މަޝްވަރާ ކުރާކަށް ނުނިންމަން، ރައީސް މައުމޫން ހެއްދެވީ ދޮގެއް: އެމްޑީޕީ

އެމްޑީޕީއާއި ސަރުކާރާއެއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވާ ވާހަކައަކީ ދޮގެއް ކަމަށާއި މަޝްވަރާ ކުރުމާގުޅޭ ގޮތުން އެމްޑީޕީގެ ނިންމުމަށް ބަދަލެއް ނުގެންނަ ކަމަށް އެޕާޓީ އިން ބުނެފި އެވެ.
އެމްޑީޕީ އިން މިހެން ބުނީ، މިދިޔަ އަނގާރަ ދުވަހު އިންޑިޔާގެ މަޝްހޫރު ތިންކް ޓޭންކް، އޮބްޒާވަރ ރިސާޗް ފައުންޑޭޝަންގެ ދައުވަތަކަށް އިންޑިޔާގެ ވެރިކަން ކުރާ ނިއުދިއްލީ އަށް ވަޑައިގެން ރާއްޖޭގެ ސިޔާސީ މަޝްރަހާ ގުޅުވައި ރައީސް މައުމޫން ދެއްކެވި ވާހަފުޅުގައި ސަރުކާރުން އެމްޑީޕީއާއެކު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފައިވާ ކަމަށްބުނެ އެވެ.
"ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޖަލު ހުކުމާ ގުޅޭ ގޮތުން ސަރުކާރުން އެމްޑީޕީއާއެކު މަޝްވަރާ ކުރުމާއި ގުޅޭގޮތުން މައުމޫން ދެއްކެވި ވާހަކަތަކަކީ އިތުރުފުޅެއް. ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކުރުމަށް އެމްޑީޕީ އަދި އަދާލަތު ޕާޓީގެ ނިންމުމަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަމަށް ތަކުރާރުކުރަން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
ސަރުކާރުން އިސް ނަގައިގެން އެމްޑީޕީއާއެކު ބޭއްވުމަށް ރޭވި ހާއްސަ މަޝްވަރާ ބައްދަލުވުމަށް ވެސް އެޕާޓީއިން ހާޒިރު ވެފައެއް ނުވެއެވެ. އެހެން ކަމުން ސަރުކާރުން ބުނެފައިވަނީ ބޭރުގެ ފަރާތްތަކުގެ އެހީ ހޯދައިގެން ނަމަވެސް މަޝްވަރާތަކަށް އެމްޑީޕީ މޭޒު ކައިރިއަށް ގެނައުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ