންވަރަށް މެލޭޝިޔާގެ މަޝްހޫރު ޔުނިވާސިޓީތަކުން ކިޔެވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ސްކޮލަޝިޕްގެ ދަށުން ކިޔެވުމަށް ހަމަޖެހިފައިވަނީ މެލޭޝިޔާގެ ތިން ޔުނިވާސިޓީއެއްގައެވެ. އޭގެ ތެރޭގައި ހިމެނެނީ، ސެލަންގޯ އިސްލާމިކް ޔުނިވަސިޓީއިން ބެޗްލަ އޮފް އެކައުންޓިން، އިންޓަނޭޝަލް އިސްލާމިކް ޔުނިވާސިޓީއިން މާސްޓަ އޮފް ލޯސް އަދި މާސްޓާ އޮފް އިކޮނޮމިކްސް އެވެ. މީގެ އިތުރުން އިންސީފް ޔުނިވަސިޓީއިން އިސްލާމިކް ފައިނޭންސް ނުވަތަ އެޕްލައިޑް މުއާމަލާތުގެ ދާއިރާއިން ޕީއެޗްޑީ ހާސިލުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ސްކޮލަޝިޕްތަކަށް ހޮވޭ ފަރާތްތަކަށް ކިޔެވުމުގެ ހުރިހާ ޚަރަދެއް އެމްއެމްއޭއިން ހަމަޖައްސައިދޭނެއެވެ. މީގެ ތެރޭގައި ޓިއުޝަން ފީއާއި ޔުނިވަސިޓީއަށް ދައްކަންޖެހޭ އެހެނިހެން ޚަރަދުތަކުގެ އިތުރުން، ދިރިއުޅުމުގެ ޚަރަދު، ބުކް އެލަވަންސް، އެސްޓެބްލިޝްމަންޓް އެލަވަންސް އަދި ޑިޕާޗަ އެލަވަންސް ހިމެނެއެވެ. މީގެ އިތުރުން ދެކޮޅު ޓިކެޓާއި، ވިސާ ޚަރަދާއި ހެލްތު އިންސުއަރެންސްވެސް މި ސްކޮލަޝިޕްގެ ދަށުން ހަމަޖައްސައިދޭނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ. ބެޗްލާސް ޑިގްރީއަށް ކުރިމަތިލާ ފަރާތްތަކުން އޭލެވެލް ބިޒްނަސް ސްޓްރީމްގެ 3 މާއްދާއިން 'ސީ' ފާސް ލިބިފައިވުމާއެކު އޯލެވެލް މެތަމެޓިކްސްއިން 'ބީ' ފާސް ލިބިފައިވާންޖެހެއެވެ. މާސްޓާސް އަދި ޕީއެޗްޑީއަށް ކުރިމަތިލާ ފަރާތްތަކުން ކޯހާ ގުޅޭ ދާއިރާއަކުން ދަށްވެގެން ފުރަތަމަ ޑިގްރީ ނުވަތަ މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވާންޖެހެއެވެ. މީގެ އިތުރުން އިނގިރޭސި ބަހުގެ ފެންވަރު ބެލުމަށް އައި.އީއެލް.ޓީ.އެސް ނުވަތަ ޓީ.އޯ.އީ.އެފް.އެލް ނަތީޖާ ހުށަހަޅަންޖެހެއެވެ. މި ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ 30 ޖޫން 2026 ވާ އަންގާރަ ދުވަހުގެ 14:00 އެވެ. ކޯސް ފުރިހަމަކުރުމަށްފަހު، މި ސްކޮލަޝިޕްގެ ދަށުން ކިޔަވާ ފަރާތްތަކުން 5 އަހަރު ދުވަހުގެ މުއްދަތަށް ދިވެހިރާއްޖެއަށް ޚިދުމަތް ކުރުމަށް ބޮންޑުކުރެވޭނެ ކަމަށްވެސް އެމްއެމްއޭއިން ވަނީ ހާމަކޮށްފައެވެ. މި ފުރުސަތަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން އެމްއެމްއޭއިން ކަނޑައަޅާފައިވާ އޮންލައިން ފޯމު މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެކަމަށް އެ ބޭންކުން ބުނެއެވެ. އަދި އިތުރު މަޢުލޫމާތު ހޯދުމަށް އެމްއެމްއޭގެ ޓްރެއިނިން ސެކްސަނާ ގުޅުއްވުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ