އެމެރިކާއިން އީރާނާއެކު މަޝްވަރާތައް ކުރިއަށް ގެންދާކަމަށް ޓްރަމްޕް ބުނެފި

އެމެރިކާއިން އީރާނާއެކު މަޝްވަރާތައް ކުރިއަށް ގެންދާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
ޓްރަމްޕް މީގެ އިރުކޮޅެއްކުރިން ފްލޮރިޑާގައި ނޫސްވެރިންނާއި ވާހަކަދައްކަމުން ވިދާޅުވީ އެމެރިކާއިން އީރާނާއެކު މަޝްވަރާތައް ބާއްވާފައިވާ ކަމަށާއި، ދެ ގައުމުގެ ދެމެދުގައި "އެއްބަސްވެވޭ މުހިންމު ކަންތައްތަކެއް" އެބަހުރި ކަމަށެވެ. ޓްރަމްޕް ވިދާޅުވީ އާދީއްތަ ދުވަހު ކުރިއަށްދިޔަ ވާހަކަތައް ހޯމަ ދުވަހުވެސް ކުރިއަށްދާނެ ކަމަށާއި، މަޝްވަރާތައް ބިނާކުރަނިވި ގޮތެއްގައި ކުރިއަށްދާނަމަ ވަރަށް އަވަހަށް އެއްބަސްވުމަކަށް އާދެވޭނެ ކަމަށެވެ. ޓްރަމްޕް އިތުރަށް ވިދާޅުވީ މި މަޝްވަރާތައް ކުރިއަށް ގެންދިޔައީ އޭނާގެ މެދުއިރުމަތީގެ މަންދޫބު ސްޓީވް ވިޓްކޮފް އާއި ދަނބިދަރިކަލުން ޖެރެޑް ކުޝްނަރ ކަމަށެވެ. މަޝްވަރާތަކުގައި އީރާންގެ ފަރާތުން ބައިވެރިވާ ފަރާތްތަކުގެ ތަފްސީލެއް ޓްރަމްޕް ނުދެއްވައެވެ.
ޓްރަމްޕް ނޫސްވެރިންނާއި ބައްދަލުކުރީ ހޮރްމޫޒް ކަނޑުއޮޅި މިއަދު ނުހުޅުވައިފިނަމަ އީރާންގެ ޖަނަރޭޓަރުގެތަކަށާއި ހަކަތަ އުފައްދާ ކާރުހަނާތަކަށް ހަމަލާދޭނެ ކަމަށް ކުރިން ދީފައިވާ އިންޒާރަށް އަމަލު ނުކުރާނެކަން އިއުލާން ކުރުމަށްފަހުއެވެ. ޓްރަމްޕް ވިދާޅުވީ އެހަމަލާތައް ފަސް ދުވަހަށް ފަސް ކޮށްފައިވާ ކަމަށެވެ.
އީރާނާއެކު ކުރެވޭ މަޝްވަރާތައް ނާކާމިޔާބުވެއްޖެނަމަ، އެމެރިކާއިން "ބޮން އެޅުން ހުއްޓާނުލާ ކުރިއަށް ގެންދާނެ" ކަމަށް ވެސް މިއަދު ޓްރަމްޕް ވިދާޅުވިއެވެ. ޓްރަމްޕް އިތުރަށް ވިދާޅުވީ އީރާނުގެ ވެރިކަން ބަދަލުކުރުމުގެ ވަރަށް ސީރިއަސް މަސައްކަތްތަކެއް ކުރެވޭނެ ކަމަށާއި "ފަހަރެއްގައި ވެނެޒުއޭލާއިން ފެނުނު ފަދަ ލީޑަރަކު އަހަރެމެން ހޯދާނަން" ކަމަށާއި ނުވަތަ އީރާނުގައި ގުޅިފައިވާ ލީޑަޝިޕެއް އޮވެދާނެ ކަމަށެވެ.
އީރާނަކީ އޮތް ނުރައްކަލެއް ކަމަށް ޓްރަމްޕް ވިދާޅުވާ ވިދާޅުވުން މިއަދު ވެސް ތަކުރާރު ކުރެއްވެވިއެވެ. އެމެރިކާ އާއި އީރާނާ ދެމެދު މަޝްވަރާކުރެވޭ 15 ނުކުތާއެއް އެބައޮތް ކަމަށާއި ނިއުކްލިއާ ހަތިޔާރު ނުގެންގުޅުމަށް އީރާނުން ވަނީ އެއްބަސްވެފައި ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
އީރާނުގެ ރޫހީ ލީޑަރު މުޖްތަބާ ޚާމަނާއީގެ ޚަބަރެއް ލިބިފައިނުވާ ކަމަށާއި، އޭނާ އަވަހާރަކޮށްލަން ބޭނުންނުވާ ކަމަށް ޓްރަމްޕް މިއަދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ