ހަވީރު މުވައްޒަފުންނަށް ހުކުމް ކުރުމުގައި ފަނޑިޔާރު އަމަލުކުރީ ގާނޫނު އަސާސީއާ ހިލާފަށް: ދައުލަތް

ދެ އަހަރު ދުވަސް ވަންދެން ހަވީރު ނޫން އެހެން މީޑިއާގެ އެއްވެސް ވަސީލަތެއްގައި މަސައްކަތް ނުކުރެވޭނެ ކަމަށް ކަނޑައަޅައި ހަވީރުގައި އޭރު އުޅުނު މުވައްޒަފުންގެ މައްޗަށް ހުކުމް ކުރުމުގައި ފަނޑިޔާރު އަމަލުކުރީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް އޭޖީ އޮފީހުން ބުނެފި އެވެ. ހަވީރު ނޫހާއި އެ ނޫހަށް ނިސްބަތްވާ ވިޔަފާރިތަކުގައި މަސައްކަތް ކުރި މީހަކު އެހެން މީޑިއާއެއްގައި މަސައްކަތް ކުރާ ނަމަ އެ މީހެއްގެ މައްޗަށް ފިޔަވަޅު އެޅުމަށް ހޯމް މިނިސްޓްރީއަށް އަމުރުކޮށް، ދެ އަހަރު ދުވަހަށް ހިނގާ ގޮތަށް ސިވިލް ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ. އެ ހުކުމާ ގުޅިގެން، އެއަށް އަމަލު ނުކުރެވޭނެ ކަމަށާއި ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ ތެރެއިން އެއްވެސް މުވައްޒަފަކާ މެދު އެޅިދާނެ އަދި އެޅޭނެ ފިޔަވަޅެއް ނެތް ކަމަށް ހޯމް މިނިސްޓްރީ ހިންގުމާ ހަވާލުވެހުންނެވި ބަންޑާރަ ނައިބު މުހައްމަދު އަނިލް މީޑިއާގައި ވިދާޅުވުމުން ސިވިލް ކޯޓުން ޖުލައި ހަތަރު ވަނަ ދުވަހު ވަނީ ބަންޑާރަ ނައިބަށް ގޮންޖައްސަވައި، އެ އަމުރަށް އަމަލުކުރުމަށް އަމުރު ކޮށްފަ އެވެ. އެ މައްސަލަ ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގައި މައްސަލަ ހުށަހަޅުއްވަމުން އޭޖީ އޮފީހުގެ ވަކީލާ ވިދާޅުވީ ހަވީރު ނޫހުގައި މަސައްކަތް ކުރި މުވައްޒަފުންނަށް ދެ އަހަރު ދުވަސްވަންދެން އެހެން މީޑިއާއެއްގައި މަސައްކަތް ނުކުރެވޭނެ ކަމަށް އަންގައި ކުރި ހުކުމަކީ ގާނޫނު އަސާސީއާ ހިލާފަށް ފަނޑިޔާރު ކޮށްފައިވާ ހުކުމެއް ކަމަށެވެ. ގާނޫނު އަސާސީގެ 142 ވަނަ މާއްދާއާ ހަވާލާދެއްވައި ދައުލަތުގެ ވަކީލާ ވިދާޅުވީ ފަނޑިޔާރުން އަމަލުކުރަން ޖެހޭނީ ގާނޫނު އަސާސީއާއި ގާނޫނުތަކުގައި ބުނެފައިވާ ގޮތަށް ކަމަށެވެ. އަދި ގާނޫނު އަސާސީއާ ގާނޫނުތަކުގައި ބުނެފައި ނުވާކަމެއް ނަމަ އިސްލާމީ ޝަރީއާއަށް ބަލަން ޖެހޭނެ ކަމަށް ވަކީލާ ވިދާޅުވި އެވެ. ހަވީރު މުވައްޒަފުންގެ މައްޗަށް ކުރި ހުކުމަކީ ގާނޫނު އަސާސީގެ 37 ވަނަ މާއްދާއާ ހިލާފަށް މިނިވަންކަމާ އެކު މަސައްކަތް ކުރުމުގެ ހައްގު ކޮންމެ މީހަކަށް މަސައްކަތް ކުރެވޭނެ ކަމަށް ބުނާ ހައްގު ނިގުޅައިގަނެ ކޮށްފައިވާ ހުކުމެއް ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ. ހަވީރު މުވައްޒަފުންގެ މައްޗަށް ކުރި ހުކުމް ދައުލަތުގެ ފަރާތުން އިސްތިއުނާފު ކުރީ ކީއްވެތޯ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް ވަނީ ސުވާލު އުފައްދަވާފަ އެވެ. ފަނޑިޔާރު ރައޫފް ވަނީ "މައްސަލަ އިސްތިއުނާފު ކުރީ ދައުލަތުގެ މައްސަލަހަތެއް ހިމާޔަތް ކުރަންތޯ ނުވަތަ ހަވީރު މުވައްޒަފުންގެ މަސަލަހަތެއް ހިމާޔަތް ކުރަންތޯ" ވަކީލުންނާ ސުވާލު ކުރައްވަފަ އެވެ. ދައުލަތުގެ ވަކީލާ ވިދާޅުވީ ދައުލަތުން މައްސަލަ އިސްތިއުނާފު ކުރީ އެ ހުކުމަށް ހަވީރުގެ މުވައްޒަފުން އަމަލު ނުކުރާ ނަމަ އަދަބު ދިނުމަށް ދައުލަތުގެ މުއައްސަސާއެއް ކަމަށްވާ ހޯމް މިނިސްޓްރީއަށް ލާޒިމް ކޮށްފައިވާތީ ކަމަށެވެ. އަދި އެ ހުކުމަކީ ދައުލަތަށް ތަންފީޒު ކުރެވޭނެ ހުކުމެއް ނޫން ކަމަށް ވަކީލާ ވިދާޅުވި އެވެ. އެއީ ގާނޫނު އަސާސީއާ ހިލާފަށް އެފަދަ ހުކުމެއް ތަންފީޒު ނުކުރެވޭތީ ކަމަށް ވަކީލާ ވަނީ ވިދާޅުވެފަ އެވެ. އޭގެ އިތުރުން ދިވެހި ރައްޔިތުންނަށް ގާނޫނު އަސާސީއިން ލިބިދޭ ހައްގުތަށް ކަށަވަރުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއްކަމަށް ވެސް ވަކީލާ ވަނީ ވިދާޅުވެފަ އެވެ. ހަވީރުގެ މުވައްޒަފުންގެ މައްޗަށް ކުރި ހުކުމަކީ ގާނޫނު އަސާސީގެ 25 ވަނަ މާއްދާގެ (ހ) ގައި ބުނާ އެއްވެސް މީހަކު ލައްވައި މަޖުބޫރުން މަސައްކަތް ކުރުވައިގެން ނުވާނެ ކަމަށް ބުނެފައިވާ ބުނުމާ ހިލާފު ހުކުމެއް ކަމަށް ވެސް ދައުލަތުން ވަނީ ބުނެފަ އެވެ. ދައުލަތުގެ އެވާހަކައާ ގުޅިގެން ފަނޑިޔާރު ރައޫފް ވަނީ 25 ވަނަ މާއްދާގެ (ށ) ގައި ހުކުމެއް ތަންފީޒު ކުރުމުގެ ގޮތުން މަސައްކަތް ކުރަން ޖެހުމަކީ މަޖުބޫރުން މަސައްކަތް ކުރެވިގެން ނުވާނެ ކަމަށް ބުނެފައިވާ މާއްދާ އާ ތައާރުޒުވާނެ ކަމެއް ނޫން ކަމަށް ގާނޫނު އަސާސީގައި ބުނެފައިވޭތޯ ވަކީލުންނާ ސުވާލު ކުރައްވާފަ އެވެ. މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ ފަނޑިޔާރު އަބްދު ރައޫފް އިބްރާހިމް އާއި ފަނޑިޔާރު އަލީ ސަމީރު އާއި ފަނޑިޔާރު އަބްދުﷲ ދީދީ އެވެ. ހަވީރު މުވައްޒަފުންގެ މައްޗަށް ކުރި ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމުގެ އަމުރަކަށް ވެސް ދައުލަތުން ވަނީ އެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ