ސިނަމާލެ އަދި މާލެހިޔާ ފްލެޓުތަކުގެ ތަފްސީލީ އެސެސްމެންޓެއް ހަދައިދޭނެ ބަޔަކު ހޯދަނީ

ސިނަމާލެ އަދި މާލެހިޔާ ފްލެޓުތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަަސައްކަތާ ގުޅޭ ޓެންޑާ ލިޔެކިޔުންތައް ތައްޔާރުކުރުމަށްޓަކާ، އެ ތަންތަނުގެ ތަފްސީލީ އެސެސްމެންޓެއް ހެދުމަށް ކޮންސަލްޓެންސީ ދޭނެ ބަޔަކު ހޯދަން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން އިއުލާނުކޮށްފި އެވެ.
ވީ ކިހިނެއް؟ - އެ މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނީ މި މަސައްކަތަށް ޝައުގުވެރިވާ ރާއްޖޭގެ ކުންފުނިތަކަށާއި ކޮންސަލްޓެންޓުންނަށް ފުރުސަތު ހުޅުވާލާ ކަމަށެވެ.
ތަފްސީލް - މި މަސައްކަތުގެ އާރުއެފްޕީ ކަރުދާސް ވެސް މިނިސްޓްރީން ވަނީ އާންމުކޮށްފަ އެވެ.
އެ ކަރުދާހުގައިވާ ގޮތުން، ސިނަމާލެ އަދި މާލެހިޔާ އިމާރާތްތަކުގެ ހާލަތު ދެނެގަތުމަށް އެ ތަންތަނުގެ ތަފްސީލީ ސްޓްރަކްޗްރަލް، އާކިޓެކްޗަރަލް، މެކޭނިކަލް އަދި އިލެކްޓްރިކަލް އިވެލުއޭޝަނެއް ހަދަން ޖެހެ އެވެ. އަދި އިމާރާތްތައް ހަލާކުވުމުގެ ސަބަބުން ތަނުގައި ދިރިއުޅޭ މީހުންނަށް ހުތި ނުރައްކާތައް ވެސް ދެނެގަންނަން ބޭނުންވެ އެވެ.
އިމާރާތްތަކުގެ ތަފްސީލީ އެސެސްމެންޓެއް ހަދާ، އެ ތަންތަން މަރާމާތުކޮށް މެއިންޓެނެންސް މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް ބޭނުންވާ ޓެކްނިކަލް މައުލޫމާތު ވެސް އެ މަސައްކަތް ކުރާ ފަރާތުން ސަރުކާރަށް ފޯރުކޮށްދޭން ޖެެހެ އެވެ. 
އެގޮތުން، މާލެހިޔާ އަދި ސިނަމާލެ އިމާރާތްތަކުގެ މެއިންޓެނެންސް އަދި މަރާމާތުގެ މަސައްކަތްތައް ކުރިއަށް ގެންދަން ރައްކާތެރި ޓެކްނިކަލް ގައިޑްލައިންތަކާއި އިންޖިނިއަރިން ސްޕެސިފިކޭޝަންސް އަދި ކުރެހުންތަކާއި ރިޕެއާ މެތޮޑަލަޖީތައް ފޯރުކޮށްދޭން ވެސް ޖެހެ އެވެ.
މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެެ 31 ވަނަ ދުވަހުގެ މެންދުރުފަހު 1ގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން ޖެހެ އެވެ.
ގުޅުން ހުރި - ސިނަމާލެ އަދި މާލެހިޔާ ފްލެޓުތައް މަރާމާތު ކުރުމާ ގުޅޭ މަސައްކަތްތައް ހައުސިން މިނިސްޓްރީން ފަށާއިރު، އެތަންތަން 1 އަހަރުދުވަހުގެ މުއްދަތަށް މަރާމާތުކޮށް ބަލަހައްޓައިދޭނެ ބަޔަކު ހޯދަން މާލެ ސިޓީ ކައުންސިލުން ވަނީ އިއުލާނުކޮށްފަ އެވެ.
ސިނަމާލެ އާއި މާލެހިޔާ ފްލެޓްތައް ތަޅާލައި އެތަނުގައި ބޯހިޔާވަހިކަމުގެ އާ މަޝްރޫއެއް ހިންގުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މާލޭ މޭޔަރު ކަމުގައި ހުންނެވިއިރު އެ މަޝްރޫއު ހިންގަން ފާސް ވެސް ކުރި އެވެ. އެ މަނިކުފާނުގެ އޭރުގެ ވިސްނެވުމަކީ މިހާރު އެތަނުން ފްލެޓް މިލްކުކޮށްފައިވާ މީހުންނަށް އާ މަޝްރޫއުން ހިލޭ ފްލެޓް ދީ، އިތުރު ބަޔަކަށް ވެސް ފްލެޓް ދިނުމެވެ.
އެކަމަކު އެ އިމާރާތްތައް ބާވެ، ވީރާނާވާން ދޫކޮށްލާފައިވާކަމުގެ ޝަކުވާއާ އެކު މިދިޔަ ޑިސެމްބަރުގައި ރައީސް މުއިއްޒު ގަލޮޅު ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި، ގިނަ ކަންބޮޑުވުންތަކެއް އެތަނުގައި ދިރިއުޅޭ މީހުން ފާޅުކުރި އެވެ.
އެއަށް ފަހު ރައީސް މިހާރު ނިންމަވާފައިވަނީ:
ފްލެޓްތަކުގެ ހާލަތާއި ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާގެ ކަންކަމުގައި ހުރި ކަންބޮޑުވުންތަކާ ގުޅިގެންނާއި ފްލެޓްތައް ބާވެ، ސްޓްރަކްޗާ ހަލާކުވެ، ހައްލެއް ހޯއްދައިނުދެވި ގިނަ ދުވަސްވެފައި ވާތީ، މި ފްލެޓްތަކުގެ މީހުންނަށް އިނާޔަތެއްގެ ގޮތުގައި 1 ލައްކަ ރުފިޔާ ދިނުމަށް
އެ ތަންތަން މަރާމާތުކުރުމަށް އެސެސްމެންޓެއް ހަދަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ