2،000 ހަމަކޮށް، އުމަރު އެދުނީ "ހުދު ވަލުގައި" ހިފަން

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަ ކުރައްވަން ނިންމަވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ކެންޑިޑަސީ ފޯމާ އެކު ހުށަހަޅަން 2,000 ސޮއި ހަމަކޮށްފިއެވެ. ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާނަމަ ކެންޑިޑެސީ ފޯމް ހުށަހެޅޭނީ 1،500 މީހުންގެ ސޮޔާ އެކުއެވެ. އެހެންކަމުން އުމަރު ގެންދަވަނީ ކެންޑިޑެސީ ފޯމު ފުރިހަމަ ކުރުމުގެ އިދާރީ މަސައްކަތްތައް ކުރައްވަމުންނެވެ އެކަން އިއުލާން ކުރުމަށް އުމަރުގެ ކެމްޕެއިން ޓީމުން ލައިވް ކުރި ފޭސްބުކް ވީޑިއޯގައި އުމަރު ވިދާޅުވީ، ފޯމާ އެކު ހުށަހަޅަން ޖެހޭ ސޮއި ކުރުމުގެ މަސައްކަތް ފެށީ މީގެ ފަސް ދުވަސް ކުރިން ކަމަށާއި، މިހާތަނަށް ދެ ހާސް ސޮއި ހަމަކޮށްފައިވާ ކަމަށެވެ. އުމަރު ވިދާޅުވީ، ސޮއި ހޯދުމަށް އިއުލާން ނުކުރި ނަމަވެސް ވަރަށް ގިނަ ފަރާތްތަކުން އަމިއްލައަށް ގުޅާ، ސޮއި ކުރަން ބޭނުންވާ ކަމަށް ބުނެފައިވާ ކަމަށާއި، ސޮއި އިތުރު ކުރުމަށް ވަރަށް ގިނަ ގެ ތަކަށް ވަޑައިގެންނެވުމަށް ގަސްތު ކުރައްވާ ކަމަށެވެ. މީގެ އިތުރުން އުމަރު ވިދާޅުވީ، ކެމްޕެނަކަށް ވުރެ ބޮޑަށް، ގައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރާ ހަރަކާތަކަށް އެ މަސައްކަތް ބަދަލުވެފައިވާ ކަމަށެވެ. "އަޅުގަނޑަށް ފާހަގަ ކުރެވުނީ މިއީ ކެމްޕޭނަކަށް ވުރެ ބޮޑަށް ހަރަކާތެކޭ. މޫވްމެންޓަކަށް މިހާރު ބަދަލު ވެއްޖެ. ވަރަށް ގިނަ އާންމުން މީގަ ބައިވެރިވެ، މި ހުދު ވަލުގައި ވަރަށް ގިނަ ބަޔަކު ހިފައިފި," އުމަރު ވިދާޅުވިއެވެ. އުމަރު ވިދާޅުވީ، އޭނާ ކުރައްވަމުން ގެންދަވާ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނެވި ބޭފުޅަކާ ދެކޮޅަށް، އެ ބޭފުޅަކު މަގާމުން ވަކި ކުރުމަށް ކުރިއަށް ގެންދާ ކެމްޕޭނެއް ނޫން ކަމަށާއި، އެއީ ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް، ގައުމު އައު މިސްރާބަކަށް ގެންދިއުމަށް ފެށްޓެވި މަސައްކަތެއް ކަމަށެވެ. ރިޔާސީ އިންތިޚާބަށް އުމަރުގެ ކެމްޕެއިން ފުޅާ ކޮށްފައި ވާއިރު، އޭނާ ވަނީ މާލެ ސަރަހައްދުގައި ދޮރުން ދޮރަށް ހަރަކާތް ވެސް ފަށައިފައެވެ. އުމަރު ވިދާޅުވީ، އޭނާގެ އަމާޒަކީ ބޮޑެތި މައްސަލަތަކުގެ ތެރެއިން މަސްތުވާ ތަކެތީގެ މައްސަލަ ތަކާއި، ގޭންގު ކުށްތައް ހުއްޓުވައި ގައުމަށް ހަމަޖެހުމާއި އަމާންކަން ގެނެސްދިނުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ