ސްޕެއިން އަށް ވުރެން ފްރާންސް މޮޅެއް ނޫން: ޔަމާލް

ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 1) - ފްރާންސް އަކީ ސްޕެއިނަށް ވުރެން މޮޅު ޓީމެއް ނޫން ކަމަށް އެ ޓީމުގެ ތަރި، ލަމީން ޔަމާލް ބުނެފި އެވެ 
ޔަމާލް މި ގޮތަށް ބުނެފައިވަނީ، މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރާނެ ކަމަށް ފޭވަރިޓެއްގެ ގޮތުގައި ގިނަ ބަޔަކު ބުރަވަނީ ފްރާންސް ކަމަށް ބުނެ އަމާޒުވި ސުވާލަަކަށް ދިން ޖަވާބުގަ އެވެ. 
"އެ މީހުން (ފްރާންސް) އަހަރެމެން ބަލިކޮށްފައެއް ނެތް ޔޫރޯ ފަހުންނެއް. އެހެންވީމަ، އަހަރެމެންނަށް ވުރެން އެ މީހުން މޮޅެކޭ ނުބުނެވޭނެ،" ނޫހަކަށް ދިން އިންޓަވިއުއެއްގައި ޔަމާލް ބުންޏެވެ. 
މީގެ ދެ އަހަރު ކުރިން، ސްޕެއިނުން ޔޫރޯގެ ޗެމްޕިއަންކަން ހޯދިއިރު، ސެމީ ފައިނަލުގައި ފްރާންސް ބަލިކުރި އެވެ، އެކަމަކު، މި ފަހަރުގެ ވޯލްޑް ކަޕްގައި ސްޕެއިނަށް ވުރެން ބޮޑަށް ފްރާންސް ފެންނަނީ ފޯމުގައި އޮތްތަނެވެ. ފްރާންސް އިން ގްރޫޕް ސްޓޭޖުގެ ތިން މެޗުން ތަފާތު ބޮޑުކޮށް މޮޅުވެ، ނޮކައުޓް ބުރުގައި ސްވިޑެން ކަޓުވާލައި، ގަދަ 16 އަށް ވަނީ ދަތުރުކޮށްފަ އެވެ. ސްޕެއިނުން، ގްރޫޕްގެ ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވިއިރު، އަލަށް ވާދަކުރާ ކޭޕް ވާޑްއާ ވީ އެއްވަރެެވެ. 
ޔަމާލް ބުނީ، ހަގީގަތުގައި ގްރޫޕް ސްޓޭޖުގައި ހިނގާ ކަންކަމަކީ މުބާރާތް ކުރިއަށްދާން ބަލާއިރު މާ މުހިންމު ކަމެއް ނޫން ކަމަށެވެ. 
"ގްރޫޕް ސްޓޭޖުގައި ހިނގާ ގިނަކަންކަން ހަގީގަތުގައި މާނައެއް ނެތް،" ޔަމާލް ބުންޏެވެ. 
މުޅިން އަލަށް ވޯލްޑް ކަޕެއްގައި ކުޅެމުން އަންނަ 18 އަހަރުގެ ޔަމާލް ބުނީ އޭނާ ދެކޭގޮތުގައި މުބާރާތުގައި ފޭވަރިޓެއް ނެތް ކަމަށެވެ. 
"އަހަރެން ގަބޫލެއް ނުުކުރަން އަދި ފޭވަރިޓެއް އޮތް ކަމަށް. ވަރަށް ރަނގަޅު ވާހަކައެއް ފްރާންސް އެ އައީ ވަރަށް ރަނގަޅު ލެވަލެއްގައި، ވަރަށް ރަނގަޅު ފޯމެއްގައި ކުޅެމުން ވެސް އެ އަންނަނީ. ވަރަށް ރަނގަޅު ކުޅުންތެރިން ވެސް އެ މީހުންގެ އެބަތިބި. އެކަމަކު، އެއީ، ދެން ތިބި ހުރިހާ ކުޅުންތެރިންނަށް ވުރެން މޮޅެއް ނޫން،" ޔަމާލް ބުންޏެވެ. 
ސްޕެއިނުން ގަދަ 32 ޓީމު ކުޅޭ ނޮކައުޓް ފުރަތަމަ ބުރުގައި ބައްދަލުކުރަން ޖެހެނީ އޮސްްޓްރިއާއާ އެެވެ. އެ މެޗު، އޮތީ ބުރާސްފަތި ދުވަހު އެވެ. 
ފްރާންސާއި ސްޕެއިން ވެސް ހިމެނެނީ ނޮކައުޓް ބްރެކެޓްގެ އެއް ފަޅީގަ އެވެ. އެހެންކަމުން، ސްޕެއިނާއި ފްރާންސުން މެޗުތަކުން މޮޅުވަމުންދާނަމަ، ސެމީ ފައިނަލުގައި ބައްދަލުކުރަން ޖެހުމުގެ ފުރުސަތު އެބައޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ