ފަހަތުން އަރައި ރާއްޖެ ބަލިކޮށް ލަންކާއިން ފެށުން ރަނގަޅުކޮށްފި

ރާއްޖޭގައި މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ދިވެހިރާއްޖެއިން ކުޅުނު ފުރަތަމަ މެޗުން ލަންކާ އަތުން ބަލިވެއްޖެއެވެ.
ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗުން ރާއްޖެ ބަލިވީ 2-3 ގެ ނަތީޖާއަކުންނެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި މެެޗުން ރާއްޖެ ބަލިވެފައި ވަނީ ދެ ލަނޑުގެ ލީޑެއްގައި އޮއްވައި، ފަހަތުން އަރައި ތިން ލަނޑު ޖަހައިގެންނެވެ.
މެޗު ފަށައިގެން އެންމެފުރަތަމަ ރާއްޖޭގެ ގޯލަށް ނުރައްކާކުރީ ލަންކާ ޓީމުންނެވެ. ރާއްޖޭގެ ޑިފެންސް ލައިނުން ހެދި ގޯހެއްގެ ފައިދާ ނަގައި ލަންކާ ޓީމުން ތަނަވަސްކުރި މި ފުރުސަތުގައި ރާއްޖޭގެ ކީޕަރު ޒަހްރާން ޙަސަން ވަނީ ވަރަށް ހުށިޔާރުކަމާއެކު ކުރިއަށް ޖެހި ބޯޅަ ދިފާއުކޮށްފައެވެ.
ލަންކާގެ މި ހަމަލާއަށްފަހު ރާއްޖެއިން ވަރަށް ބޮޑަށް ކުޅުން ރަނގަޅުކޮށް، ކުރިއަށް ޖެހިގެން ކުޅުނުއިރު، ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފައިވެއެވެ.
ޙާއްސަ ގޮތެއްގައި ރާއްޖޭގެ އުއްމީދީ ތަރިން ކަމުގައިވާ އީތަން އިބްރާޙީމް ޒަކީ އާއި މުޙައްމަދު އިލާން އިމްރާން ފެނިގެންދިޔައީ ލަންކާ ޓީމަށް ގިނަ ނުރައްކާތަކެއް ކުރިމަތިކުރުވި ދެ ކުޅުންތެރިންނަށެވެ.
ލަނޑެއް ޖެހުމަށް ރާއްޖެއިން ކުރަމުންދިޔަ ވަރުގަދަ މަސައްކަތުގައި ކާމިޔާބީ ލިބި، ލަނޑެއް ޖަހައި ލީޑުނެގީ 28 ވަނަ މިނެޓުގައެވެ. ކައުންޓަރ އެޓޭކެއްގައި އަޙްމަދު މިކްޔަލް މުއީން ތަނަވަސްކޮށްދިން ފުރުސަތެއްގައި ލަންކާގެ ކީޕަރު ޝާތިން ޝަހީދު ކައިރިން ނައްޓާލުމަށްފަހު މި ލަނޑު ރާއްޖެއަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އިލާން އެވެ.
މި ލަނޑަށްފަހު ވެސް ރާއްޖެއިން ވަނީ ލަނޑުޖަހަން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
ރާއްޖެއިން އުފެއްދި ރަނގަޅު ދެ ހަމަލާއެއް ހުއްޓުވަން އުޅުމުގެ ތެރޭގައި ލަންކާގެ ކީޕަރު ޝާތިންއަށް އަނިޔާވެފައިވާއިރު، ދެވަނަ ފަހަރު ލިބުނު އަނިޔާއާ ގުޅިގެން މެޗުގެ 45 ވަނަ މިނެޓުގައި ލަންކާ ޓީމުން ވަނީ އޭނާ ބަދަލުކޮށްފައެވެ. ޝާތިންގެ ބަދަލުގައި ލަންކާގެ ގޯލު ބެލެހެއްޓުމުގެ ޒިންމާއާ ހަވާލުވީ ބަދަލު ކީޕަރު ނަޑާލް ސެނަޕާލާއެވެ.
އިތުރު ވަގުތުގެ ގޮތުގައި މި ހާފުގައި ހަ މިނެޓު ދެއްކި ނަމަވެސް، ކީޕަރު ޝާތިންއަށް ފަރުވާ ދިނުމަށް ގިނަ ވަގުތުތަކެއް ހޭދަވުމާ ގުޅިގެން އިތުރު ވަގުތުގެ ގޮތުގައި 12 މިނެޓު ކުޅެފައިވެއެވެ.
ރާއްޖެއިން ދެވަނަ ލަނޑު ޖަހައި ލީޑުފުޅާކުރީ އިތުރުވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައެވެ. ރާއްޖޭގެ އަޙްޒަމް ރަޝީދު ގޯލާ ދިމާލަށް ހުރަސްކޮށްދިން ބޯޅައެއްގައި، ލަންކާގެ ކީޕަރު ކުރިއަށް ޖެހި ބޯޅަ ދިފާއުކުރުމަށް އުޅުމުގެ ތެރޭގައި ހެދުނު ގޯހަކުން ތަނަވަސްވި ފުރުސަތެއްގައި މުޅިން ހުސް ގޯލެއްގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން މި ލަނޑު ވެސް ރާއްޖެއަށް ކާމިޔާބުކޮށްދިނީ އިލާނެވެ.
ދެ ލަނޑުގެ ލީޑެއްގައި އޮވެ ރާއްޖެއިން ދެވަނަ ހާފު ފެށި ނަމަވެސް، މި ހާފު ފަށައިގެން ފުރަތަމަ މިނެޓުގައި ލަންކާއިން ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު ލަންކާ ޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ކަތީނެވެ.
ލަނޑަށްފަހު ލަންކާ ޓީމުން އިތުރު ހިތްވަރެއް ލައިގެން ކުޅެމުން ދިޔައިރު ގާތްގާތުގައި ރަނގަޅު ފުރުސަތުތަކެއް ވެސް ތަނަވަސްކޮށް ހަމަލާތަކެއް އުފައްދަން މަސައްކަތްކޮށްފައިވެއެވެ.
މެޗުގައި ރާއްޖެއިން ފުރަތަމަ ބަދަލު ގެނައީ 54 ވަނަ މިނެޓުގައެވެ. ރާއްޖޭގެ ޙުސެއިން ގައިސް މުޙައްމަދުގެ ބަދަލުގައި ކުޅެން އަރާފައި ވަނީ ޔޫސުފް އަޔާން އާމިރެވެ.
ރާއްޖެ ކޮޅަށް ދެވަނަ ލަނޑުޖަހައި ލަންކާއިން ނަތީޖާ ހަމަހަމަކުރީ 62 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު ހިޖާޒީއެވެ.
މެޗުގައި ލަންކާއިން ލީޑު ނެގީ 85 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖެހި ލަނޑުންނެވެ. ޕެނަލްޓީގައި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު ވެސް ލަންކާ ޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ކަތީމެވެ.
މި މޮޅާއެކު ލަންކާ، މި ގުރޫޕުގެ އެއްވަނައިގައި އޮތީ ތިން ޕޮއިންޓާއެކު، ޖެހި ލަނޑުން ކުރި ލިބޭތީއެވެ. ދެވަނައިގައި އޮތް ނޭޕާލަށް ވެސް ތިން ޕޮއިންޓު ލިބިފައިވާއިރު، ތިންވަނައިގައި އޮތް ރާއްޖެއަށް އަދި ފުލުގައި އޮތް ބޫޓާނަށް ޕޮއިންޓެއް ލިބިފައި ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ