ބޮސްޓަން، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 1) - މި ފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ޖުމްލަކޮށް ބަލާއިރު ޖަރުމަނަށް ރަނގަޅަށް ދިޔަ ކަމެއް އޭނާ އަށް ނުފެންނަ ކަމަށް ޖަރުމަނު ޓީމުގެ ކެޕްޓަން، ޖޯސުއާ ކިމިޗް ބުނެފި އެވެ.
ޖަރުމަނުން މި ފަހަރުގެ ވޯލްޑް ކަޕް ފެށި މެޗުން އަލަށް ވޯލްޑް ކަޕްގައި ކުޅުނު ކިއުުރުސާއޯ އަތުން 7-1 އިން މޮޅުވިއިރު، ދެ ވަނަ މެޗުގައި ފަހަތުން އަރައި 2-1 އިން އައިވަރީ ކޯސްޓް އަތުން މޮޅުވި އެވެ. އެކަމަކު، ގްރޫޕްގެ ފަހު މެޗުން 2-1 އިން އެކުއެޑޯ އަތްދަށުވެ، ނޮކައުޓް ބުރު ފަށަން ޖެހުނީ އެންމެ ބޭނުންވި ފޯމުގައެއް ނޫނެވެ. އެންމެ ފަހުން، ދެ ވޯލްޑް ކަޕްގައި، 2018 އާއި 2022 ގައި ގްރޫޕް ސްޓޭޖުން ކެޓި ޖަރުމަނުން މި ފަަހަރުގެ މުބާރާތުގައި ކެޓީ ނޮކައުޓް ފުރަތަމަ ބުރުގަ އެވެ.
އެއީ، ގަދަ 32 ޓީމު ކުޅޭ ބުރުގައި ޕެރަގުއޭއާ 1-1 އިން އެއްވަރުވެ، ޕެނަލްޓީގައި، 4-3 އިން ބަލިވެގެންނެވެ. މިއީ ޖަރުމަނު ފުޓްބޯޅަ ތާރީހުގައި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގައި ޕެނަލްޓީ ޝޫޓައުޓެއްގައި ބަލިވި ފަހަރެވެ.
ކިމިޗް ބުނީ، ކަންތައްތައް ދިޔަ ގޮތަށް ބަލާއިރު ޖަރުމަނު މި މުބާރާތުން ކެޓުން ހައްގު ކަމަށެވެ.
"އަހަރެމެންނަށް ތިން މެޗުގައި ވެސް ދިޔަަކޮށް، ބޭނުންވި ގޮތަކަށް ކަންކަން ނުކުރެވުނު އިދިކޮޅަށް ނުކުތް ތިން ޓީމަކީ ވޯލްޑް ކްލާސް ޓީމުތަކެއް ނޫން،" ކިމިޗް ބުންޏެވެ.
"ދަނޑު މަތީގައި އަހަރެމެން ކުޅުންތެރިންނަށް ޓީމެއްގެ ގޮތުގައި ޒިންމާ ނަަގައިގެން ހަގީގަތުގައި ކުރެވުނު ކަމެއް ނެތް. އެއީ، މީގެ އެންމެ ބޮޑަށް ކަންބޮޑުވާން ޖެހޭ ކަމަކީ،"
ކިމިޗް ބުނީ، އެކި ފަރާތްތަކަށް ތުހުމަތުތަކުގެ އިނގިލި ދިމާކުރުމުގެ ކުރިން ކުޅުންތެރިން އަމިއްލަ އަކަށް ވިސްނަން ޖެހޭ ކަންކަން އެބަހުރި ކަމަށެވެ.
"މިއީ، ކޯޗު ޒިންމާ ނަގަން ޖެހޭ ކަމެއް ނޫން. މިއީ، މީޑިއާ ޒިންމާ ނަގަންޖެހޭ ކަމެއް ނޫން. މިއީ، ރެފްރީ ކުރި ކަމެއް ނޫން. މިއީ، އިދިކޮޅު ޓީމު ކުރި ކަމެއް ވެސް ނޫން. މިއީ އަހަރެމެން އަމިއްލަ އަށް ވިސްނަން ޖެހޭ ކަންކަން، ކިހާ ހިސާބެއްގައިތޯ އަހަރެމެން އަމިއްލަ އަށް މި ކަމަށް ވިސްނަންވީ،" ހިތްހަމަނުޖެހިފައި ހުރެ ކިމިޗް ބުންޏެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގެ ނޮކައުޓް ފުރަތަމަ ބުރުން ޖަރުމަނު ކެޓި ކަމުގައި ވިޔަސް، އެ ޓީމުގެ ކޯޗުގެ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް ހޫލިއަން ނާގަލްސްމަން ބުނެފި އެވެ.
ކިމިޗް ބުނީ ވޯލްޑް ކަޕް ދިޔައީ ޖަރުމަނަށް ގޯސްކޮށް ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ