އިތުރު ގޮތެއް ނެތުމުން ކޫމަން ނެދަލެންޑްސް ކޯޗުކަމުން އިސްތިއުފާދީފި

ނުއޭވޯ ލެއޯން، މެކްސިކޯ (ޖުލައި 1) - މި ފަހަރުގެ ވޯލްޑް ކަޕުން ކެޓުމުން މަގާމުގައި ދެން އިތުރަށް ހުރެވޭނެ ގޮތެއް ނުފެންނަ ކަމަށް ބުނެ، ރޮނާލްޑް ކޫމަން އެ ޓީމުގެ ކޯޗުކަމުން އިސްތިއުފާދީފި އެވެ. 
މި ފަހަރުގެ ވޯލްޑް ކަޕްގެ ނޮކައުޓް ފުރަތަމަ ބުރުގައި، ގަދަ 32 ޓީމު ވާދަކުރާ ރައުންޑުގައި މޮރޮކޯ ކޮޅަށް ނެދަލެންޑްސްގެ ކޯޑީ ގަކްޕޯގެ ގޯލުން ދެ ވަނަ ހާފުގައި އެ ޓީމުން ލީޑުނެގި އެވެ. މޮރޮކޯ އިން އެއްވަރުކުރީ އިތުރު ވަގުތުގެ ހަ މިނިޓްގެ ތެރެއިން ފުރަތަމަ މިނިޓްގައި އީސާ ދިއޮޕް ޖެހި ގޯލުންނެވެ. ނަތީޖާ ނެރެން ޕެނަލްޓީ ޖަހަން ޖެހުނުއިރު، ނެދަލެންޑްސް ބަލިވީ 3-2 އިންނެވެ. 
ވޯލްޑް ކަޕުން ނެދަލެންޑްސް ކެޓުމާ ގުޅިގެން ކޯޗު ރޮނާލްޑް ކޫމަންގެ މުސްތަގުބަލާ މެދު ސުވާލު އުފެދުނު ނަމަވެސް، ޖަޒުބާތުގައި ޖެހިގެން މަގާމުން ވަކިވުމުގެ އަވަސް ނިންމުމެއް ނުނިންމާނެ ކަމަށް އޭނާ ބުނެފި. މޮރޮކޯ އަތުން ބަލިވި މެޗުގައި ކޫމަން ބޭނުންކުރި ޓެކްޓިކްސްއަށް އަމާޒުވި ފާޑުކިޔުންތަކަށް ރައްދުދެމުން، އޭނާ ވަނީ އެ ނިންމުންތަކަށް ދިފާއުކޮށްފައި
އެ މެޗަށް ފަހު، ކޫމަންގެ މުސްތަގުބަލާ ގުޅޭގޮތުން ސުވާލުކުރުމުން، އޭނާ ބުނެފައިވަނީ، ޖަޒުބާތުގައި ޖެހިގެން ނިންމުމެއް ނިންމުމުގެ ބަދަލުގައި، ވަގުތު ކޮޅެއް ނަގައިގެން ވިސްނާލުމަށް ފަހު، މުސްތަގުބަލާ ގުޅޭގޮތުން ނިންމުމެއް ނިންމާނެ ކަމަށެވެ. 
އެ ގޮތުން، ނެދަލެންޑްސްގެ ފެޑެރޭޝަނާ މަޝްވަރާ ކުރުމަށް ފަހު ކޫމަން ވަނީ މަގާމުން އިސްތިއުފާދޭން ނިންމައިފަ އެވެ. އޭނާ އެކަން އިއުލާންކުރީ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގަ އެވެ. އެ ގޮތުން ކޫމަން ބުނެފައިވަނީ، މި ވަގުތަށް ބަލާއިރު، އޭނާއާ އެކު ނެދަލެންޑްސް ޓީމު ކުރިއަށް ދިއުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ނުފެންނަ ކަމަށެވެ. 
"ނެދަލެންޑްސްގައި އަހަރެންގެ މަސައްކަތް މި ނިންމާލަން ޖެހުނު ގޮތާ މެދު ވަރަށް ހިތާމަކުރަން. އަހަރެން ބޭނުންވި ވޯލްޑް ކަޕަކާ އެކު ނިންމާލަން. އެއީ، ނެދަލެންޑްސް އަށް ވަރަށް ތާރީހީ ކަމަކަށްވާނެ އެކަން ހާސިލްކުރެވުނު ނަަމަ. އެކަމަކު، އެކަން ނުވެ މިދިޔައި،" ކޫމަން ބުންޏެވެ. 
ކޫމަން ބުނީ، ކަންކަން ދިޔަ ގޮތުން އޭނާ އަށް ވުރެން ބޮޑަށް މާޔޫސްވެފައި ހުރި އެކަކު ވެސް ނުހުންނާނެ ކަމަށެވެ.
"ކޯޗެއްގެ ގޮތުގައި ހުރެ މި ޒިންމާ ނަގަން މި ޖެހެނީ ވަރަށް ކެރިގެން. އެ ގޮތަށް އަހަންނަށް ގަބޫލުކުރެވެނީ، އެ ގޮތަށް އަހަންނަށް އަބަދުވެސް އިހުސާސް ކުރެވެނީ ވެސް،" ކޫމަން ބުންޏެވެ. 
ކޫމަން، އެންމެ ފުރަތަމަ ނެދަލެންޑްސްގެ ކޯޗަކަށް ހުރީ، 2018 އިން 2020 އަށެވެ. އޭގެ ފަހުން، ބާސެލޯނާ އަށް ބަދަލުވި އެވެ. އަލުން، ނެދަލެންޑްސްގެ ކޯޗުކަމާ ކޫމަން ހަވާލުވީ 2023 ވަނަ އަހަރު އެވެ. ފުރަތަމަ ނެދަލެންޑްސް ކޯޗުކަން ކުރިއިރު، އެ ޓީމާ އެކު ނުކުތް 20 މެޗުގެ ތެރެއިން، 11 މެޗުން މޮޅުވެ، ފަސް މެޗު އެއްވަރުވިއިރު، ހަތަރު މެޗު ނިމުނީ ބަލިވެގެންނެވެ. ދެ ވަނަ ފަހަރަށް އެ ޓީމުގެ ކޯޗުކަމާ ހަވާލުވެ، 44 މެޗުގައި އެ ޓީމަށް ކޯޗުކޮށްދިނެވެ. އެ ޓީމަށް 24 މެޗުން މޮޅެއް ހޯދައިދިންއިރު، 11 މެޗުން ބަލިވެ، ނުވަ މެޗު ވަނީ އެއްވަރުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ