ވިހި އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ދެ ގޯލުގެ ލީޑެއް ހޯދާފައިވަނިކޮށް، ސްރީ ލަންކާއިން ރާއްޖެ ބަލިކޮށްފިއެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި ކުރިއަށްދާ އެ މުބާރާތުގައި މިރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ކުޅެމުންދިޔަ ރާއްޖޭގެ މައްޗަށް ލަންކާއިން ކުރި ހޯދާފައިވަނީ 3-2 ގެ ނަތީޖާއަކުންނެވެ. އެ މެޗު ރާއްޖެއިން ފަށާފައިވަނީ، އުންމީދީ ދެ ކުޅުންތެރިންގެ ގޮތުގައި ފާހަގަކޮށްލެވޭ ކެޕްޓަން މުހައްމަދު އިލާން އިމްރާނާއި އީތަން އިބްރާހިމް ޒަކީ ވެސް ހިމަނައިގެންނެވެ.
ރަނގަޅު ކުޅުމަކާއެކު މެޗުގެ 28 ވަނަ މިނެޓުގައި ރާއްޖެއިން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ރާއްޖެއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އިލާންއެވެ. އޭނާ އެ ގޯލު ކާމިޔާބުކުރީ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ލަންކާގެ ކީޕަރު ޝާތިން ޝަހީދު ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ހަމަލާއަކުންނެވެ.
މެޗު ޑޮމިނޭޓުކޮށްގެން ކުޅެމުންދިޔަ ރާއްޖެއިން ވަނީ މެޗުގެ ފުރަތަމަ ހާފުގެ އިތުރުވަގުތުކޮޅުގެ ތެރޭގައި ދެވަނަ ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ލަންކާގެ ކީޕަރު ޝާތިން ޝަހީދަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ހުސް ގޯލަށް ބޯޅަ ފޮނުވާލައިގެން ރާއްޖެއަށް އެ ގޯލު ވެސް ކާމިޔާބުކޮށްދިނީ ކެޕްޓަން އިލާންއެވެ. އެ ގޯލާއެކު މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ރާއްޖެ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފު ވަރުގަދަކޮށް ފަށައި ލަންކާއިން ވަނީ ހާފު ފެށިތާ ތިން މިނެޓުތެރޭ ހިތްގައިމު ގޯލެއް ކާމިޔާބުކޮށްފައެވެ. ލަންކާގެ މުހައްމަދު ކަތީމު، ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާ، ގޯލުގެ ތެރެއަށް ވަދެފައިވަނީ ރާއްޖޭގެ ކީޕަރު ޒަހްރާން ހަސަން ޒިޔާދުގެ ބޯމަތިންނެވެ.
މެޗުގެ 63 ވަނަ މިނެޓުގައި އިތުރު ގޯލެއް ޖަހައި ލަންކާއިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. ލަންކާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އަހުމަދު ހިޖާޒީއެވެ. ރާއްޖޭގެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ޕެނަލްޓީ އޭރިއާ ބޭރުން އޭނާ ފޮނުވާލި ހަމަލާ އަމާޒުވެފައިވަނީ ރާއްޖޭގެ ގޯލުގެ ތިރީ ކަނަކަށެވެ. އެ ގޯލުގައި ރާއްޖޭގެ ޑިފެންސްގެ ގޯސްތަކެއް ފާހަގަވެގެންދިޔައެވެ.
މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް، ލަންކާއިން ވަނީ ޕެނަލްޓީއަކުން ފަހަތުން އަރައި ލީޑު ހޯދައިފައެވެ. ލަންކާއަށް އެ ޕެނަލްޓީ ލިބިފައިވަނީ ޕެނަލްޓީ އޭރިއާ ތެރެއިން ލަންކާގެ މުހައްމަދު ކަތީމަށް ރާއްޖޭގެ ކީޕަރު ޒަހްރާން ކުރި ފައުލަކާ ގުޅިގެންނެވެ. ގޯލުގެ މަތީ ކަނަކަށް ބޯޅަ އަމާޒުކޮށްލައިގެން ލަންކާއަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ ހުސައިން އަބްދުﷲ އެވެ.
މެޗުގެ ދެވަނަ ހާފުގެ އިތުރުވަގުތުކޮޅުގެ ތެރޭގައި އިލާންއަށް ހެޓްރިކެއް ފުރިހަމަކޮށް، ރާއްޖެއަށް ނަތީޖާ ހަމަހަކޮށްދިނުމަށް ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އިލާން ފޮނުވާލި ހަމަލާ، ލަންކާގެ ކީޕަރު ޝާތިން ޝަހީދު ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.
މިއަދު ފެށުނު މުބާރާތުގައި ހަތް ޓީމެއް ވާދަކުރާ އިރު، މުބާރާތް ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ”ގްރޫޕު އޭ“ ގައި ހިމެނެނީ ރާއްޖޭގެ އިތުރުން ލަންކާ އާއި ބޫޓާން އަދި ނޭޕާލެވެ. އަދި ”ގްރޫޕު ބީ“ ގައި ހިމެނެނީ ބަންގުލަދޭޝް އާއި އިންޑިއާ އަދި ޕާކިސްތާނެވެ.
މުބާރާތް މިއަދު ފެށިގެންދިޔައީ ”ގްރޫޕު އޭ“ގައި ބޫޓާނާއި ނޭޕާލް ބައްދަލުކުރި މެޗުންނެވެ. އެ މެޗުގައި ނޭޕާލުން ވަނީ 2-1 ގެ ނަތީޖާއަކުން ބޫޓާން ބަލިކޮށްފައެވެ.
މުބާރާތުގެ ”ގްރޫޕު ބީ“ގެ މެޗެއް މާދަމާ ކުޅުމަށް ހަމަޖެހިފައިވާ އިރު، އެ މެޗުގައި ބައްދަލުކުރާނީ ބަންގުލަދޭޝް އާއި ޕާކިސްތާނެވެ. އެ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 3:45 ގައެވެ.
ރާއްޖެއިން ދެ ގޯލުގެ ލީޑެއް ހޯދި ނަމަވެސް، ފަހުވަގުތު ލަންކާ އަތުން ބަލިވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ