ހަނގުރާމައިގައި ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރަން އެދުނުކަން ސިފައިންގެ ވެރިޔާއަށް އެނގިވަޑައިނުގަންނަވާ! ހަނގުރާމައިގައި ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރަން އެދުނުކަން ސިފައިންގެ ވެރިޔާއަށް އެނގިވަޑައިނުގަންނަވާ!

އެމެރިކާ އާއި އިޒްރޭލުން އިރާނާ ދެކޮޅަށް ފަށައިގެން އުޅޭ ހަނގުރާމައިގައި ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރަން ގައުމަކުން އެދިފައިވާކަން އެނގިވަޑައިނުގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރަން އެދިފައިވާކަން އެނގިވަޑައިނުގަންނަވާ ކަމަށް މުއިއްޒު ވިދާޅުވިއިރު، ބައެއް ގައުމުތަކުން ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދައަށް އެދުނުކަން ހާރިޖީ ވަޒީރު އަބްދުﷲ ހަލީލް އިއްޔެ ވަނީ ހާމަ ކުރައްވައިފަ އެވެ.
އެކަމަކު، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރަން އެދިފައިވާކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.
"އަޅުގަނޑަކަށް ނެތް ތި [ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދައަށް އެދިފައިވާކަމުގެ] މައުލޫމާތު ލިބިފައެއް. ގައިމުވެސް އެދިފިއްޔާ، އަޅުގަނޑާ ހަމައަށް އައިސިއްޔާ ވަގުތުން ރިޖެކްޓު ކުރާނަން،" ރައީސް ވިދާޅުވި އެވެ.
ނަމަވެސް، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އެކުލަވާލި ކެބިނެޓު ކޮމިޓީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ވަނީ ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރަން އެދުމުން އެކަމަށް އިންކާރުކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ.
"ރާއްޖޭގެ އަމާންކަމާ އިގްތިސާދު ހިމާޔަތްކުރުން އެންމެ ފުރަތަމަ ކަމަކަށް. އޭގެ ދަށުން ރާއްޖޭގެ ވައިގެ ސަރަހައްދުން އެއްވެސް ގައުމަކަށް، އެއްވެސް ގައުމަކަށް ހަމަލާ ދިނުމަށް ބޭނުންކުރެވިފައި ނުވާނެކަން އަޅުގަނޑު ހަމަ ދަންނަވާލަން އަދި އެފަދައިން އަންނަ ރިކުއެސްޓްތައް ވެސް އަޅުގަނޑުމެން ރިޖެކްޓް ކުރަމުންދާކަން އަޅުގަނޑު ތިބޭފުޅުންގެ މައުލޫމާތަށްޓަކައި ދަންނަވަން،" ހަލީލް ވިދާޅުވި އެވެ.
ދިވެހިރާއްޖޭގެ ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުން ސިފައިންގެ އެންމެ މަތީ ވެރިޔާއަކީ ރައީސުލްޖުމްހޫރިއްޔާ އެވެ. އެހެންކަމުން، ރާއްޖޭގެ ގައުމީ ސަލަމާތާ ގުޅޭ މިފަދަ ބޮޑު ކަމެއް ރައީސް މުއިއްޒަށް އެނގިވަޑައިނުގެންނެވި ސަބަބެއް ނޭނގެ އެވެ. އެފަދަ މައުލޫމާތެއް ރައީސްއަށް ނާންގައި ބޭއްވުން ވާނީ ޖިނާއީ ކުށަކަށް ކަމަށް ބެލެވެ އެވެ.
ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރަން އެދުނީ ކޮން ގައުމެއްތޯ ނޫސްވެރިން ސުވާލުކުރުމުން، މިނިސްޓަރު ހަލީލް ވިދާޅުވީ ގައުމުތަކުގެ މެދުގައި ދެކެވޭ އެފަދަ ވާހަކަތަކަކީ އެ ގައުމުތަކުގެ އިޒުނަޔާ ނުލައި ހާމަކުރާ މައުލޫމާތުތަކެއް ނޫން ކަމަށެވެ.
ވަކި ގައުމެއް ހަލީލް ވިދާޅުނުވި ނަމަވެސް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރަން އެދުނީ އެމެރިކާއިން ކަމަށް ބެލެވެ އެވެ. މި ހަނގުރާމައިގައި އިރާނުން މިސައިލް ފޮނުވަނީ އެ ގައުމުންނެވެ. އެކަމަކު އެމެރިކާއިން ހަމަލާދެމުން އަންނަނީ އެ ގައުމުގެ ބޭސްތަކާއި މަނަވަރުތަކާއި ފައިޓާ ޖެޓްސް ބޭނުންކޮށްގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ